Roadha Mihaaru
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟

އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟

28 ސެޕްޓެމްބަރ 2024

އެފްއޭއެމް ހިންގާލަން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަދުވީ ވަކި ކޮންކަމެއް ހެއްޔެވެ؟ އެއީ ތައުލީމީ ފެންވަރު ހުރި އަދި ފުޓްބޯޅައިގެ ފަސްބައި ވެސް އޮތް ބޭފުޅެކެވެ. އޭނާގެ ދެ ދައުރުގައި ދެ ސަރުކާރުން، ރާއްޖޭގެ އިގްތިސާދުގައި ނެތް ވަރުން ވެސް ފުޓްބޯޅަ އަށް ހަރަދުކޮށް ދިނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމް ހިންގާލަން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަދުވީ ވަކި ކޮންކަމެއް ހެއްޔެވެ؟ އެއީ ތައުލީމީ ފެންވަރު ހުރި އަދި ފުޓްބޯޅައިގެ ފަސްބައި ވެސް އޮތް ބޭފުޅެކެވެ. އޭނާގެ ދެ ދައުރުގައި ދެ ސަރުކާރުން، ރާއްޖޭގެ އިގްތިސާދުގައި ނެތް ވަރުން ވެސް ފުޓްބޯޅަ އަށް ހަރަދުކޮށް ދިނެވެ.

ކްލަބްތަކަށް ފައިސާ ފޯރުކޮށް ދިނެވެ. ދަނޑުތައް އަޅައި ދިނެވެ. ބައްސާމްގެ ހަތަރު އަހަރުގެ ދެ ދައުރު ފާހަގަވީ ފީފާ އާއި އޭއެފްސީ އަދި ބޭރުގެ އެހެން އިދާރާތަކުން ވެސް ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ ގިނަ އެހީގެ ޕެކޭޖްތަކެއް ދިން ދުވަސްވަރުގެ ގޮތުގަ އެވެ.

ނަމަވެސް އެ އިންވެސްޓްމެންޓްތަކަކުން އަދި އެހީގެ އެ ޕެކޭޖްތަކަކުން ފުޓްބޯޅަ އަށް ލިބުނު ފައިދާއެއް ނެތެވެ. ފީފާއިން ނިދިން ހޭލައި، ބައްސާމް ސަސްޕެންޑް ކުރި އިރު އޭނާގެ މައްޗަށް އޮތީ ކޮރަޕްޝަނާ މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ފީފާ އިން ރާއްޖެ އަށް ދިން ފައިސާ އިން އަމިން އެވެނިއުއިން ދެ ޕެންޓް ހައުސް ގަތުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެފްއޭއެމާއި ފުޓްބޯޅައިގެ ވަސީލަތްތައް ވަނީ ވީރާނާވެ ކުނޑިއަށް ވެފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގެ މަސައްކަތުގައި، އިސްކަން ދޭން ޖެހޭ އެންމެ މުހިންމު ކަމަކީ އަނެއްކާ ވެސް "ބައްސާމެއް" އުފެދުނަނުދިނުމެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އެކަކަށް ވެސް ފުނޑާނުލެވޭނެވަރުގެ ސިސްޓަމެއް އެކުލަވާލުމެވެ.

"ގަވަނަންސް! ގަވަނަންސް! ހަރުދަނާ ގަވަނިން ސިސްޓަމެއްގެ މައްޗަށް ކުޅިވަރު ބިނާކުރުން،" އެފްއޭއެމަށް ކުރިމަތިވި ހާލަތާ އެއްފަދަ އެހެން ހާލަތެއް ދެން އަލުން ކުރިމަތިވިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭނެ ކަމަކީ ކޮބައިތޯ އެހުމުން އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު މަރްޒޫގް (މަރޭ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "އަށެއްކަ މީހުން" ގެ މައްޗަށް އެފްއޭއެމްގެ ވޯޓުގެ ނިޒާމު ބަރޯސާ ކޮށްފައި އޮތް އޮތުމަކީ އެ ހާލަތަށް އެފްއޭއެމް ދާން ޖެހުނު އެއް ސަބަބެވެ.

