Roadha Mihaaru

ޕެންޓްހައުސް ގަތުމުގެ އެއްބަސްވުން އޮތީ ބައްސާމުގެ ނަމުގައި

އެފްއޭއެމްގެ ފައިސާއިން އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް އަކީ އޭނާގެ ތަނެއް ނޫން ކަމަށް ބުނެ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އޭނާ ވާހަކަ ދެއްކެވި ނަމަވެސް ދެ ޕެންޓްހައުސް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބައްސާމުކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

ޕެންޓްހައުސް އެއްބަސްވުން އޮތީ ބައްސާމުގެ ނަމުގައި
ނިއުމަތުﷲ އިދުރީސް
ނިއުމަތުﷲ އިދުރީސް

03 ޖޫން 2025

އެފްއޭއެމްގެ ފައިސާއިން އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް އަކީ އޭނާގެ ތަނެއް ނޫން ކަމަށް ބުނެ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އޭނާ ވާހަކަ ދެއްކެވި ނަމަވެސް ދެ ޕެންޓްހައުސް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބައްސާމުކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާ އިން ބައްސާމް ސަސްޕެންޑްކޮށްފައިވާ މައްސަލަ އޭނާގެ ފަރާތުން (ކާސް) އަށް ހުށަހަޅާފައި ވާތީ ބޭއްވި އަޑުއެހުމެއްގައި ބައްސާމް ވަނީ އޭނާގެ ނަމުގައި އެފަދަ އެއްވެސް "ރިއަލް އެސްޓޭޓް ޕްރޮޕަޓީ" އެއް ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ބައްސާމް އެހެން ވިދާޅުވެ ވާހަކަ ދެއްކެވީ ދެ ޕެންޓްހައުސް އަށް މެއިންޓެނަންސް ފީ ނުދައްކައިގެން އޭނާގެ ނަން އަމިންގެ ލިސްޓެއްގައި އޮތް ކަމަށް ބުނެ ފީފާގެ ގާނޫނީ ޓީމުން، ސަސްޕެންޝަންގެ ދިފާއުގައި ވާހަކަ ދެއްކުމުންނެވެ. އެކަމަކު އެ ލިސްޓުގައި ބައްސާމްގެ ފުރިހަމަ ނަން ކަމަށްވާ "ބައްސާމް އަދީލް ޖަލީލް" ގެ ބަދަލުގައި "ބައްސާމް އަލީ" އޮތުމުން އެއީ ބައްސާމްކަމަށް ގާނޫނީ ގޮތުން ނުނިންމޭނެ ކަމަށް ބައްސާމްގެ ފަރާތުން އާބިޓްރޭޝަންގައި ބުންޏެވެ. އަދި ފަނޑިޔާރުން ވެސް އެގޮތަށް ބަލައިގަތެވެ.

ނަމަވެސް، އެ މައްސަލަ ނިމިފައިވަނީ ބައްސާމާ ދެކޮޅަށެވެ. ކާސް އިން ނިންމީ ފީފާ އިން ބައްސާމް ސަސްޕެންޑްކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

އަޑުއެހުމުގައި "ރިއަލްއެސްޓޭޓް ޕްރޮޕަޓީ" އެއް އަމިއްލަ ނަމުގައި ނޯންނާނެ ކަމަށް ބައްސާމް ވިދާޅުވެފައި ވިޔަސް އަމިން ކޮންސްޓަކްޝަން އިން "އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުން" ހަދާފައިވާ އޮތީ ބައްސާމްއާ އެކުގަ އެވެ. އެ އެއްބަސްވުމުގައި އަމިން އެވެނިއުގެ ބްލޮކް އޭގެ 1205އޭ އަދި 1206އޭ ގަތުމަށް އެއްބަސްވެ ބައްސާމް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެ އެވެ. އަދި އެއްބަސްވުމުގައި ބައްސާމްގެ އައިޑީ ކާޑު ވެސް ހިމަނާފައިވެ އެވެ.

އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ނޯޓިސްތައް ފޮނުވާނެ ފަރާތެއްގެ ގޮތުގައި ވެސް އޮތީ ބައްސާމްގެ ނަމާއި އެޑްރެހެވެ.

މި ދެ ޕެންޓްހައުސް މައްސަލައިގެ ތަހުގީގުގެ ތެރެއިން ވަނީ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ. އަދި މި ދެ ތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ވެސް ބައްސާމްގެ ފަރާތުންނެވެ. ޕެންޓްހައުސް ހިފެހެއްޓުމުގެ އަމުރު ބައްސާމަށް ރައްދުވާ ގޮތަށް އޮތުމާއި އެތަން އަލުން ހޯދަން ބައްސާމް އިސްތިއުނާފަށް ދިއުމުން ވެސް އެ ތަންތަން ގާނޫނީ ބާރުވެރިކަން އޮތީ ބައްސާމަށް ކަން އެނގެ އެވެ.

މި މައްސަލައިގެ ތެރެއިން ބައްސާމާއި އަމިން އަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައި ވާއިރު ރިއަލްއެސްޓޭޓް ޕްރޮޕަޓީތައް ގަތުމަށް ފަހު ކޯޓު މެދުވެރިކޮށް މިލްކުވެރިކަން ސާބިތުނުކޮށް ބޭއްވުމަކީ މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ މީހުން ގާނޫނީ ގޮތުން ސަލާމަތްވާން ބޭނުންކުރާ އުކުޅެކެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ބައްސާމް މި ދެ އެެޕާޓްމަންޓް ގަތީ ކޮވިޑްގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް ފީފާއިން ދިން އެއް މިލިއަން ޑޮލަރުންނެވެ. ފުލުހުން ބުނީ އަމިން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާއިން އެއް މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދެއްކުމަށް ފަހު އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދައްކަން ލިޔެކިޔުންތަކެއް ހަދާފައިވާ ކަމަށެވެ. އެކަމަކު އެ ޑޮލަރަށްވާ ފައިސާ އެފްއޭއެމަށް ވަދެފައެއް ނުވެ އެވެ.

އެ ފައިސާ ލިބުނުކަމަށް ދެއްކުމަށްޓަކައި ކުންފުންޏަކުން އެފްއޭއެމަށް ލޯނެއް ނަގާފައިވާ ކަމަށާއި އެ އަދަދާއި އަމިން އިން އެފްއޭއެމަށް ފައިސާ ދެއްކިކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެޕާޓްމަންޓް ގަތުމަށް ދެއްކި އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށެވެ.

މި މައްސަލައިގައި ބައްސާމާއި އަމިންގެ މައްޗަށް ހިޔާނާތުގެ ދައުވާ އާއި އޮޅުވާލުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފަ އެވެ.