Roadha Mihaaru

އެފްއޭއެމްގެ ދައުވަތަކަށް ޔާޔާ ޓޫރޭ ރާއްޖެ އަށް

ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް ހާއްސަ މެހެމާނެއްގެ ގޮތުގައި އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމްގެ ދައުވަތަކަށް ޔާޔާ ޓޫރޭ ރާއްޖެ އަށް

ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް ހާއްސަ މެހެމާނެއްގެ ގޮތުގައި އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމްގެ އެކްސްކޯގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ކިޑްސް ފެސްޓިވަލްގައި ބައިވެރިވުމަށް ޔާޔާ ޓޫރޭ މާލެ އަންނާނީ މާދަމާ މެންދުރު ފަހު އެވެ. ޔާޔާ ޓޫރޭ ބައިވެރިވާ ހާއްސަ އިވެންޓް އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު ގަލޮޅު ދަނޑުގަ އެވެ. އެފްއޭއެމުން ބުނީ ގާތްގަނޑަކަށް 600 ކުދިން އެ އިވެންޓުގައި ބައިވެރިވާނެ ކަމަށެވެ.

އަދި މި ކިޑްސް ފެސްޓިވަލްގައި ޔާޔާ ޓޫރޭއާ އެކު ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ލިބޭނެ ކަމަށާއި އިވެންޓް ކުރިއަށްދާނީ ބުރާސްފަތި ދުވަހު ހަވީރު 16:00 އިން 18:00 އަށް ކަމަށެވެ.

ޗައިނާ ދެ ވަނަ ޑިވިޝަނުގެ ގިންޑާއޯ ހުއަންހާއި އަށް ކުޅެމުން އަންނަ ޔާޔާ ޓޫރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރުމުގެ އިތުރުން ފީފާ ވިޝަން ޕްރޮޖެކްޓްގެ މި ފަދަ ހަރަކާތެއްގައި ބައިވެރިވެވޭތީ ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.

ޓޫރޭ ކުޅެމުން އަންނަ ގިންޑާއޯ އަށް ޗައިނީސް ސުޕަ ލީގުން އަންނަ ސީޒަނުގައި ފުރުސަތު ލިބިފައިވާއިރު، މިދިޔަ މެއި މަހު އޭނާ ވަނީ ކުއްލި ގޮތަކަށް ކުޅުން ހުއްޓާލަން ވެސް ނިންމައިފަ އެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް އަލުން ކުޅުމުގެ ތެރެއަށް އައީ އެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރެއްގެ މަތިން ހޯދާފައިވާ ޔާޔާ ޓޫރޭ އެންމެ ފުރަތަމަ ވިދާލީ ބާސެލޯނާ އިންނެވެ. އެކަމަކު ފަހުން އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ އަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ދެ ފަހަރެއްގެ މަތިން ހޮވި ޔާޔާ ޓޫރޭ ވަނީ ފީފާގެ ޑްރީމް ޓީމުގައި ވެސް ހިމެނިފަ އެވެ.

ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ޔާޔާ ޓޫރޭ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕްގެ ދައުރުގައި ބައިނަލްއަގުވާމީ ގިނަ ތަރިންތަކެއް ވަނީ އެކި ހަފްލާތަކަށް ރާއްޖެ އައިސްފަ އެވެ. އެ ގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކާއި ޕީޓަ ޝްމައިކަލްގެ އިތުރުން ރެއާލް މެޑްރިޑާއި ސްޕެއިނުގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.