"އެ 8 މީހުންނަކީ ފަސްޓް ޑިވިޝަންގައި މި އޮންނަ 8 ކްލަބް. އެ 8 ކްލަބަށް މިދިޔަ 8 އަހަރު 200 މިލިއަން ރުފިޔާ ދީފައި އެ 8 ކްލަބްތަކުގެ މައްޗަށް އޭނާ [ބައްސާމް] ކޮންޓްރޯލް ހޯދީ. އެ ސިސްޓަމް ބަދަލުކުރަންވީ،" މަރުޒޫގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކްލަބްތަކަށް އެ ފައިސާ ބެހިގެންދާ ގޮތަށް ފުޓްބޯޅައިގެ ނިޒާމު ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އެފްއޭއެމްގެ ކޮންގްރެސްގައި ވެސް ރާއްޖޭގެ ޒޯންތަކުގެ ގިނަ ކްލަބްތަކަށް ވޯޓުލުމުގެ ހައްގު ހޯދައި ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓް ދެނީ. -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓް ދެނީ. -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓުލުމުގެ ހުރިހާ ހައްގެއް މިހާރު އޮންނަނީ، މާލެ އަށް ބަރޯސާވެފައިވާ ކްލަބްތަކަށް އެކަންޏެވެ. އޭގެ ތެރޭގައި އިންސްޓިޓިއުޝަނެއް ގޮތަށް ހިންގާ ކްލަބެއް ނެތެވެ. އެ ކްލަބްތަކުގައި އުޅޭ ދެ މީހަކު ކޮންޓްރޯލް ލިބުމުން، އެފްއޭއެމްގެ ކަންކަން ފުރޮޅާލައި ފުށުންޖަހާލުމަކީ މިހާރު އޮތް ގޮތުން ފަސޭހަ ކަމެކެވެ.

މަރްޒޫގް ވިދާޅުވި ގޮތުގައި އެކަން ބަދަލުކޮށް، ގިނަ ބައެއްގެ ހިއްސާ އޮވެގެން ފުޓްބޯޅައިގެ ބޮޑެތި ނިންމުންތައް ނިންމާނެ ނިޒާމެއް ބޭނުންވެ އެވެ.

ފުރަތަމަ ފަހަރަށް އެފްއޭއެމްގެ އިންތިހާބު ބާއްވަން 2008 ގައި އަތޮޅުތަކުގެ ކްލަބްތައް ބާކީކުރުމުން، އޭރު ވެސް އެކަމާ ދެކޮޅަށް އަޑު އުފުލި އެ އެސޯސިއޭޝަނުގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅާލައިގެން ދިޔައީ ހަމައެކަނި ބައްސާމްގެ ސަބަބުން ނޫން ކަމަށެވެ.

އެފްއޭއެމްގެ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ދައުވާ ކޮށްދޭން ފުލުހުން ހުށަހަޅާފައިވާ ފަރާތްތައް.

އެފްއޭއެމްގެ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ދައުވާ ކޮށްދޭން ފުލުހުން ހުށަހަޅާފައިވާ ފަރާތްތައް.

"މުޅި އެތި ކޮރަޕްޓް ވާން ފަށައިފި 2008 އިން ފެށިގެން. މުބާރާތް ކުޅެން ތިބި ރާއްޖޭތެރޭގެ ކްލަބްތައް އެއިން ބޭރުކޮށްލި ހިސާބުން އެ އޮތީ މުޅި އެތި ކޮރަޕްޓްވާން ދޫކޮށްލެވިފައި،" ހާމިދު ވިދާޅުވި އެވެ.

އޭރު ފީފާއިން ނެގި ކޮމިޓީން ލިޔުނު އަސާސީ ގަވާއިދުގައި ވޯޓު ދެވޭ މެންބަރު ކްލަބްތައް ކަނޑައެޅި އިރު، "ފުޓްބޯޅައިގެ އަޣުލަބިއްޔަތު" ވެސް ހަމަނުވާ ކަމަށް ހާމިދު ވިދާޅުވި އެވެ. އެ ގޮތަށް އޮވެ، ރާއްޖޭގެ ފުޓްބޯޅަ މިދިޔަ 16 އަހަރު އަޑިއަޅާލައިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓްގެ ނިޒާމު މުޅި ރާއްޖެ ޝާމިލުވާގޮތަށް ބަދަލުކުރުން

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި މިހާރު އޮތީ މާލެ އަށް ކަނޑައަޅާފައިވާ ފުރަތަމަ ޑިވިޝަނުގެ 8 ކްލަބަށް، ކޮންމެ ކްލަބަކަށް ދެ ވޯޓު ދެވޭ އުސޫލެވެ. އެއް ވަނަ ޑިވިޝަނުގެ ކްލަބަކަށް ވީތީ ދެ ވޯޓު ދިނުމުގެ އުސޫލާ ތަޖުރިބާކާރު ބައެއް ބޭފުޅުން ހިޔާލު ތަފާތެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޖެނަރަލް ސެކްރެޓަރީކަން ވެސް ކުރިން ކުރެއްވި މަރުޒޫގް ވިދާޅުވީ، ފުޓްބޯޅައަކީ ކޮރަޕްޝަނާ ދުރު އެއްޗަކަށް ހަދަން ބޭނުން ނަމަ އެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށެވެ.

