Roadha Mihaaru
ޔޫކްރޭން ދުވަހަކުވެސް އަމާނެއް ނުދޭނެ: ޒެލެންސްކީ

ޔޫކްރޭން ދުވަހަކުވެސް އަމާނެއް ނުދޭނެ: ޒެލެންސްކީ

22 ޑިސެމްބަރ 2022

ރަޝިޔާގެ އުދުވާނުތައް ކިތަންމެ ވަރުގަދަ ވިޔަސް، އަދި ކިތަންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަސް، ޔޫކްރޭން ދުވަހަކު ވެސް ހަތިޔާރު ބަހައްޓައި އަމާން ނުދޭނެ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ އުދުވާނުތައް ކިތަންމެ ވަރުގަދަ ވިޔަސް، އަދި ކިތަންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަސް، ޔޫކްރޭން ދުވަހަކު ވެސް ހަތިޔާރު ބަހައްޓައި އަމާން ނުދޭނެ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ރޭ ބޭއްވި އެ މަޖިލީހުގެ ތިރިގެ އާއި މަތިގޭގެ ގުޅިފައިވާ ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުން، ރައީސް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގައި ހުރި ހުރިހާ ބާވަތެއްގެ ހަތިޔާރާއި ހުރިހާ ވަސީލަތްތަކެއް ވެސް ދަނީ ޔޫކްރޭނާ ދެކޮޅަށް ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް، ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ތިބި ޔޫކްރޭންގެ ހިތްވަރުގަދަ ސިފައިން، އެމީހުންގެ މަގާމުތަކުގައި ސާބިތުކަމާ އެކުގައި ދެމިތިބޭ ކަމަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ބަޚްމޫތުގައި މަދުވެގެން 70 ހާސް މީހުން ދިރިއުޅުނު. ނަމަވެސް މިހާރު އެ ސަހަރުގައި ތިބީ އާންމުންގެ ވަރަށް މަދު މީހެއް. އެ ބިމުގެ ކޮންމެ އިންޗިއެއް ވަނީ ލެއިން ތެމި ފޯވެފައި. ޔޫކްރޭންގެ ދޮންބާސްގައި ވެސް އެތައް ފަހަރަކު ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކޮށްފި. އެކަމަކުވެސް ދޮންބާސް އަދިވެސް އެ އޮތީ ޔޫކްރޭންގެ ބިމެއްގެ ގޮތުގައި،" ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ޒެލެންސްކީ އެ މަޖިލީހުގެ ފަރާތުން އެދިވަޑައިގަތީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުކަށިކޮށް ވަރުގަދަ ކޮށްދިނުމަށެވެ. އަދި ޓެރަރިސްޓުން އެ ހިންގާ އުދުވާނާ މެދު އެމީހުން ޒިންމާދާރު ކުރުވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

އޭގެ އިތުރުން އޭނާ ވަނީ، ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާގެ އިތުރު އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

"ތިޔަ ބޭފުޅުން ތި ދެއްވާ އެހީތެރިކަމަކީ ކުރައްވާ ޚައިރާތެއް ނޫން. އެއީ ބައިނަލްއަގުވާމީ ރައްކާތެރިކަމަށާއި ޑިމޮކްރެސީއަށްޓަކައި ކުރެވިގެންދާ އިންވެސްޓްމެންޓެއް. އަދި އަޅުގަނޑުމެން އެ އިންވެސްޓްމެންޓްގެ ކަންތައް ކުރިއަށް ގެންދާނީ އެންމެ ޒިންމާދާރުކަމާ އެކުގައި."

ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ އުދުވާނީ ހަމަލާތައް ޔޫކްރޭންގެ އާންމު ރައްޔިތުންނަށް ސީދާ ގޮތުން އަމާޒުކުރަމުންދާ ކަމަށެވެ. އެ ގޮތުން ފިނި މޫސުމުގެ ފިނިކަން އެންމެ ގަދަވެފައިވާ މި ދުވަސްވަރު، ޔޫކްރޭންގެ އިންޖީނުގެތަކަށާއި ކަރަންޓު ވިއުގަތަކަށް ހަމަލާދީ، ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރުވައިލުމުން، ގަދަ ފިނިން ރައްކާތެރިވެވޭނެ ގޮތެއް އާންމު ރައްޔިތުންނަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަނގުރާމަ ކިތަންމެ ހޫނުވެގެން ދިޔަސް، މިއަހަރު ވެސް ޔޫކްރޭން ރައްޔިތުން ކްރިސްމަސް ފާހަގަކުރާނެ. އަހަރެމެންގެ ގެތަކުގައި ކަރަންޓު ނެތަސް، އަހަރެމެންގެ ކިބައިގައިވާ އީމާންތެރިކަމުގެ އަލިކަން، އަހަރެމެންގެ ކިބައިން ނިގުޅައެއް ނުގަނެވޭނެ."

ރައީސް ޒެލެންސްކީގެ ތަގުރީރު ނިންމަވައިލެއްވީ، ރަޝިޔާގެ އުދުވާނީ ހަމަލާތަކުގެ މައްޗަށް ޔޫކްރޭނުން ކާމިޔާބު ހޯދާނެ ކަމަށް ވިދާޅުވަމުންނެވެ.

ރައީސް ޒެލެންސްކީގެ މި ދަތުރުފުޅަކީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޒެލެންސްކީގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާ އިން ފޯރުކޮށްދެމުންދާ މާލީ އަދި އަސްކަރީ އެހީތެރިކަމުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރުމެވެ.

ޔޫކްރޭނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޒެލެންސްކީ އެދިވަޑައިގެންނެވި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ދައުރު ބަދަލުވުމުން މަޖިލީހުގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވަން ހުންނެވި ކެވިން މެކާތީ ވިދާޅުވީ ޔޫކްރޭނަށް ވިޔަސް "ބްލޭންކް ޗެކެއް" ނުދެވޭނެ ކަމަށެވެ. އަދި ޔޫކްރޭނަށް ދިނުމަށް އެމެރިކާ ސަރުކާރުން ނިންމާ ކޮންމެ ފައިސާ ފޮއްޗަކާ މެދު އެމެރިކާ ސަރުކާރު ޒިންމާދާރު ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަރަށް ސިއްރިޔާތުގައި ޒެލެންސްކީ އެމެރިކާ އަށް ކުރެއްވި މި ދަތުރުފުޅުގައި ޔޫކްރޭނުން ބޭރަށް ވަޑައިގަތީ އެއްގަމު މަގުން ރޭލުގައި، އަވައްޓެރި ޕޮލެންޑަށެވެ. ޕޮލެންޑުން އެމެރިކާގެ މެރީލޭންޑަށް ވަޑައިގަތީ އެމެރިކާ ސަރުކާރުން ފޮނުއްވި ރަސްމީ ޚާއްސަ ޖެޓެއްގަ އެވެ.

ރައީސް ޒެލެންސްކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގަތުމުން، އޭނާ އަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ހުރިހާ މެމްބަރުން ކޮޅަށް ތެދުވެވަޑައިގެން ތިއްބަވަ އެވެ. އެ ޖަލްސާގެ ރިއާސަތުގައި ތިއްބެވީ، ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރައީސްގެ ހައިސިއްޔަތުން އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ އެވެ.