Roadha Mihaaru

ތޯރިގް ފީފާގެ ރައީސާ އެކު؛ ގައުމީ ޓީމަށް މަރުހަބާ ވިދާޅުވެ، އެފްއޭއެމްގެ މަސައްކަތަށް ތައުރީފު

މި މަހު ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަރްހަބާ ވިދާޅުވެއްޖެ އެވެ.

ފީފާގެ ރައީސްގެ ތައުރީފު އެފްއޭއެމްގެ މަސައްކަތަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

18 ސެޕްޓެމްބަރ 2025

މި މަހު ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަރްހަބާ ވިދާޅުވެއްޖެ އެވެ.

ތޯރިގް ވަނީ ސްވިޒަލެންޑަށް ވަޑައިގެން އިއްޔެ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފަ އެވެ.

މިއީ ޖުލައި މަހު ދެވަނަ ފަހަރަށް އެފްއޭއެމްގެ ރައީސްކަމާ ހަވާލުވުވުމަށް ފަހު، ފީފާގެ ރައީސްއާ ތޯރިގް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިއާގައި އިންފަންޓީނޯ ވަނީ ރާއްޖޭގެ ފުޓްބޯޅަ ކޮޅަށް ނެގުމަށް ތޯރިގް ފަށާފައިވާ މަސައްކަތަށް ތައުރީފު ކޮށްފަ އެވެ.

ދިހަ އަހަރަށް ފަހު އެފްއޭއެމުން ފުރަތަމަ ފަހަރަށް އިލެވެން ސައިޑް އަންހެން ފުޓްބޯޅަ މުބާރާތެއް ޑިސެމްބަރުގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އިންފަންޓީނޯ ވަނީ ހާއްސަ ގޮތެއްގައި އެ މަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ.

ސައުތު އޭޝިއަން ސުޕަ ކްޕަގެ ކާމިޔާބަކީ ހަތް އަހަރަށް ފަހު ފުޓްބޯޅައިން ރާއްޖޭން ހޯދި ފުރަތަމަ ތަށިކަން ފާހަގަ ކުރައްވައި އިންފަންޓީނީ ވަނީ ގައުމީ ޓީމުގެ އެ ކާމިޔާބަށް މަރުހަބާ ދަންންވާކަން ހާމަކުރައްވައިފަ އެވެ.

"ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން (އެފްއޭއެމްގެ) ރައީސް ތާރިގްގެ މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ވިސްނުން ކުރިއަށް ނެރޭނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ،" ސޯޝަލް މީޑިއާގައި އިންފަންޓީނޯ ލިޔުއްވާފައި ވެ އެވެ.

ފީފާގެ ރައީސްކަމުގައި އޭނާގެ ތިންވަނަ ދައުރު ފުރުއްވަމުން ގެންދަވާ އިންފަންޓީނޯ ވިދާޅުވި ގޮތުގައި ޖުލައި މަހު އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވި ފަހުން ތޯރިގްގެ ލީޑާޝިޕްގެދަށުން ރަނގަޅު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"(އޭގެ ތެރޭގައި) ސައުތު އޭޝިއަން ސުޕަ ކަޕް (ކާމިޔާބުކޮށް) ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ގައުމީ ޓީމު ތަށި ހޯދި އިރު، އަންހެން ފުޓްބޯޅަ އަށް މި އަހަރުގެ ފަހުކޮޅު މުބާރާތެއް ބާއްވަން ނިންމައި އަންހެން ފުޓްބޯޅަ އަށް އަލުން ސަމާލުކަން ދިނުމުން ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު މިސާރަބާކަށް އަމާޒުހިފާފައިވާކަން ދައްކުވައި ދެ އެވެ،" އިންފަންޓީނޯ ލިޔުއްވާފައި ވެއެވެ.

ޖުލައި މަހު 26 ގެ ނިޔަލަށް އެފްއޭއެމުން ހިންގީ ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީންނެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލުގެ ދައުރުގައި އެފްއޭއެމްގެ ޑިވެލޮޕްމެންޓް ފައިސާ ނަހަމަގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތުގައި ފީފާއިން އޮތީ އެ ފަންޑުގެ ފައިސާ ރާއްޖޭ އަށް ދިނުން މެދުކަނޑާލަފަ އެވެ.

އެފްއޭއެމްގެ މާލީކަންކަން ބަލައި ހަރުދަނާ ކުރުމަށް ފީފާއިން ވަނީ ޖަރުމަނުގެ ފައިނޭންޝިއަލް ފާމް، "އަންކޫރާ" ދެ އަހަރު ދުވަހަށް ހަމަޖައްސައިފަ އެވެ.