Roadha Mihaaru
ބާސެލޯނާ އަށް އޮތް ޕްރެޝަރު ކުޑައެއް ނޫން: ޑޯޓްމަންޑް

ބާސެލޯނާ އަށް އޮތް ޕްރެޝަރު ކުޑައެއް ނޫން: ޑޯޓްމަންޑް

27 ނޮވެމްބަރ 2019

ބާސެލޯނާ (ނޮވެމްބަރު 27) - ޗެމްޕިއަންސް ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ބޮރޫޝިއާ ޑޯޓްމަންޑް އެކޭ އެއްގޮތަށް ބާސެލޯނާ އަށް ވެސް އޮތް ޕްރެޝަރު ކުޑައެއް ނޫން ކަމަށް ޑޯޓްމަންޑްގެ ކޯޗު ލޫޝިއަން ފާވްރޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ނޮވެމްބަރު 27) - ޗެމްޕިއަންސް ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ބޮރޫޝިއާ ޑޯޓްމަންޑް އެކޭ އެއްގޮތަށް ބާސެލޯނާ އަށް ވެސް އޮތް ޕްރެޝަރު ކުޑައެއް ނޫން ކަމަށް ޑޯޓްމަންޑްގެ ކޯޗު ލޫޝިއަން ފާވްރޭ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ހަތަރު މެޗަށް ފަހު ބާސެލޯނާ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ސްލަވިއާ ޕްރާގުގެ އޮތީ ދެ ޕޮއިންޓެވެ. މިރޭ ބާސެލޯނާ ދަނޑުގައި ޑޯޓްމަންޑާއި ކުޅޭއިރު، އަނެއް މެޗުގައި ސްލަވިއާ ދަނޑުގައި އެ ޓީމު ނުކުންނާނީ އިންޓައާ ދެކޮޅަށެވެ.

މި ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، އަންނަ މަހުގެ 10 ވަނަ ދުވަހު ބާސެލޯނާ ކުޅޭނީ ރަށުން ބޭރުގައި އިންޓައާ އެވެ. އަދި ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ސްލަވިއާއާ ދެކޮޅަށެވެ.

ބާސެލޯނާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ފާވްރޭ ބުނީ ޑޯޓްމަންޑަކީ ކޮންމެ ދަނޑެއްގައި ވެސް ނަތީޖާ ނެރެވޭނެ ފެންވަރުގެ ޓީމެއް ކަމަށެވެ.

"ހަގީގަތަކީ އަހަރެމެން މި މެޗާ ކުރިމަތިލާއިރު މި އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫން ނަތީޖާ އަށް ބަލާއިރު. އެކަމަކު ކުޅުމަށް ބަލާނަމަ އަހަރެމެން ވަރަށް ރަނގަޅަށް ކުޅެފިން ގިނަ މެޗުތަކުގައި. ދެން މީގައި ޕްރެޝަރު އޮތީ ހަމައެކަނި ޑޯޓްމަންޑަކަށް ނޫން. ބާސެލޯނާ އަށް އޮތް ޕްރެޝަރު ވެސް ކުޑައެއް ނޫން. މިއީ އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅޭނެ ފަހު މެޗު ގްރޫޕް ސްޓޭޖުގައި. އެހެންވީމަ ޕްރެޝަރު ހަމަހަމަ،" ފާވްރޭ ބުންޏެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ އޭނާ އަށް އެ ޓީމުގެ ވަޒީފާ އެންމެ ބޮޑަށް ޝައުގުވެރިވަނީ ވެސް ޕްރެޝަރު ހުރި ގޮތުން ކަމަށެވެ. އަދި ބާސެލޯނާ ފަދަ ހައިބަތު ބޮޑު ކްލަބެއްގައި އަބަދުވެސް މޮޅުވުމުގެ ޕްރެޝަރު އޮންނާނެ ކަމަށް ވަލްވޭޑޭ ބުންޏެވެ.

މިރޭގެ މެޗަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ޓީމަށް ކުޅެދޭނެ 700 ވަނަ މެޗެވެ. ސަސްޕެންޝަނުގެ ސަބަބުން ޑޯޓްމަންޑާ ދެކޮޅަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް އަދި އަނިޔާގެ ސަބަބުން ޖޯޑީ އަލްބާ އާއި ނެލްސަން ސެމޭޑޯ އަށް ވެސް ނުކުޅެވޭނެ އެވެ. އެކަމަކު ކްލެމެންޓް ލޯންގްލޭ ވަނީ މެޗަށް ފިޓްވެފަ އެވެ. ޑޯޓްމަންޑަށް އޮތް ކަންބޮޑުވުމަކީ ކުރިން ބާސެލޯނާ އަށް ކުޅުނު ސްޕެއިނުގެ ފޯވާޑް ޕަކޯ އަލްކަސޭރު އަނިޔާގައި ހުރުމެވެ.

ޑޯޓްމަންޑާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަނޑިން މިރޭ ދަންވަރު 1 ޖަހާއިރު އެވެ. މި ދެ ޓީމު ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޗެމްޕިއަންސް ލީގު މިރޭގެ މެޗުތައް (ރާއްޖެ ގަނޑިން):

ވެލެންސިއާ - ޗެލްސީ (22:55)

ޒެނިތު - ލިޔޯން (22:55)

ލިވަޕޫލް - ނަޕޯލީ (1:00)

ގެންކް - ސާލްޒްބާގް (1:00)

ސްލަވިއާ ޕްރާގް - އިންޓަ (1:00)

އާރްބީ ލިޕްޒިގު - ބެންފީކާ (1:00)

ލިލް - އަޔަކްސް (1:00)