Roadha Mihaaru
އެމެރިކާ ސިފައިން ބޭލިޔަސް، ގާބިލްކަމަށް ހުރަހެއް ނެތް

އެމެރިކާ ސިފައިން ބޭލިޔަސް، ގާބިލްކަމަށް ހުރަހެއް ނެތް

21 ޖޫން 2021

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރިކަމުގައި ވިޔަސް، އަމިއްލަ ގައުމު ދިފާއު ކުރުމުގައި ސައޫދީ އަރަބިއްޔާ އަށް ލިބިގެންވާ ގާބިލްކަމަށް ހީނަރުކަމެއް ނާންނާނެ ކަމަށް، ގުޅިފައިވާ އަރަބި ލަޝްކަރުގެ ފަރާތުން ބުނެފި އެވެ.

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރިކަމުގައި ވިޔަސް، އަމިއްލަ ގައުމު ދިފާއު ކުރުމުގައި ސައޫދީ އަރަބިއްޔާ އަށް ލިބިގެންވާ ގާބިލްކަމަށް ހީނަރުކަމެއް ނާންނާނެ ކަމަށް، ގުޅިފައިވާ އަރަބި ލަޝްކަރުގެ ފަރާތުން ބުނެފި އެވެ.

ގުޅިފައިވާ އަރަބި ލަޝްކަރުގެ ތަރުޖަމާނު، ސައޫދީ އަރަބިއްޔާގެ ބްރިގޭޑިއާ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، ސައޫދީ އަރަބިއްޔާގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކޮށް އަދި އަސްކަރީ ގާބިލްކަން ދަށް ކުރި ކަމުގައި ވިޔަސް، ސައޫދީ އަރަބިއްޔާގެ ވައިގެ ދިފާއީ ގާބިލުކަމަށް އަސަރެއް ނުކުރާނެ ކަމަށެވެ.

އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ، ސައޫދީ އަރަބިއްޔާ އާއި މެދުއިރުމަތީގެ އިތުރު ތިން ގައުމެއްގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރަން ނިންމާފައިވާ ކަން، މިދިޔަ ހުކުރު ދުވަހު އެމެރިކާ އިން ހާމަކޮށްފައި ވަނިކޮށެވެ.

ސައޫދީ އަރަބިއްޔާ، އިރާގު، ކުވައިތު އަދި ޖޯޑްންގައި ހުރި އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ނިޒާމުތަކުގެ ތެރެއިން އަށް ނިޒާމެއް އަނބުރާ އެމެރިކާ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، ސައޫދީ އަރަބިއްޔާގައި ބެހެއްޓި، ބެލެސްޓިކް މިސައިލުން ދިފާއުވާ މިސައިލް ނިޒާމުވެސް، ސައޫދީން އަނބުރާ ގެންދަން އެމެރިކާ އިން މިހާރު ވަނީ ނިންމައިފަ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އަސްކަރީ ސާމާނުތައް މެދުއިރުމަތިން މަދުކުރާ އިރު، އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ސިފައިން ވެސް އަނބުރާ ގައުމަށް ގެންނަން މިހާރު ވަނީ ނިންމައިފަ އެވެ. ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން، ފޯނުން ކުރެއްވި މަޝްވަރާތަކަށް ފަހު، ސައޫދީގައި ތިބި އެމެރިކާ ސިފައިންގެ ބައެއް މީހުން، އެ ގައުމުން ފައިބަން ފެށީ މިމަހުގެ ކުރީކޮޅެވެ.

ޖެނެރަލް ތުރުކީ ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރަން ނިންމީ، ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ ގައުމުތަކުގެ މެދުގައި ވާހަކަ ދެކެވި މަޝްވާތަކެއް ކުރުމަށް ފަހު އެވެ. އަދި އެކަމަށް އެއްބަސްވެވުނީ، ސަރަހައްދުގައި މިހާރު ހުރި ނުރައްކާތަކާއި، ގުޅިފައިވާ ލަޝްކަރުގެ އަސްކަރީ ދިފާއީ ގާބިލްކަން އަޅައިކިޔުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިވަގުތު ސައޫދީ އަރަބިއްޔާ އަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ، އަވައްޓެރި ޔަމަންގައި ވަކި ވެރިކަމެއް އިއުލާންކޮށް، ޔަމަން ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހޫތީ ހަނގުރާމަވެރިންނެވެ. ޔަމަންގެ ތެރެއިން ސައޫދީ އަރަބިއްޔާގެ ތެރެއަށް މިދިޔަ ހޮނިހިރު ދުވަހު ހޫތީން ފޮނުވައިލި 17 ޑްރޯންއެއް ސައޫދީ ސިފައިން ހަމަލާދީ ވަނީ ވައްޓާލައިފަ އެވެ. ހޫތީން ޑްރޯން ފޮނުވަނީ އޭގައި ގޮވާތަކެތި ހަރުކޮށްފަ އެވެ.

ޔަމަންގެ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ފެށީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެވެ. ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ކުރަނީ، އީރާންގެ އަސްކަރީ މަދަދު ލިބިގެންނެވެ.

ހޫތީ ހަނގުރާމަވެރިން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ވެރިރަށް ސަންއާ އަށް ވަދެގަނެ އެ ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ، ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވާގިވެރިވާ ހަނގުރާމަވެރިންގެ މަދަދާ އެކުގަ އެވެ. އަދި ސަރުކާރުގެ ގިނަ އިދާރާތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، ސަރުކާރު ބަދަލުކޮށްފައިވާ ކަމަށް އިއުލާން ކުރި އެވެ.

ޖެހިގެން އައި 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، އިތުރު ސަރަހައްދުތަކަށް ހޫތީންގެ ބާރު ފެތުރުމާ އެކު، ރައީސް އަބްދު ރައްބު މަންސޫރު ހާދީ، ގައުމު ދޫކުރައްވައި ސައޫދީ އަރަބިއްޔާއަށް ވަޑައިގަތެވެ.

ސައޫދީ އަރަބިއްޔާ އިސްވެ އޮވެ، ހޫތީންނާ ދެކޮޅަށް އަސްކަރީ ގުޅުމެއް އުފައްދައި، ހޫތީންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރީ، 26 މާޗް 2015ގަ އެވެ. މި އަސްކަރީ ގުޅުމުގައި ހިމެނެނީ، ސައޫދީ އަރަބިއްޔާ، އެމިރޭޓްސް، ސޫދާން، ބަހްރައިން، ކުވައިތު، ގަތަރު، މިސްރު، ޖޯޑްން، މޮރޮކޯ، ސެނަގާލް އެވެ. މީގެ އިތުރުން، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ ފަންނީ އެހީތެރިކަން މި ގުޅުމަށް ފޯރުކޮށްދެ އެވެ.