Roadha Mihaaru

އެފްއޭއެމްގެ ކޮންގްރެސް ފެއިލްކޮށްލަން އުޅުނުކަމުގެ ތުހުމަތު ފީފާގެ އޮފިޝަލަށް

ހޮނިހިރު ދުވަހުގެ ރޭ އެފްއޭއެމުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކޯރަމް ގެއްލުވާލަން، އެ ކޮންގްރެސް އަށް ފީފާ އިން ފޮނުވި މަންދޫބު އަހުމަދު ހައްރާޒު މަސައްކަތްކުރި ކަމަށް ތުހުމަތުތަކެއް ކޮށްފި އެވެ.

"ފީފާގެ އޮފިޝަލް އުޅުނީ ކޮންގްރެސް ބޭއްވިޔަނުދޭން"
ހުސެއިން ހަބީބް
ހުސެއިން ހަބީބް

17 މާޗް 2025

ހޮނިހިރު ދުވަހުގެ ރޭ އެފްއޭއެމުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކޯރަމް ގެއްލުވާލަން، އެ ކޮންގްރެސް އަށް ފީފާ އިން ފޮނުވި މަންދޫބު އަހުމަދު ހައްރާޒު މަސައްކަތްކުރި ކަމަށް ތުހުމަތުތަކެއް ކޮށްފި އެވެ.

އެފްއޭއެމްއާ ގުޅޭ ކޭސް ފީފާގެ ފަރާތުން ބަލަހައްޓަނީ، އެ ޖަމިއްޔާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު ހައްރާޒެވެ. މިސްރަށް ނިސްބަތްވާ ހައްރާޒު ވަނީ އެފްއޭއެމާ ގުޅޭ އެކިކަންކަމުގައި މީގެ ކުރިން ވެސް ރާއްޖެ އައިސްފަ އެވެ.

ކޮންގްރެސްގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ 20 ކްލަބްގެ ތެރެއިން ހަ ކްލަބަކުން ކޮންގްރެސް ބޮއިކޮޓް ކުރި އެވެ. އެއީ ފުރަތަމަ ޑިވިޝަނުން އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ބުރު ސްޕޯޓްސް އެވެ. ދެ ވަނަ ޑިވިޝަނުގެ ބޮއިކޮޓްކުރީ ދަ ގްރާންޑޭ އެވެ. އަނެއް 14 ކްލަބުން ކޮންގްރެސް އަށް ހާޒިރުވި އެވެ.

ތިންވަނަ ޑިވިޝަނުން ކޮންގްރެސް ތަމްސީލު ކުރި ސީބީއެލްގެ އޮފިޝަލަކު "މިހާރު" އަށް ބުނީ ކޮންގްރެސްއިން ބޭރުން ބައެއް ކަންކަން ކުރަން ހައްރާޒު މަސައްކަތް ކުރި ކަމަށެވެ.

އޭނާ ބުނީ އެ ކްލަބް ކޮންގްރެސްގައި ބައިވެރިވުން ސައްހަ ނޫންކަމަށް ހައްރާޒު ބުނަމުން ދިޔަ ކަމަށެވެ.

"ފީފާ އެފަދަ ރެޕިއުޓަބަލް މަގާމެއްގައި ހުންނަން ޖެހޭ މީހަކު މުއާމަލާތް ކުރަންޖެހޭގޮތަކަށް ނޫން އޭނާ އަޅުގަނޑުމެންނާ މުއާމަލާތް ކުރީ. ބުނަނީ އެއްބާރުލުން ދޭނީ ހޭ ނުދޭނީހޭ؟ ހަރުކަށި ޒާތަކަށް އޭނާ އަޅުގަނޑާ ވާހަކަ ދެއްކީ،" ސީބީއެލްގެ އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގައި ބޭއްވި ކޮންގްރެސް ޖަލްސާތަކަށް ވެސް ސީބީއެލް އަށް ދައުވަތު ލިބިފައިވާ ކަމަށެވެ. އެކަމަކު އޭރު މައްސަލައަކަށް ނުވެ އެންމެ ފަހުގެ ކޮންގްރެސްގައި އެ ކްލަބް ބައިވެރިވުން މައްސަލައަކަށް ހަދަނީ ކޮންގްރެސް "ޑިސްޓެބަލައިޒް" ކުރުވަން ހައްރާޒު ބޭނުންވާތީ ކަމަށް އޮފިޝަލް ތުހުމަތު ކުރި އެވެ.