ފީފާގެ ބޮޑެތި ނިންމުންތަކަށް ވޯޓު ދިނުމުގައި، ވޯލްޑް ކަޕް ކުޅޭ 32 ގައުމަށް ވެސް ވޯޓު ދިނުމުގައި އެހެން ގައުމުތަކާ ހަމަހަމަ އެވެ. ވޯލްޑް ކަޕުގެ އެ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލާއި ފީފާގެ ރޭންކިންގެ އެންމެ ފުލުގައި އޮތް ސެން މެރީނޯ އަށް ވެސް ލެވެނީ ކޮންމެ ގައުމަކަށް އެއް ވޯޓެވެ.

ސޭވް އެފްއޭއެމްގެ ބައްދަލުބުމެއްގައި ހާމިދު ޕްރެޒެންޓޭޝަން ހުށަހަޅަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޭވް އެފްއޭއެމްގެ ބައްދަލުބުމެއްގައި ހާމިދު ޕްރެޒެންޓޭޝަން ހުށަހަޅަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ރާއްޖޭގައި ވެސް ވީހާ ވެސް ބޮޑަށް ފުޅާކޮށްލަން ވީ ވޯޓިން ރައިޓްސް. މި އޮތް 20 އަތޮޅުގެ ކްލަބްތަކަށް ދޭންވީ. އޭގެ މާނަކީ [ރަށްރަށުގައި ވެސް އެބައުޅޭ] 80 ވަރަކަށް ކްލަބް ނޫނީ 60 ކްލަބް ގަވާއިދުން މުބާރާތްތަކުގައި ބައިވެރިވާ. އެ ކްލަބްތަކަށް ވެސް ކޮންމެ ކްލަބަކަށް އެއް ވޯޓު ދެވޭ އުސޫލުން ވޯޓިން ރައިޓްސް ދީބަލަ،" މަރްޒޫގް ވިދާޅުވި އެވެ.

އެއް ވަނަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދެ ވޯޓު ދިނުމުގެ ހިޔާލާ ދެކޮޅު ނޫން ކަން ހާމަކުރަމުން ހާމިދު ވިދާޅުވީ ދެ ވޯޓު ލެވޭނެ އުސޫލަކީ ރާއްޖޭގެ ކޮންމެ ޒޯނަކުން ދިވެހި ލީގަށް ކޮލިފައިވާ 8 ޓީމަށް އެ ފުރުސަތު ދިނުން ކަމަށެވެ.

"އަށެއް ނޫނީ ނުވަ ޒޯނުން ދިވެހި ލީގަށް ކޮލިފައިވާ 8 ޓީމަކީ ރާއްޖޭގެ އެއް ވަނަ ޑިވިޝަން ކަމަށް ހެދީމާ ނިމުނީ،" ހާމިދު ވިދާޅުވި އެވެ.

ފައިސާ ހަރަދު ކުރާ ގޮތުގެ އުސޫލަށް ފާރަވެރިވުން

އެފްއޭއެމަކީ ރާއްޖޭގެ ކުޅިވަރުގައި ބޭރުގެ އިދާރާތަކުން އެންމެ ގިނަ ފައިސާ ލިބޭ އެސޯސިއޭޝަނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފީފާ އިން ބުނެފައި ވަނީ މި އަހަރުން ފެށިގެން ކުރިއަށް އޮތް ހަތަރު އަހަރު ވަންދެން އެ އިދާރާގެ މެންބަރު ކޮންމެ ގައުމަކަށް ޖުމުލަ 8 މިލިއަން ޑޮލަރު ދޭނެ ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖެ އަށް ދޭން ޖެހޭ ފައިސާތަކުގެ ތެރެއިން ބޮޑު ބައެއް ފީފާއިން ވަނީ، އެފްއޭއެމަށް ތުހުމަތުވި ހިޔާނާތާ ގުޅިގެން މި ވަގުތަށް ހިފަހައްޓައިފަ އެވެ.

އެފްއޭއެމްގެ ކުރީގެ އެންމެ އިސް ދެ ވެރިން ބައްސާމާއި އަލީ އުމަރު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭއެމްގެ ކުރީގެ އެންމެ އިސް ދެ ވެރިން ބައްސާމާއި އަލީ އުމަރު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ހާލަތަށް އެ އެސޯސިއޭޝަން ދާން ޖެހުނު އަނެއް ސަބަބަކީ އެފްއޭއެމްގެ ފައިސާއިން ހަދާނެ އެއްޗެއް ހަދަން ކުޅިވަރުގެ ފާރަވެރި އިދާރާތަކުން މި އޮތްހާ ދުވަހު ދޫކޮށްލައިގެން ތިބުމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ފީފާ އާއި އޭއެފްސީން ދޭ ފައިސާ ހަރަދުކުރި ގޮތް ނުބެލުނު ތާނގައި، ސަރުކާރުން ދޭ ފައިސާއާ މެދު އަމަލު ކުރި ގޮތް ކުޅިވަރުގެ ބެލެނިވެރި އިދާރާތަކުން ބެލިފައި ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

އެފްއޭއެމަށް މި ހާލަތު ކުރިމަތިވެގެން ދިޔަ ގޮތް ވަރަށް ގާތުން ބެއްލެވި ގާނޫނީ ދާއިރާގެ ތަޖުރިބާކަރަކު ވިދާޅުވީ، ފީފާ އިން ދޭ ފައިސާ ވެސް ހަރަދުކުރަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށްތޯ ކުޅިވަރުގެ އިދާރާތަކުން ބަލަން ޖެހޭނެ ކަމަށެވެ.

