އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ބާއްވާ ކޮންގްރެސް އަންނަ މަހަށް ތާވަލުކޮށްފި އެވެ.
20 އެޕްރީލް 2025
އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ބާއްވާ ކޮންގްރެސް އަންނަ މަހަށް ތާވަލުކޮށްފި އެވެ.
ކޮންގްރެސް ބާއްވާނެ ސީދާ ދުވަހެއް އަދި ފައިނަލެއް ނުކުރެ އެވެ. އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސްއާ ބެހޭގޮތުން ފީފާ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ފީފާ އިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އޮތް އެންމެ މުހިއްމު އެއް މަސްއޫލިއްޔަތަކީ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ފަހު އާ އިންތިހާބެއް ބޭއްވުމެވެ. އެ ކޮމިޓީ އަށް ފީފާއިން ދީފައިވާ އެއް އަހަރުގެ މުއްދަތުގެ ދައުރު ޖުލައި 23 އަށް ހަމަވާނެ އެވެ.
ދައުރު ހަމަވުމުގެ ކުރިން އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު ނުބޭއްވިއްޖެނަމަ، އެފްއޭއެމަށް ފީފާގެ ސަސްޕެންޝަނެއް އައުން ކައިރި އެވެ.
އެފްއޭއެމުން މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ބައިވެރި ކްލަބްތަކުގެ އޮފިޝަލުންނާ އެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ފޮޓޯއަކަށް ހުއްޓިލައިގެން. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެންމެ ފަހުން އެފްއޭއެމުން މިދިޔަ މަހު ބޭއްވި ކޮންގްރެސް، އެއް ވަނަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި އެވެ. އެފްއޭއެމް އޮޑިޓް ކުރާނެ އޮޑިޓް ފާމާކައި އެތެރޭގެ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރަން ބޭއްވި އެ ކޮންގްރެސްގެ ކޯރަމް ހަމަވީ ކިރިކިރިޔާ އެވެ.
އޭގެ ފަހުން އަސާސީ ގަވާއިދު އިސްލާހު ކުރުމާ ގުޅޭ ގޮތުން ބޭއްވި ކޮންފަރެންސަށް، ކޮންގްރެސް ބޮއިކޮޓް ކުރި ބައެއް ކްލަބްތަކުން ހާޒިރުވި އެވެ.
ފީފާއިން ހުށަހެޅި ޑްރާފްޓް އަސާސީ ގަވާއިދުގައި ހަމައެކަނި މާލެ ސަރަހައްދަށް ނިސްބަތްވާ ކްލަބްތަކަށް ބަރޯސާވާ ގޮތަށް ޑްރާފްޓް އޮތުން ބައެއް ކްލަބްތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ.
މިދިޔަ މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އޮބްޒާވް ކުރުމަށް ރާއްޖެ އައި ފީފާ އާއި އޭއެފްސީގެ ވަފުދު: އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އަށް ފީފާގެ ބޮޑު ވަފުދެއް އަންނާނެ ކަމަށް އެފްއޭއެމުން ބުނޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އަށް ވެސް، އެ ކްލަބްތަށް ހާޒިރު ވެދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލަކު ބުންޏެވެ.
އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އޮބްޒާވް ކުރަން ފީފާގެ ބޮޑު ވަފުދެއް ވެސް އަންނާނެ ކަމަށެވެ.
"ކުރީގެ ކޮންގްރެސް އަށް އައި ވަރަށް ވުރެ ބޮޑު ވަފުދެއް މި ކޮންގްރެސް އަށް އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މި މަހު ފަށަން އެފްއޭއެމުން މަސައްކަތް ކުރި ފުޓްބޯޅަ ސީޒަން މަޑުޖައްސާލަން ފީފާއިން އެންގި އެވެ. އެ އިދާރާއިން އެގޮތަށް އެންގީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތާއި ނޯމަލައިޒޭޝަންގެ އެހެން މަސައްކަތްތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް އެފްއޭއެމުން ކްލަބްތަކަށް ފޮނުވި މެމޯގައި ބުނެފައިވެ އެވެ.
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
"ފީފާގެ އޮފިޝަލް އުޅުނީ ކޮންގްރެސް ބޭއްވިޔަނުދޭން"
އެފްއޭގެ ގަވާއިދު އިސްލާހުކުރަން ފީފާއިން ކޮންފަރެންސެއް
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
ފީފާގެ ކޮންސަލްޓަންޓް ޖައު އެފްއޭއެމަށް ވެސް ލަފާދޭ
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