ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު މިއަދު ހެކިބަސް ދީފި އެވެ.
29 ޖޫން 2025
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު މިއަދު ހެކިބަސް ދީފި އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އަށް ބައްސާމް ވަނީ އިންކާރު ކޮށްފަ އެވެ. އެހެންވެ، އެ މައްސަލަގައި މިހާރު ކުރިއަށް ދަނީ އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަލީ އުމަރު ހެކިބަސް ދެމުން ބުނީ، އޭނާއަކީ އެފްއޭއެމްގެ ޗެކްތަކުގައި ސޮއިކުރުމުގެ ބާރު އޮތް މީހެއް ކަމަށާއި އެކި ޗެކްތަކުގައި ސޮއިކޮށްފައި ވާނެ ކަމަށެވެ. އެފްއޭއެމަށް ޑޮލަރުން ލިބޭ ފައިސާ މާރުކުރުމަށް ވެސް ޗެކްތަކުގައި ސޮއިކޮށްފައިވާނެ ކަމަށާއި ޗެކްގައި ސޮއިކުރަނީ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަތޯ ބެލުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް، އެފްއޭއެމްގެ ވަކި ޓްރާންސްސެކްޝަނަކާ ގުޅޭ ގޮތުން ދައުލަތުން ސުވާލުކުރުމުން އޭގެ ހަނދާން މިހާރަކު ނެތް ކަމަށް އަލީ އުމަރު ބުންޏެވެ. އެކަމަކު، ފުލުހުންގެ ތަހުގީގުގައި އޭނާއާ އެފަދަ ޓްރާންސްސެކްޝަންތަކަކާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި އެ ތަހުގީގަށް އެކަމާ ގުޅޭ ގޮތުން އޭނާ ދީފައިވާނީ ތެދު މައުލޫމާތު ކަމަށް ބުންޏެވެ.
އަލީ އުމަރު ބުނިގޮތުގައި، އެފްއޭއެމްގެ ދުވަހުން ދުވަހުގެ މަސައްކަތުގައި އެ އިދާރާގެ ރައީސް އަދި ނައިބު ރައީސްގެ މާބޮޑު ދައުރެއް ނޯންނާނެ އެވެ. އެކަމުގެ ތެރޭގައި ނުވެސް އުޅޭ ކަމަށް ޝަރީއަތުގެ މަޖިލިހުގައި ބުންޏެވެ. އެފްއޭއެމް ދުވަހުން ދުވަހަށް ހިންގުމުގެ ހުރިހާ ޒިންމާއެއް އޮންނާނީ ޖެނަރަލް ސެކެޓްރީއަށް ކަމަށް އޭނާ ބުންޏެވެ.
ބައްސާމްގެ ވަކީލް ކުރި ސުވާލަކަށް ޖަވާބު ދެމުން އަލީ އުމަރު ބުނިގޮތުގައި، އެފްއޭއެމްގެ ރައީސް ބައްސާމަށް 5،000 ޑޮލަރުގެ އެލަވެންސެއް އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ އެލަވެންސް ނެގި ކަމެއް ނުވަތަ ނޫންކަމެއް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ. އެކަމާ ގުޅޭ ލިޔުންތައް އެފްއޭއެމްގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި އެފްއޭއެމްގެ އޮފީސް އަދި ބައްސާމް ދިރިއުޅޭ ގެ ބަލައިފާސްކުރި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހަކު ވެސް ހެކިބަސް ދީފައިވެ އެވެ. އޭނާ ހެކިބަސް ދެމުން ބުނީ، ހެކި ފޮރުވަން ނުވަތަ ލިޔެކިޔުންތައް ނުދޭން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
މި މަހުގެ 21 ވަނަ ދުވަހަށް ވެސް ވަނީ މި މައްސަލައިގައި ހެކިބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދަައުވާ ވެސް ކުރި އެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އެހެން ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ.
ބައްސާމް ވިދާޅުވަނީ ދިފާއީ ވަކީލަކު ހަމަނުޖެހޭ ކަމަށް
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހު ނިންމާލަނީ
"އެފްއޭއެމްގެ ފައިސާ ކަންކަން އިސްކޮށް ބެލީ ބައްސާމް"
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި
ބައްސާމްގެ މައްސަލާގައި ބައެއް ހެކި ސިއްރުކުރަން އެދެފި
ޕެންޓްހައުސް އެއްބަސްވުން އޮތީ ބައްސާމުގެ ނަމުގައި
އެފްއޭއެމް މައްސަލާގައި އަމިން އަށް ވެސް ދައުވާކޮށްފި
އެފްއޭއެމްގެ ހިޔާނަތް: ބައްސާމަށް އިތުރު ދައުވާތަކެއް
ބައްސާމްގެ ފްލެޓް އަތުލުން ފަސްކުރުމުން ފާޑުކިޔުން