Roadha Mihaaru
އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާއިން ނިންމައިފި

އެފްއޭއެމް ހިންގަން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ނިންމައިފި

23 ޖުލައި 2024

ބޮއްސުންލާފައިވާ އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާ އިން މިއަދު ނިންމައިފި އެވެ.

ބޮއްސުންލާފައިވާ އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާ އިން މިއަދު ނިންމައިފި އެވެ.

ފީފާއިން އައްޔަން ކުރާ ނޯމަލަިއޒޭޝަން ކޮމިޓީ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އެކަމަކު އެ އިދާރާއީން އިން ބުނީ އެ ކޮމިޓީއާ ހަވާލުވާ ޒިންމާތައް އެ މުއްދަތުގެ ކުރިން ފުރިހަމކޮށް ނިންމުމުން ކޮމިޓީގެ ދައުރު ނިމޭނެ ކަމަށެވެ. މައްސަލަތައް ހައްލުކޮށް އެފްއޭއެމް އިންތިހާބުކޮށް ނިންމަން ޖެހޭ އެންމެ ފަހު މުއްދަތެއްގެ ގޮތުގައި އެ ކޮމިޓީ އަށް ފީފާއިން ދިނީ އަންނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށެވެ.

ނޯމަލައިޒޭޝަން ކޮމިޓީއަކާ ހިންގުން ހަވާލު ކުރަން ފީފާއިން ނިންމި އިރު، މި މަހުގެ ދެވަނަ ދުވަހު ވަނީ އެފްއޭއެމްގައި އެންމެ ފަހުން އޮތް އެކްސްކޯގެ ދައުރު ހަމަވެފަ އެވެ. އެ އެކްސްކޯއާ މެދު ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް، އޭރު ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ވަނީ ނުވަ މަސް ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތި ކުރުވާފަ އެވެ.

އެފްއޭއެމް އަށް ނޯމަލައިޒޭޝަން ކޮމިޓީއެއް ޔައްޔަން ކުރަން ނިންމީ އެ އެސޯސިއޭޝަން ކުރިމަތިވެފައިވާ ދޯހަޅި ހިންގުމުގެ މައްސަލަތަކުގެ އިތުރަށް މާލީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އަރައިގަތުމުގެ ގޮތުން ކަމަށް ފީފާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

"ރާއްޖެއާ ގުޅޭ ގޮތުން މިގޮތަށް ނިންމީ އޭއެފްސީއާ މަޝްވަރާކުރުމަށްފަހު އަދި އެފްއޭއެމަށް ކުރިމަތިވެފައިވާ ދޯހަޅި ހިންގުމުގެ މައްސަލަތަކުގެ އިތުރުން މާލީ ގިންޖެހުންތައް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.،" ފީފާގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ކޮމިޓީ އަށް އައްޔަން ކުރާނީ ކޮން ބައެއް ކަމެއް އަދި މިހާތަނަށް ފީފާ އިން ނުނިންމަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ މަގާމުތައް ކުރިން އަދާކުރެއްވި ބައެއް ބޭފުޅުންގެ ސީވީ ފީފާ ވަނީ އެއްކޮށްފަ އެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ވެސް މަސްއޫލިއްޔަތުތަކެއް އަދާކުރެއްވި ރާއްޖޭގެ ބޭފުޅަކު ވިދާޅުވީ އެންމެ ފުރަތަމަ މަރުހަލާއަކީ ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަން ކުރަން ފީފާ އިން ނިންމުން ކަމަށެވެ.

"ނޯމަލައިޒޭޝަން ކޮމިޓީއަކާ ހިންގުން ހަވާލުކުރަން ނިންމާ ގޮތަކަށް ކޮމިޓީއެއް އެކުލަވައެއް ނުލާނެ. އެންމެ ފުރަތަމަ މަރުހަލާގެ ނިންމުން ފީފާ އިން އެ ނިންމީ. ދެން އޮންނާނީ އެ ބޭފުޅުންގެ އިވެލްއޭޝަނަށް ފަހު އެ ކޮމިޓީ އެކުލަވާލުން،" އޭނާ ވިދާޅުވި އެވެ.

ފީފާއިން މިއަދު ވަނީ ޓިއުނީޝީއާގެ އެފްއޭގެ ހިންގުން ވެސް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ނިންމައިފަ އެވެ. އެ އިދާރާއިން ބުނީ ދެ ގައުމަށް ވެސް ކޮމިޓީ އައްޔަން ކުރާނީ އޭއެފްސީ އާއި ކެފް (އެފްރިކާ ބައްރުގެ ފުޓްބޯޅަ އިދާރާ) ގުޅިގެން ކަމަށެވެ. ކޮމިޓީ އަކަށް އެކަށީގެންވާ އަދަދަކަށް މެންބަރުން އައްޔަން ކުރާނެ ކަމަށް ފީފާ އިން ބުންޏެވެ.

"(ނޯމަލައިޒޭޝަން ކޮމިޓީތަކަށް އައްޔަން ކުރާ ހުރިހާ) މެމްބަރުންގެ ކިބައިގައި ވެސް ފީފާގެ ގަވާނަންސް ގަވާއިދާ އެއްގޮތަށް ފީފާގެ ރިވިއު ކޮމިޓީން ކުރިއަށް ގެންދާ ޝަރުތު ހަމަވޭތޯ ބަލާނަން،" ފީފާގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.

ފުޓްބޯޅައިގެ އިދާރީ ހިންގުމުގެ ތަޖުރީބާކާރު އެހެން ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި އޮންނާނީ މައިގަނޑު ތިން މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އެއީ؛ ފީފާއިން ހަވާލުކުރާ މަސްއޫލިއްޔަތުގެ އިތުރުން، ހިންގާ ގަވާއިދު އިސްލާހްކޮށް ފާސް ކުރުމާއި އެ ގަވާއިދާ އެއްގޮތަށް މިނިވަން އިންތިހާބެއް ބޭއްވުން ކަމަށެވެ.