Roadha Mihaaru
ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

ކޮވިޑް-19: ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލައިފި

18 މާޗް 2020

މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް-19 ގެ ބަލިން ރައްކާތެރިވުމަށް، މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް ޖަމާއަތުގައި ނަމާދު ނުކުރުމާއި ހުކުރު ނަމާދު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެއްވެސް ރަށެއް "ބަންދު" ކޮށްފި ނަމަ އެ ރަށެއްގައި ވެސް އެ ގޮތަށް އަމަލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން މީގެ ކުރިން ވަނީ ކޮވިޑްގެ އަލާމާތެއް ހުރިނަމަ މިސްކިތަށް ނުދާން އަންގައިފަ އެވެ. އަދި ހުތުބާ ކުރުކޮށް، ޖަމާއަތުގައި ވީހާ ވެސް ކުރު ސޫރަތް ކިޔަން އަންގާފައި ވެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ އަލާމާތެއް ހުރި މީހަކު ރަށަކުން ފެނިއްޖެނަމަ ވެސް އެ ރަށެއް "މޮނިޓަރިން" ހާލަތަށް ބަދަލުކޮށް، އެ މީހާގެ ޓެސްޓުތައް ހަދަ އެވެ. މޮނިޓަރިން ހާލަތުން ރަށް ނަގަނީ އެ މީހަކު، ކޮވިޑް-19 އަށް ނެގެޓިވްވުމުންނެވެ.

ޖަމާއަތުގައި ނަމާދުނުކުރަން ނިންމި ކަމުގައި ވިއަސް މިސްކިތްތައް ބަންދެއް ނުކުރާނެ ކަމަށް، ދީނީ އިލްމުވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ކޮންމެ ވަގުތަކު ބަންގި ވެސް ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ސާފުކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާފައިި އަޅުގަނޑު އިލްމުވެރިންނާ މަޝްވަރާކޮށް، މަޝްވަރާ މަޖިލީހުގެ ބޭފުޅުންނާ ވެސް މަޝްވަރާކޮށް ވާހަކަދެއްކުމަށްފަހު، އިލްމުވެރިން ދެއްވާފައިވާ ލަފާގެ މަތިން އަޅުގަނޑު، ސަރުކާރުން މި ކަނޑައަޅަނީ މިއަދު މެންދުރުން ފެށިގެން އަންނަ ހޮނިހިރު [މި މަހުގެ 28] ދުވަހާ ހަމައަށް މާލެ އާއި ހުޅުމާލެ އާއި ވިލިނގިލި އަދި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި އަދި ހުކުރު ނަމާދު މެދުކަނޑާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ރާއްޖޭގެ ބައެއް އިލްމުވެރިންނާ އެކު ނޫސްވެރިންގެ ބައްދަލުވުމުގައި. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ރާއްޖޭގެ ބައެއް އިލްމުވެރިންނާ އެކު ނޫސްވެރިންގެ ބައްދަލުވުމުގައި. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ކޮވިޑް-19 އަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، މީހުން އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. ނަމަވެސް ގޭގައި ނަމާދުކޮށް ގިނަގިނައިން ދުއާކޮށް، މި ބަލިމަޑުކަމުން ސަލާމަތްވޭތޯ ދުއާކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ޖަމާއަތުގައި ނަމާދުނުކުރަން ނިންމުމުން، ބަންގި ގޮވުމުގައި އިމާމުން އަމަލުކުރަން ޖެހޭ ގޮތާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަން ފާހަގަކުރެއްވި އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު ފެނިފައިވާއިރު، އެ އެންމެން ވެސް ފެނިފައިވަނީ ރިސޯޓުތަކުންނެވެ. އެއީ ކުރެއްދޫ ރިސޯޓުގެ ފަސް މީހަކާއި ބަތަލާ ރިސޯޓުން ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހަކާއި ކުރަމަތި ރިސޯޓު ދޭއް އަދި އައިލެންޑް ސަފާރިން ދެ މީހެކެވެ.

ރާއްޖޭގައި މި ގޮތަށް ނިންމި އިރު ސައޫދީ އަރަބިއްޔާ އިން ވަނީ ދެ ހަރަމްފުޅު ކަމަށްވާ މަސްޖިދުލް ހަރާމް އާއި މަސްޖިދުއް ނަބަވީ ފިޔަވައި އެހެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ހުއްޓާލައިފަ އެވެ. އިސްލާމީ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެ އަށް ވެސް ބޮޑުކަމުން ސަރުކާރުން ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މުޅި ރާއްޖެ އަށް އިއުލާނުކޮށްފަ އެވެ. އަދި އޭގެ ދަށުން، އެކި ގައުމުތަކުން މީހުން ރާއްޖެ އަށް އައުން މަނާކުރުމާއި ގެސްޓް ހައުސްތަކަށް ބޭރުގެ ޓޫރިސްޓުން ގެނައުން މަނާކުރުމާއި ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. ސްކޫލްތަކާއި ކިޔަވައިދޭ ތަންތަނާއި ސިނަމާތައް ވެސް ބަންދުކޮށް މާދަމާ އިން ފެށިގެން ސަރުކާރު އޮފީސްތައް ވެސް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ކޮވިޑް-19 މިހާތަނަށް މުޅި ދުނިޔެއިން 198،400 އަށް ވުރެ ގިނަ މީހުންނަށް ޖެހި އޭގެ ތެރެއިން 82،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 7،987 މީހަކު ވަނީ މަރުވެފަ އެވެ.