Roadha Mihaaru
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!

ފުރުން މަނާކޮށްފައިވާ ބައްސާމް ފީފާގެ ކޮންގްރެސް އަށް ދާން ރަޖިސްޓަރީކޮށްފި

13 މެއި 2024

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގެ ތަހުގީގު ކުރަމުންދާތީ ފުރުންމަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ، ބައްސާމް އަދީލް ޖަލީލް ފީފާގެ ކޮންގްރެސްގައި ބައިވެރިވާން ރަޖިސްޓަރީ ކޮށްފި އެވެ.

ފީފާގެ މި އަހަރުގެ އާންމު ކޮންގްރެސް ބާއްވާނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. އަންނަ ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި ފީފާގެ މެންބަރު 211 ގައުމުން 3،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ފީފާއިން ލަފާ ކުރެ އެވެ.

މި ފަހަރު ކޮންގްރެސްގައި 2027 ވަނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް މެންބަރު ގައުމުތަކުގެ ވޯޓަށް އަހާނެ އެވެ.

ކޮންގްރެސްގައި ރާއްޖެ ތަމްސީލު ކުރާނީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުރުން، އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ އުމަރާއި ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފެވެ.

"ބައްސާމް (ދަތުރު ކުރަން ހުއްދަ ލިބިއްޖެނަމަ) އަލީ އުމަރާއި ދެން އަޅުގަނޑު،" ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރާނީ ކޮން ބޭފުޅުންނެއް ތޯ ސުވާލު ކުރުމުން، ޖައުޝަން ވިދާޅުވި އެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް؛ ފީފާގެ ކޮންގްރެސްގައި ޖައުޝަން ބައިވެރި ވާނެ .-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފީފާގެ ކޮންގްރެސްގެ ކުރިން އޭއެފްސީ ކޮންގްރެސް ވެސް ހަމަ ތައިލެންޑްގައި މިއަންނަ ބުރާސްފަތި ދުވަހު އޮންނާނެ އެވެ. އެ ޖަމިއްޔާގެ ކޮންގްރެސްގައި ވެސް ރާއްޖެ ތަމްސީލު ކުރަން ހަމަޖެހިފައި ވަނީ އެ ތިން ބޭފުޅުންނެވެ.

ގަތަރުގައި މީގެ ކުރިން އޮތް އޭއެފްސީގެ އެހެން ބައްދަލުވުމަކަށް ދާން ކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ބައްސާމް މައްސަލަ ހުށަހެޅި އެވެ. ފެބްރުއަރީ މަހު އެ ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓް ދޫ ނުކުރުމަށެވެ.

އޭނާ ޕާސްޕޯޓް، އިމިގްރޭޝަނުން ހަ މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓީ ފުލުހުން އެދިގެން ޑިސެމްބަރު މަހު ކުރީކޮޅުގަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ކުރީކޮޅަށެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ބައްސާމަށް ދައުވާކޮށްފަ އެވެ. އަދި ވެސް އިތުރު މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.