Roadha Mihaaru
އިސްލާމިކް މިނިސްޓަރުގެ ހަދިޔާ އާއި ހިތްވަރު ޔޫސުފަށް

ގުރުއާން ހިތުދަސް ޔޫސުފަށް އިސްލާމިކް މިނިސްޓަރުގެ ހަދިޔާ އާއި ހިތްވަރު

25 ނޮވެމްބަރ 2019

އުމުރުން ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިންއާ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އުމުރުން ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިންއާ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޔޫސުފްގެ މައިންބަފައިންނާ އެކު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ވަނީ ޔޫސުފަށް ހަތިމެއް ހަދިޔާކުރައްވައިފަ އެވެ. އެއަށް ފަހު މިނިސްޓަރު ވަނީ ޔޫސުފަށް ހިތްވަރުދެއްވައިފަ އެވެ.

ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފެށީ ބޭބީ ނާސަރީގަ އެވެ. އެ ގުރޭޑްގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި ދެ ފޮތް ދަސްކުރި އެވެ. އެލްކޭޖީގައި ފަސް ފޮތް، އޭގެ ފަހުން މިއަހަރު ޔޫކޭޖީގައި 22 ފޮތް ހިތުދަަސްކުރި އެވެ.

އުމުރުން ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސް ކުރި ޔޫސުފް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުމުރުން ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސް ކުރި ޔޫސުފް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަމިއްލަ ޕްރީ ސްކޫލެއް ކަމަށް ވާ ދޮންދޫނީގައި ޕްރީ ސްކޫލް ނިންމި ޔޫސުފް ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީއަކަށް ޤުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ.

ގުރުއާން ކިޔެވުމުގެ ޝައުގު ޔޫސުފުގެ ހިތުގައި އުފެދުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ޔޫސުފްގެ މަންމައަކީ ޓީވީއެމުން ބޭއްވި އެންމެ އަލި ގަދަ ތަރި ޕްރޮގްރާމުން މަޝްހޫރުކަން ހޯދި އުންމުހާނީ އިބްރާހިމް އެވެ.

މީގެ ކުރިން ދޮންދޫނީގައި ވަނީ އުމުރުން ފަސް އަހަރުގެ ކުއްޖަކު ވެސް ގުރުއާން ހިތުދަސްކޮށްފަ އެވެ. މުހައްމަދު އަޝްހަމް އަލީ ވެފައި ވަނީ މިހާތަނަށް ގުރުއާން ހިތުދަސްކުރި އެންމެ ހަގު ދިވެހި ކުއްޖާއަށެވެ.