Roadha Mihaaru
ފީފާގެ ރާގު ބަދަލުވެއްޖެ، މިހާރު ދެނީ އިންޒާރު!

ފީފާގެ ރާގު ބަދަލުވެއްޖެ، މިހާރު ދެނީ އިންޒާރު، ކުރަނީ އަމުރު!

03 ފެބުރުއަރީ 2024

ކުރީގެ ސަރުކާރު ފެށުނުތަނާ ކައިރީގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާގެ ބައްދަލުވުމަކަށް ވަޑައިގެން ސްވިޒަލެންޑްގައި، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރެއްވި އެވެ. އެ ސަރުކާރު ފެށުނުތަނާ ކައިރީގައި އޭރުގެ ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އިސްނަންގަވައިގެން ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކްލަބްތައް ލައްވައި ވެއްދުމަށް އޮތީ މަސައްކަތް ފެށިފަ އެވެ. އޭނާގެ ލީޑާޝިޕަށް ލޮޅުން އަރައިފާނެ ކަމުގެ އަލާމާތްތަކެއް އޭރު ފެންމަތިވި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުރީގެ ސަރުކާރު ފެށުނުތަނާ ކައިރީގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާގެ ބައްދަލުވުމަކަށް ވަޑައިގެން ސްވިޒަލެންޑްގައި، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރެއްވި އެވެ. އެ ސަރުކާރު ފެށުނުތަނާ ކައިރީގައި އޭރުގެ ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އިސްނަންގަވައިގެން ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކްލަބްތައް ލައްވައި ވެއްދުމަށް އޮތީ މަސައްކަތް ފެށިފަ އެވެ. އޭނާގެ ލީޑާޝިޕަށް ލޮޅުން އަރައިފާނެ ކަމުގެ އަލާމާތްތަކެއް އޭރު ފެންމަތިވި އެވެ.

އޭނާގެ ލީޑާޝިޕަށް އޭރު އަރަމުންދިޔަ ރޯޅިތަކުގެ މައުލޫމާތު ބައްސާމް، އިންފަންޓީނޯއާ ވަކިން ހިއްސާކުރެއްވި އެވެ. ފީފާގެ ބައްދަލުވުމުގެ ހަވާސާއިން ބޭރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އިންފަންޓީނޯގެ ގާތުން ބައްސާމް އެދިވަޑައިގަތީ، އޭނާގެ ލިޑާޝިޕަށް ހިމާޔާތް ދެއްވުމަށެވެ. އެ ޔަގީންކަން އިންފަންޓީނޯގެ ފަރާތުން ވެސް ދެއްވިި އެވެ. އެކަމަކު ގާތްގަނޑަކަށް އޭގެ ފަސް އަހަރުފަހުން ހާލަތު ބަދަލުވެއްޖެ އެވެ.

ބައްސާމްގެ ހިމާޔަތުގައި ފީފާއެއް ނެތެވެ. އޭގެ ބަދަލުގައި ފީފާއިން، އެފްއޭމް އަށް ދެނީ އިންޒާރެވެ. ކުރަނީ އަމުރެވެ. އެ އެންގުންތަކުގެ ބަސްމަގު ހަރުކަށިވެފައި ގަދަކަމުން ކިޔަމަން ކުރުމުގެ ރާގެއް ހުރެ އެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ފީފާއިން ފައިސާ ފޮނުވި އިރު ވެސް ގަދަ އަމުރަކުން އަންގާފައި އޮތީ، އެ ފައިސާ އެހެން ކަމަކަށް ހަރަދުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފުސީލު ދިނުމަށް ގަދައަޅައި ހަނދާންކޮށްދީފައި ވެއެވެ.

"ފީފާގެ އާންމު އުސޫލަކީ ކުއާޓާލީ ދޭ ބަޖެޓް ވެސް ދޭނީ އޭގެ ކުރިން ދިން ބަޖެޓްގެ ތަފުސީލު ފޮނުވުމުން. ނަމަވެސް ތި ލެވަލްގައި ތިފަދަ ބަސްމަގުގައި އަންގާ ނަމަ އެބަ އެނގޭ އެފްއޭއިން ފައިނޭންސް މެނޭޖްކުރާ ގޮތާ މެދު ފީފާ އިން މިހާރު އިތުބާރު ނުކުރާކަން،" ފީފާ އާއި އޭއެފްސީގެ އެކި ހަރަކާތްތެތަކުގައި ކުރިން ބައިވެރިވި ބޭފުޅަކު ވިިދާޅުވި އެވެ.

އެފްއޭއެމްގެ މައްސަލަތައް ފެންމަތިކޮށް، އެ މައްސަލަތައް ފީފާއާ ހަމައަށް ގެންދިއުމަށް ޔޫތު ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އެކި ބޭފުޅުން މަސައްކަތް ކުރެއްވި އެވެ. ކުރީގެ މިނިސްޓަރު އަހްމަދު ޒުހޫރު އެ މަގާމުގައި ހުންނެވި އިރު، އެފްއޭއެމްގެ މައްސަލަތަކުގެ ވާހަކަ ފީފާ އަށް ހާމަކުރުމުގެ ގޮތުން ސިޓީއެއް ވެސް ފޮނުއްވި އެވެ. އެކަމަކު ފީފާއިން އެ ސިޓީ އަށް ސަމާލުކަމެއް ނުދެ އެވެ.

