Roadha Mihaaru

ބައްސާމްގެ ޝަރީއަތް ނިމުމަކާ ގާތަށް، ފަހު އަޑުއެހުން މިމަހު ބާއްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހު ނިންމަން ތާވަލްކޮށްފި އެވެ.

ބައްސާމްގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހު ނިންމާލަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

07 ސެޕްޓެމްބަރ 2025

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހު ނިންމަން ތާވަލްކޮށްފި އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އަށް ބައްސާމް ވަނީ އިންކާރު ކޮށްފަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިންމާލައިފަ އެވެ.

މިއަދު ނަގާފައިވަނީ ހެއްކެއްގެ ގޮތުގައި ބައްސާމްގެ ފަރާތުން ހުށަހެޅި އެފްއޭއެމްގެ އެކްސްކޯގެ ކުރީގެ މެންބަރު، މެޑިކަލް ޑޮކްޓަރު އަހުމަދު ޝަކީބުގެ ހެކިބަހެވެ. އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ އެފްއޭއެމް އިން ފާސްކޮށްގެން ބައްސާމަށް ކޮންމެ މަހަކު 3،000 ޑޮލަރުގެ އެލެވެންސްއެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ފަހުން ގަވާއިދުން އެ އެލަވަންސް ޖަމާނުވާ ކަމަށާއި އަދި ބައެއް ފަހަރު އެލަވަންސް ޖަމާވަނީ ގިނަ މަސްތަކެއްގެ އެލެވެންސް އެއްފަހަރާ ގަނޑުކޮށް ކަމަށް އޭނާ ބުންޏެވެ.

ޝަކީބުގެ ހެކިބަސް ނަގާ ނިމުމާ އެކު ގާޒީ ވަނީ އެ މައްސަލައިގައި ނަގަން ޖެހޭ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން މިމަހުގެ 23 ވަނަ ދުވަހަށް ތާވަލްކޮށް، މިމަހުގެ 29 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވަން އަޑުއެހުން ތާވަލުކުރި އެވެ. ހުލާސާ ބަޔާނަށްފަހު އޮންނާނީ މައްސަލާގައި ގޮތް ކަނޑައަޅައި، ހުކުމް އިއްވުމުގެ މަޖިލީހެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު، ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018 ގައި ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

އެ ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.

މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މަނީލޯންޑްރިންގެ ދައުވާގައި ދައުލަތުން ވަނީ އެ 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. އެ މި ކުށުގެ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެ މައްސަލާގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ޑޮލަރަށް ވާ ފައިސާ އެފްއޭއެމަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ދައުވާގައިވެ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އިތުރު ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.