Roadha Mihaaru

ބައްސާމް ވިދާޅުވަނީ ވަކީލަކު ހަމަނުޖެހޭ ކަމަށް، ގާޒީ ވިދާޅުވީ އިތުރަށް ލިބޭނީ 10 ދުވަސް ކަމަށް

އެފްއޭއެމަށް ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ތުހުމަތުން ދިފާއުވާން ދިފާއީ ވަކީލަކު ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން ހަމަނުޖެހިގެން އުޅޭ ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ބައްސާމް ވިދާޅުވަނީ ދިފާއީ ވަކީލަކު ހަމަނުޖެހޭ ކަމަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

09 ސެޕްޓެމްބަރ 2025

އެފްއޭއެމަށް ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ތުހުމަތުން ދިފާއުވާން ދިފާއީ ވަކީލަކު ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން ހަމަނުޖެހިގެން އުޅޭ ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ.

އެ ދެ ދައުވާއާ ގުޅޭ ޝަރީއަތް ފަށަން މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވިއިރު ބައްސާމް ވަޑައިގެންނެވީ ވަކީލަކާ ނުލަ އެވެ. އޭނާ ވިދާޅުވީ ވަކީލަކު އައްޔަން ކުރަން ވަރަށް މަސައްކަތްކުރި ނަމަވެސް، މިހާތަނަށް ވަކީލަކު ހަމަނުޖެހޭ ކަމަށެވެ. އެހެންވެ، ވަކީލަކު ހޯދަން އިތުރު މުއްދަތެއް ދެއްވުމަށް ބައްސާމް އެދިވަޑައިގަތެވެ.

ނަމަވެސް، ގާޒީ ނިންމެވީ މިއީ ދައުވާކުރިތާ ގިނަ ދުވަސްވެފައި އޮތް މައްސަލައަކަށްވާތީ އިބްތިދާއީ މަރުހަލާ ފެށުމަށެވެ. އެގޮތުން ދައުލަތުން މިއަދު ވަނީ ބައްސާމްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.

އެ ދައުވާއަށް ޖަވާބުދާރީވާން އިތުރު އަޑުއެހުމެއް މި މަހު ފަހުކޮޅަށް ތާވަލުކުރި އެވެ. އަދި ވަކީލަކު އައްޔަން ކުރަން ބައްސާމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެ މުއްދަތުގައި ވަކީލަކު އައްޔަން ނުކުރެވުނު ނަމަވެސް، ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާޒީ އެންގެވި އެވެ.

މި މައްސަލަގައި ބައްސާމްގެ މައްޗަށް ދެ ދައުވާ އުފުލާފައިވަނީ އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ އަށް ކޮޓަރި އާއި 10 ފާހަނައިގެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭގޮތަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާ، އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.

ހިޔާނާތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. މަނީ ލޯންޑްރިންގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 100,000ރ. އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.

އެ ދައުވާތަކުގެ އިތުރުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ދައުލަތުން އެދިފަ އެވެ.

ބައްސާމްގެ މައްޗަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ފުރަތަމަ އުފުލި ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅޭ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލަގެ އަޑުއެހުންތައް އޮތީ ނިމުމާ ގާތުގަ އެވެ.

މައްސަލައިގައި ނަގަން ޖެހޭ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން މިމަހުގެ 23 ވަނަ ދުވަހަށް ތާވަލްކޮށް، މިމަހުގެ 29 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވަން އަޑުއެހުން ވަނީ ތާވަލުކޮށްފަ އެވެ. ހުލާސާ ބަޔާނަށްފަހު އޮންނާނީ މައްސަލާގައި ގޮތް ކަނޑައަޅައި، ހުކުމް އިއްވުމުގެ މަޖިލީހެވެ.

މި މައްސަލާގައި ބައްސާމް ފުރަތަމަ އައްޔަން ކުރި ވަކީލުން މައްސަލައިން ތަނާޒަލްވިއިރު، މިހާރު ވެސް ކުރިއަށް ދަނީ ދެ ވަކީލަކާ އެކު އެވެ.