Roadha Mihaaru

ނޯމަލައިޒޭޝަން ކޮމިޓީއަށް އެހީވާން 2800 ޑޮލަރުގެ މުސާރައަކަށް އިއުލާން ނުކޮށް މީހަކު ނަގައިފި

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތަށް އެހީވާން 2،800 ޑޮލަރު ( 43،288ރ.) ގެ މުސާރައެއް ދޭ ގޮތަށް އިއުލާން ނުކޮށް މުވައްޒަފަކު ނަގައިފި އެވެ.

އެންސީއަށް އެހީވާން 2800 ޑޮލަރުގެ މުސާރަލިބޭ މީހެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

02 ޖޫން 2025

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތަށް އެހީވާން 2،800 ޑޮލަރު ( 43،288ރ.) ގެ މުސާރައެއް ދޭ ގޮތަށް އިއުލާން ނުކޮށް މުވައްޒަފަކު ނަގައިފި އެވެ.

އެފްއޭއެމްގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިހާރު ހަމަޖައްސާފައިވާ، ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން ވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާން ވެސް ކައިރިވެފައިވުމުން މަސައްކަތްތައް ހަލުވި ކުރަން އެކަމަށް މުވައްޒަފެއް ނަގާފައިވާކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ އެ މުވައްޒަފު ނެގީ ފީފާގެ ވެސް ހުއްދަ ލިބިގެން ކަމަށެވެ.

މިހާރު ވެސް އެފްއޭއެމްގައި އެކްޓިން ޖެނެރަލް ސެކްރެޓަރީއަކު ވެސް ހުންނަވަ އެވެ.

ސިމަން ވިދާޅުވީ އިދާރީ އެހެން ކަންކަމުގައި އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވެސް ވަރަށް އަވަދިނެތި އުޅުއްވާތީ ނޯމަލައިޒޭޝަން މަސައްކަތް ހަލުވި ކުރަން އެކަމަށް ހާއްސަ މުވައްޒަފެއް މުހިންމު ކަމަށެވެ.

އެ ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހުރޫ މަގާމުގައި ހުންނެވި އިރު އެފްއޭއެމްގެ އެހެން ޑިޕާޓްމެންޓްތަކަށް ވެސް މުވައްޒަފުން ނެގީ އިއުލާންކޮށްގެންނެވެ. އަދި ފުލު ޓައިމްކޮށް ޖެނަރަލް ސެކްރެޓަރީ އެއްވެސް ނެގީ ގެޒެޓްގައި ވެސް ޖަހައި އާންމުކޮށް އިއުލާން ކޮށްގެންނެވެ.

އެކަމަކު އެ ޕްރެކްޓިސް ނޯމަލައިޒޭޝަން ކޮމިޓީން ދޫކޮށްލައި އެ ކޮމިޓީގެ މަސައްކަތަށް އެހީވާ މުވައްޒަފު ނެގީ ވަކި މީހަކު އިހްތިޔާރުކޮށްގެންނެވެ.

"ފީފާގެ ވެސް އެޕްރޫވާ އެކު އަޅުގަނޑުމެން ސްޓާފް ނެގީ ހެޑް ހަންޓް އުސޫލުން. ހެޑް ހަންޓް އުސޫލުން މި މަސައްކަތަށް ސްޓާފަކު ނެގުމުގެ އިހްތިޔާރު އަޅުގަނޑުމެންނަށް ފީފާއިން ދީފަ އޮތީ،" ސިމަން "މިހާރު" އަށް ވިދާޅުވި އެވެ.

އެ މުސާރަ އޭނާ އަށް ހަމަޖައްސާފައި ވަނީ ފީފާއިން އެފްއޭއެމަށް ދޭ އޮޕަރޭޝަނަލް ބަޖެޓުންނެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނަށް ސީދާ މުސާރަ ދެނީ ފީފާއިންނެވެ. އެ ކޮމިޓީގެ މެންބަރުންނަށް 4،000 ޑޮލަރު އަދި ކޮމިޓީގެ ޗެއާމަނަށް ގާތްގަނޑަކަށް 6،000 ޑޮލަރު ދެ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އަންނަ މަހު 31 ގައި ހަމަ ވާނެ އެވެ.