Roadha Mihaaru
މާވެޔޮ މިސްކިތް ނިންމައި، ސަރުކާރާ ހަވާލުކޮށްފި

މާވެޔޮ މިސްކިތުގެ މަސައްކަތް ނިންމައި، ސަރުކާރާ ހަވާލުކޮށްފި

22 ޖޫން 2020

މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި، ސަރުކާރާ ހަވާލު ކޮށްފައިވާ ކަމަށާއި އެ މިސްކިތް ހުޅުވުމުގެ ތައްޔާރީތައް ކުރިއަށް ގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި، ސަރުކާރާ ހަވާލު ކޮށްފައިވާ ކަމަށާއި އެ މިސްކިތް ހުޅުވުމުގެ ތައްޔާރީތައް ކުރިއަށް ގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މާވެޔޮ މިސްކިތާ ބެހޭގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، މިނިސްޓަރު ޒާހިިރުއާ ސުވާލު ކުރަން ހުށަހެޅުއްވުމުން، އެކަމަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޑިސެމްބަރުު 2017 ގައި މަސައްކަތް ފެށި އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި، މިދިޔަ ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީން މިސްކިތާ ހަވާލު ވެފައިވާ ކަމަށެވެ.

"ރަމަޟާން މަސް ފެށުމުގެ ކުރިން 16 އޭޕްރީލްގައި މިނިސްޓްރީއާ މިސްކިތް ހަވާލުކުރަން ވެސް މިސްކިތް އިމާރާތް ކުރެއްވި ފަރާތުން މަސައްކަތް ކުރި. އެކަމަކު ލޮކްޑައުން ވެފައި ތިބީމާ މިނިސްޓްރީއާ އެ މިސްކިތް ހަވާލު ނުކުރެވި އޮތީ. ދެން މިހާރު ހުުޅުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކެއް ވެ ނިމިފައި ވަނީ،" ޒާހިރުު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ، ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީގައި އިމާރާތްކުރި އެ މިސްކިތަކީ ތަފާތު އަދި ރީތި ތަނެއް ކަމަށާއި އެކަމަކު އެ މިސްކިތަށް ޚަރަދުވީ ކިހާ އަދަދެއް ކަން ސާފުނުވާ ކަމަށެވެ.

މިސްކިތްތަކުގެ ޖަމާއަތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން، މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި، އެ ހުއްދަ ދޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފާ ލިބުމުންނެވެ. ހުއްދަ ލިބުނުހާ އަވަހަކަށް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ތައްޔާރަށް އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވަކި ދުވަހެއް ކަނޑައެޅިގެން ދަންނަވަން ދަތި. ހާލަތުު ބަދަލުވެގެން އެ ބޭފުޅުން މިހާރު ޖަމާއަތުގައި ނަމާދު ކުރެވިދާނެއޭ ލަފާ ދޭއިރަށް އަޅުގަނޑުމެން ހުއްދަ ދޭން ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.