Roadha Mihaaru
އާންމު ހާލަތުގައި ހުރި ރަށްރަށުގެ މިސްކިތްތައް ހުޅުވަނީ

އާއްމު ހާލަތުގައި ހުރި ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަނީ

22 މެއި 2020

ލޮކްޑައުންކޮށްފައިވާ ރަށްރަށާއި، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށް ނޫން އެހެން ހުރިހާ ރަށެއްގެ މިސްކިތްތައް ހުޅުވަން ނިންމައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ލޮކްޑައުންކޮށްފައިވާ ރަށްރަށާއި، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށް ނޫން އެހެން ހުރިހާ ރަށެއްގެ މިސްކިތްތައް ހުޅުވަން ނިންމައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވީ މިހާރު ލޮކްޑައުންގައި އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ހުރިހާ ރަށްތަކެއްގައި މާދަމާގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ލުއި ދިނުމާ އެކު ސަމާލުވާން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި އެ ކަންކަން ރަށްތަކުގެ ކައުންސިލްތަކަށް ލިޔުމުން އަންގާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ސަމާލުވާން ޖެހޭ ބައެއް ކަންތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުމެވެ. އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

ކޮވިޑް-19އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އޭގެ ކުރިން ވަނީ މިސްކިތްތަކުގެ ކާޕެޓުތައް ނަގައިފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި ފިޔަވަޅުތައް އަޅަމުން އަންނަނީ ރާއްޖޭގައި ބަލީގެ ހާލަތަށް ބަލައި ޑޮކްޓަރުން ދޭ އިރުޝާދުގެ މަތިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ލުއިތައް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާދަމާގ ހުކުރު ނަމާދު ޖަމާއަތުގައި ކުރަން ނިންމާފައިވާއިރު، ހުކުރު ހުތުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19އާ ގުޅިެގެން މާލެ ލޮކްޑައުން ހާލަތުގައި އޮންނަތާ އެއް މަސްވެފައިވާއިރު، މާލޭގެ އިތުރުން ބަލި ފެނިފައި ވަނީ ހއ. އުލިގަން، ތަަކަންދޫ، ށ. ނަރުދު އާއި، މިލަންދު، ނ. މަނަދޫގެ އިތުރުން ތުލުސްދޫންނެވެ.