"ގާނޫނުގައި ވެސް އޮންނާނެ އެއްވެސް މީހަކު [އިދާރާ އަކުން] ފައިސާއެއް ރާއްޖޭން ބޭރުން ގެންނަން ވާނީ ކޮން ކަމަކަށް ހަރަދު ކުރާ ފައިސާއެއްކަން ކުރީ ބައިގައި ކަނޑައަޅައި ސަރުކާރުގެ ޕޮލިސީތަކާ އެލައިން ވަންޏާއޭ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ [ބޭރުން ވަންނަ ފައިސާ] ސަރުކާރަށް ބެލޭނެ އެ އޭންގަލުން. [އެކަންކަން ނުބެލި ދިޔަ ހިސާބުން] ގޯސް ވެގެން މި އުޅެނީ. އަދިވެސް އެ ސައިލްތެރޭގައި މި އެނބުރެނީ."

މިދިޔަ އަހަރު އެފްއޭއެމް އޮފީސް ރެއިޑް ކުރި އިރު އެ އިދާރާގެ ބޭރުގައި ފުލުހަކު މަޑުކޮށްލައިގެން. --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރު އެފްއޭއެމް އޮފީސް ރެއިޑް ކުރި އިރު އެ އިދާރާގެ ބޭރުގައި ފުލުހަކު މަޑުކޮށްލައިގެން. --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެން އޭނާ ވިދާޅުވީ، އެއްވެސް އުސޫލެއް ނެތި ކްލަބްތަކަށް ފައިސާ ދިނުމުގެ ސިޔާސަތު ވެސް ދޫކޮށްލަން ޖެހޭ ކަމަށެވެ. އެފްއޭއެމްގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކޮށްފައި ވަނީ، އޭނާ ވިދާޅުވި ގޮތުން އޫސޫލުތަކެއް ނެތި ކްލަބްތަކަށް ފައިސާ ދޭން ފެށުމުން އޭގެ ބޭނުމުގަ އެވެ.

"ސަރުކާރުގެ ޕޮލިސީއެއް އިމްޕްލިމެންޓް ނުކުރާ ގޮތަކަށް އެއްވެސް ހާލެއްގައި އެއްވެސް ތާކަށް އެއްވެސް ބަޔަކު ފައިސާ ދީގެން ނުވާނެ. ޕްރައިވެޓް ސެކްޓަރުގެ [ބޮޑެތި] ކުންފުނިތަކުން ސްޕޮންސާއެއް ވެސް ނުދޭތާ އެ މީހުން ބޭނުންވާ ކަމެއް ނުކުރަންޏާ،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އެއްވެސް އުސޫލެއް ކަނޑަނާޅައި ފައިސާ އަޅަން ފެށީ. އެހާ ހިސާބުން ފުޓްބޯޅަ ފޯރި ކެނޑުނީ. އެކަހަލަ ކަމެއް ކަން ނޭނގޭ ވީ. ފައިސާ ދޭން ފެށީ އެހެން މަގުސަދެއްގައި ކަން ނޭނގޭ. ފުޓްބޯޅަ އަށް ހިދުމަތްތަކުރުމުގެ ނިޔަތެއްގައެއް ނޫން."

ރާއްޖެ އަށް މި ދިމާވި ފަދަ ހާލަތު އާންމު ގޮތެއްގައި ދިމާވެފައި ވަނީ ދެކުނާއި އިރުމަތީ އޭޝިއާ އާއި އެފްރިކާ އަދި ކެރީބިއަން ގައުމުތަކަށެވެ. އެ ގައުމުތަކަށް ވެސް އެ ހާލަތު އަލުން ދިމާވިޔަ ނުދޭން، ކުޅިވަރުގެ ގާނޫނުތަކާއި އެހެން ގަވާއިދުތަކަށް ވެސް ފީފާގެ އުސޫލުތަކުގެ ތެރެއިން ފިޔަވަޅުތައް އަޅާފައި އެބަހުއްޓެވެ. ފީފާ އިން ވެސް އެކަން ބަލައިގަނެ ގަބޫލުކޮށްފައިވެ އެވެ. ރާއްޖެ އަށް ވެސް ބޭނުންވަނީ އެފަދަ އިސްލާހީ ފިޔަވަޅުތަކެކެވެ.