އެފްއޭއެމްގެ ކޮންގްރެސް، ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި ނަމަވެސް ކޯރަމް ހަމަވުމުން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔަ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމްގެ ކޮންގްރެސް، ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި ނަމަވެސް ކޯރަމް ހަމަވުމުން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔަ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ބައެއް ކްލަބްތަކުން ކޮންގްރެސް ބައިކޮޓްކޮށްފަ އޮތީމަ ދެން ހަގީގަތުގައި އިތުރަށް އެންމެ ކްލަބެއް ބައިވެރި ނުވި ނަމަވެސް ކޯރަމް ގެއްލޭނެ. އޭނަ މަސައްކަތް ކުރީ އަޅުގަނޑުމެން އެތަނުން ނެރެން. އޭރުން ކޯރަމް ގެއްލޭނެ، އެކަމަކު އަޅުގަނޑުމެން ބުނިން އަޅުގަނޑުމެންނަކީ އެފްއޭއެމްގެ ސައްހަ މެންބަރު ކްލަބެކޭ. ކޮންގްރެސްގައި މީގެ ކުރިން ވެސް ދައުވަތު ލިބެޔޭ. ސައްހަ ނޫން ކަމަށް އާގިއު ކުރާނެ ވެލިޑް ޕޮއިންޓެއް އޭނަ އަކަށް ނުދެއްކުނު،" ސީބީއެލްގެ އޮފިޝަލް ބުންޏެވެ.

"އެފްއޭއެމުން އަޅުގަނޑުމެންނަށް އޮތީ އިންވައިޓްކޮށްފައި. މިދިޔަ އަހަރު ފެބްރުއަރީ (އެފްއޭއެމްގެ އޭރުގެ ލީޑާޝިޕުން) ބޭއްވި ކޮންގްރެސް އަށް ވެސް ދައުވަތު ފޮނުވި. އެހެން ކޮންގްރެސްތަކަށް ވެސް އޮފިޝަލީ އިންވައިޓް ކުރޭ."

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލިޑާޝިޕުގެ ދަށުން މިދިޔަ އަހަރު ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސް ބޮއިކޮޓް ކުރި ކްލަބްތަކުގެ ތެރޭގައި ސީބީއެލް ވެސް ހިމެނެ އެވެ.

އޭރު ކޮންގްރެސް ބޮއިކޮޓް ކުރި ކްލަބްތަކަކީ، ދެފަހަރެއްގެ މަތިން އެފްއޭއެމުން ބާއްވަން އުޅުނު އިންތިހާބުގައި ވާދަކުރެއްވި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރި ކްލަބްތަކެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކޮންގްރެސް ބޮއިކޮޓް ކުރި ހަ ކްލަބަކީ އޭރު ބާއްވަން އުޅުނު އިންތިހާބުގައި، އެންމެ ފުރަތަމަ ތޯރިގާ ވާދަކުރަން ކެންޑިޑެސީ ހުށަހެޅި އެފްއޭއެމްގެ އޭރުގެ އެކްސްކޯ މެންބަރު އަދި އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމް ތާއީދުކުރި ހަ ކްލަބެވެ. އަދި ދެ ވަނަ ފަހަރު ބައްސާމް ވާދަކުރަން ހުށަހެޅުމުން ވެސް އެ ހަ ކްލަބުން ތާއީދު ކުރީ އޭނާ އަށެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރި ކްލަބްތަކުގެ އޮފިޝަލުންނާ އެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ފޮޓޯއަކަށް ހުއްޓިލައިގެން. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރި ކްލަބްތަކުގެ އޮފިޝަލުންނާ އެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ފޮޓޯއަކަށް ހުއްޓިލައިގެން. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމްގެ ކުރީގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފާ ގާތް ގުޅުމެއް އޮންނަ ހައްރާޒު މަސައްކަތް ކުރަނީ ކުރީގެ ލީޑާޝިޕަށް "ކަންކަން މަގުފަހިވާނެ" ގޮތަށް ކަމަށް ސީބީއެލުން ތުހުމަތު ކުރެ އެވެ. އޭނާގެ މައްޗަށް މީގެ ކުރިން ވެސް ގިނަ އެހެން ތުހުމަތުތަކެއް ކުރެވިފައި ވެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން އައްޔަން ކުރި ކެންޑިޑޭޓުންނާ މެދު އޭނާގެ ހިތްހަމަނުޖެހުން އުފެދި މަގާމުން ވަކި ކުރުމަށް އޭނާ ޑިމާންޑް ކުރި ކަމަށް ވެސް ތުހުމަތުކުރެވެ އެވެ.

އޭނާ އަށް ކުރެވޭ މިފަދަ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބަހެއް ހޯދަން "މިހާރު" އޭނާގެ ރަސްމީ އީމެއިލް އަށް ފޮނުވި މެސެޖަށް ޖަވާބެއް ނުދެ އެވެ. އަދި އޭނާގެ އެ މައްސަލައާ ގުޅިގެން ފީފާ ބަހެއް ހޯދަން ކުރި އީމެއިލް އަށް އެ އިދާރާއިން ވެސް ޖަވާބެއް ނުދެ އެވެ.

އެކަމަކު މީގެ ކުރިން އެފްއޭއެމާ ގުޅޭ އެހެން ކަންކަމުގައި ފީފާ އަށް ކުރާ އީމެއިލްތަކަށް އެ އިދާރާއިން "މިހާރު" އަށް ޖަވާބު ދީފައިވެ އެވެ.