31 އޮކްޓޯބަރ 2024
އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތުން އަރައިގަތުމަށް ފީފާއިން އެހީވާނެކަމުގެ ޔަގީންކަން، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވާފައިވާ ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފި އެވެ.
އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތުން އަރައިގަތުމަށް ފީފާއިން އެހީވާނެކަމުގެ ޔަގީންކަން، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވާފައިވާ ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފި އެވެ.
ދެކުނު ކޮރެއާގައި ބޭއްވި އޭޝިއާ ފުޓްބޯޅަ ރައީސުން އަދި ޖެނަރަލް ސެކްރެޓަރީންގެ ކޮންފަރެންސްގައި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރާއި އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ބައިވެރިވެ ވަޑައިގަތެވެ.
ޒުހޫރު ވިދާޅުވީ އެ ކޮންފަރެންސްގެ ހަވާސާގައި އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާއާ ބައްދަލު ކުރައްވައި އެފްއޭއެމްގެ ހާލަތު ކިޔައިދެއްވި ކަމަށެވެ.
ފީފާއިން އާންމުކޮށް ދޭ ބަޖެޓްގެ އިތުރުން މައިގަނޑު ދެކަމަކަށް އެހީވެދެއްވާނެ ކަމުގެ ޔަގީންކަން އިންފަންޓީނޯ ދެއްވި ކަމަށް ޒުހޫރު ވިދާޅުވި އެވެ.
އިންފަންޓީނޯ އަދި ޒުހޫރު
އޭނާ ވިދާޅުވީ އެފްއޭއެމް، މިހާލަތުން އަރައިގަނެވެންދެން މުވައްޒަފުންގެ މުސާރަ ދިނުމަށް ކޮންމެ މަހަކު ފީފާއިން ފައިސާގެ އެހީތެރިކަމެއް ދޭން ހުށަހެޅުއްވި ކަމަށެވެ.
"އަޅުގަނޑުމެން ރިކުއެސްޓް ކުރީމަ އިންފަންޓީނޯ ވިދާޅުވި ކޮންމެ މަހަކު މުސާރަ ދިނުމަށް އެބައި ހަމަޖައްސަވައި ދެއްވާނެކަމަށް،" ޒުހޫރު ވިދާޅުވި އެވެ.
ރާއްޖޭގައި ޔޫތު ފުޓްބޯޅަ އެކަޑަމީއެއް ހިންގުމަށް ފީފާއިން ފައިސާގެ އެހީ ދޭނެކަމަށް ވެސް އިންފަންޓީނޯ ވިދާޅުވި ކަމަށެވެ.
"އެ ދެ ބޭފުޅުން [އިންފަންޓީނޯ އާއި ޝައިހް ސަލްމާން] ވެސް ކޮމިޓްމެންޓް ދެއްވި ފުޓްބޯޅަ ތަރައްގީ ކުރުމަށް އެހީތެރިވުމަށް. ހާއްސަކޮށް ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަރައްގީ ކުރުމަށާއި ފުޓްބޯޅަ އިންފްރާސްޓްރަކްޗާ އަށް އެހީ ދިނުމަށް. އޭގެ ތެރޭގައި ހުޅުމާލޭ ފުޓްބޯޅަ ސްކޫލް ޕްރޮޖެކްޓް ވެސް ހިމެނޭ،" ދެކުނު ކޮރެއާގައި ހުންނަވައި، "މިހާރު" އަށް ފޯނު މެދުވެރިކޮށް ދެއްވި އިންޓަވިއުގައި ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން
ބޯޑިން ސްކޫލެއްގެ ގޮތުގައި ފުޓްބޯޅަ އަށް ހާއްސަ ޓްރޭނިން ސެންޓަރެއް ހިންގުމަށް ހުޅުމާލެއިން އެފްއޭއެމަށް ބިން މިހާރު އޮތީ އެ އެސޯސިއޭޝަންގެ ދަށުގައެއް ނޫނެވެ. އެ ބިމަށް ކުއްލި ނުދައްކާ މައްސަލަ ބޮޑުވުމުން، އެޗްޑީސީން ވަނީ އެ ބިން އެފްއޭއެމް އަތުން އަތުލައިފަ އެވެ.
"ޔޫތު ފުޓްބޯޅަ އެކަޑަމީއެއް ހިންގުމަށް ފީފާ އާއީ އޭއެފްސީން ވެސް އެހީ ދެއްވާނެކަމަށް ވިދާޅުވީމާ މިކޮޅުގައި ހުރެގެން އަޅުގަނޑުމެން ވާނެ ރައީސް [ޑރ. މުހައްމަދު މުއިއްޒު] އަށް ސިޓީއެއް ފޮނުވާފައި ސަރުކާރުގެ ތެރެއިން އެކަމާ ގުޅޭ ކަންކަން ފަހިކޮށްދިނުމަށް އެދި،" ޒުހޫރު ވިދާޅުވި އެވެ.
އެ ބިން އަލުން އެފްއޭއެމަށް ހޯދުމަށް ސަރުކާރާ ވާހަކަ ދައްކަމުން އަންނަކަމަށް ޒުހޫރު ކުރިން ވިދާޅުވި އެވެ.
ސައުދީ އަރަބިއާ އާއި ޖަޕާނާއި ދެކުނު ކޮރެއާގެ ފުޓްބޯޅަ އިދާރާތަކުގެ ވެރިންނާ ބައްދަލުކޮށް އެފްއޭއެމްގެ ހާލަތު ބަދަލު ކުރުމަށް އެ ގައުމުތަކުން ވެދެވެން އޮތް އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"ވަރަށް ޕޮޒިޓިވްކޮށް އަޅުގަނޑަށް ފެނުނީ،" ޒުހޫރު ވިދާޅުވި އެވެ.
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާގެ ރާގު ބަދަލުވެއްޖެ، މިހާރު ދެނީ އިންޒާރު!
ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ
ފުޓްބޯޅަ ސްކޫލް ބިމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް
ހުޅުމާލޭ ބިމުގެ މައްސަލަ: އެފްއޭއެމް ބަނގުރޫޓުވެދާނެ!
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ ދަރަނި ދައްކަން މަގުޗާޓެއް އެކުލަވާލަނީ
އެފްއޭ އިމާރާތް ވީރާނާވެފައި، ކޮމިޓީއަށް އޮފީހެއް ނެތް