Roadha Mihaaru

ފީފާގެ ކުރިމަތީގައި ބައްސާމް މައުސޫމް މީހަކަށް؟!

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް، ފީފާއިން ދިން ނުވަ މަސް ދުވަހުގެ ސަސްޕެންޝަނުގެ މުއްދަތު ހަމަވެއްޖެ އެވެ.

ފީފާގެ ކުރިމަތީގައި ބައްސާމް މައުސޫމް މީހަކަށް؟!
ހުސެއިން ހަބީބް
ހުސެއިން ހަބީބް

06 އެޕްރީލް 2025

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް، ފީފާއިން ދިން ނުވަ މަސް ދުވަހުގެ ސަސްޕެންޝަނުގެ މުއްދަތު ހަމަވެއްޖެ އެވެ.

އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައި ފީފާގެ އިންޑަޕެންޑެންޓް އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ފުރަތަމަ މަރުހަލާގެ ސަސްޕެންޝަނެއްގެ ގޮތުގައި ފީފާއިން އޭނާ އަށް އޭރު ކުރިމަތި ކުރި ސަސްޕެންޝަނުގެ މުއްދަތު ހަމަވީ މިދިޔަ މަހު 20 ގަ އެވެ.

ފީފާއިން ޖޫން މަހު ބުނެފައި ވަނީ އެ އިދާރާގެ އެތިކްސް ކޮމިޓީން އޭރު އެ ފިޔަވަޅު އެޅީ ފީފާއިން ދޭ ފައިސާއިން އެފްއޭއެމްގެ ވެރިން މަނީ ލޯންޑަރިން އާއި ހިޔާނާތާއި ކޮރަޕްޝަނާއި އެހެނިހެން ޖިނާއީ ކުށްތައް ކުރާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ފަށާފައިވާ ތަހުގީގާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

ފީފާއިން އެފްއޭއެމަށް ދިން ފައިސާއިން ބައްސާމް، ދެ ޕެންޓް ހައުސް ގެނަފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ކޯޓުން އެންގުމުން އެ ތަން ވަނީ ހުސްކޮށް ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި މަނީލޯންޑަރިންގެ ދައުވާ ވެސް ބައްސާމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

ނަމަވެސް، އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ހަމަވިތާ ދެ ހަފުތާ ވީއިރު ވެސް ސަސްޕެންޝަން ފީފާއިން އިތުރުކޮށްފައެއް ނުވެ އެވެ.

އޭނާގެ ސަސްޕެންޝަނާ ބެހޭގޮތުން ފީފާއިން އިތުރަށް ފިޔަވަޅު ނޭޅުމުން، ފުޓްބޯޅައިގެ އާންމު ގަވާއިދުތަކަށް އަހުލުވެރި ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ ފީފާގެ ކުރިމަތީގައި ބައްސާމް މިހާރު މައުސޫމް މީހަކަށް ވެފައިވާ ކަމަށެވެ.

"އޭގެން މާނަ ކުރެވޭނީ ފީފާގެ ކުރިމަތީގައި އޭނާ އިނޮސެންޓޭ. އޭނާގެ މައްސަލައެއް ނެތޭ. ހީ އިޒް ފްރީ،" މައްސަލައިގެ ގޮތުން ނަން ޖަހަން ބޭނުން ނުވާކަން ހާމަކޮށް ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

ފީފާއިން އޭރު ބައްސާމް ސަސްޕެންޑް ކުރީ ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުގައި ހިއްސާވެ ބައިވެރި ވެސް ނުވެވޭނެ ގޮތަށެވެ. އެކަމަކު އޭނާގެ ސަސްޕެންޝަން މިހާރު ނިމުމުން، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއްގައި އަލުން އޭނާ އަށް ބައިވެރިވެ ހަރަކާތްތެރި ވެވޭނެ އެވެ.