އޮކްޓޯބަރު މަހު އިންފަންޓީނޯ (ކ) އާއި ބައްސާމް ބައްދަލުކުރައްވަނީ:  ---  ފޮޓޯ: އިންފަންޓީނޯ އިންސްޓަގްރާމް

އޮކްޓޯބަރު މަހު އިންފަންޓީނޯ (ކ) އާއި ބައްސާމް ބައްދަލުކުރައްވަނީ: --- ފޮޓޯ: އިންފަންޓީނޯ އިންސްޓަގްރާމް

ބައްސާމްގެ އިތުބާރު ނެތް ކަމަށް 2018 ގެ ފަހުކޮޅުގައި މިނިސްޓަރު އަހުމަދު މަހްލޫފް މަސައްކަތް ފެއްޓެވި ދަނޑިވަޅު އުފެދުނު ހަމަނުޖެހުންތައް ބަލަން ފީފާއިން ރާއްޖެ އަށް ފޮނުވި ޑެލިގޭޝަނާ ވަކިން ބައްދަލު ކުރުމަށް، އޭރު ސްޕޯޓްސް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ، މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ވަކިން ބައްދަލު ކުރާނެ ފުރުސަތެއް ފީފާގެ އެ ޓީމުން ނުދިނެވެ.

އެފްއޭއެމްގައި ހުރި މައްސަލަތަކާ މެދު ސަރުކާރުން ކަންބޮޑުވިޔަސް، އެ މައްސަލަތައް ފީފާއާ ހަމައަށް ގެންގޮސް އެޑްރެސް ކުރެވޭނެ ގޮތެއް ސަރުކާރަކަށް ނޯވެ އެވެ. އެއީ އެ މަސައްކަތުގައި ދާން ޖެހޭ މަގުން ނުހިނގާތީ އެވެ. ސަރުކާރުގެ މަގާމެއްގައި ހުންނަ ބޭފުޅަކު ފޮނުވާ މެއިލް ވެސް އިންޓަނޭޝަނަލް ފެޑެރޭޝަންތަކުން ހުޅުވާ ނުލާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެކަމަކު މިފަހަރު، އެފްއޭއެމްގެ މައްސަލަތަކުގެ ވާހަކަ ފީފާއާ ހަމައަށް ފޯރައިފި އެވެ. ނަތީޖާ އަކީ ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން، އެފްއޭއެމްގެ ވެރިން ހިންގަވާ މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގުކުރަން ފަށައި، އެ އިދާރާ ފުލުހުން ރެއިޑް ކުރި އިރު ވެސް ފީފާއިން އަޅާ ނުލުމެވެ.

އެ ދަނޑިވަޅުގައި ވެސް ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެކަމަށް ބައްސާމްގެ ޓީމުގެ ބައެއް މީހުން ރަށުތެރޭގައި ވާހަކަ ފެތުރި އެވެ. އެ މީހުންގެ ވާހަކަތަކުން ހަމަ ދެންމެ ދެންމެ ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ވެސް ހީވި އެވެ. އެކަމަކު ރާއްޖޭގައި ކަމެއް ވެގެން އުޅޭ ކަމުގެ ހިލަމެއް ވެސް ފީފާ އަށް ނުވި ކަހަލަ އެވެ.

"ތިބޭފުޅުންނަށް ހީވޭތޯ އެފްއޭއެމް އަށް ފުލުހުން ވަންކަން ފީފާ އަށް ނޭނގި އޮވެދާނެ ހެން. ފީފާއިން ވެސް މައުލޫމާތު ހޯދާނެ. އަނެއްކާ ކޮންމެ ގައުމެއްގައި ވެސް ތިބޭނެ ފީފާގެ ހައިސިއްޔަތު އޮންނަ ނިއުޓްރަލް މަންދޫބުން. އެއީ މެޗު ކޮމިޝަނަރުން. ފީފާއިން އެ ބޭފުޅުންގެ ކިބައިން ވެސް މައުލޫމާތު ސާފު ކުރައްވާނެ،" ފީފާ އާއި އޭއެފްސީގެ އެކި ހަރަކާތްތެތަކުގައި ކުރިން ބައިވެރިވި ބޭފުޅާ ވިދާޅުވި އެވެ.

ކްލަބް މެދުވެރިކޮށް ރީޖަނަލް ފެޑެރޭޝަނާ މުއާމަލާތް ކުރަން ފެށުމުން ވެސް ފީފާ އޭއެފްސީ އަށް ކަންކަން ސާފު ވާނެ އެވެ. އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާ އެފްއޭއެމްގެ މިހާރުގެ ލިޑާޝިޕާ އިދިކޮޅު ކެންޑިޑޭޓް އަހުމަދު ތޯރިގަށް ތާއީދު ކުރާ ބޭފުޅަކު ވިދާޅުވީ މިފަހުން ފެންމަތިވި މައްސަލަތަކުގައި ހޯދަން ބޭނުންވި މައުލޫމާތު، ކްލަބެއް މެދުވެރިކޮށް އޭއެފްސީ އަށް ލިޔެގެން ހޯދާފައިވާ ކަމަށެވެ.

"ކްލަބަކީ ވަރަށް ބާރުގަދަ ކޮމްޕޯނަންޓެއް. އޭޝިއާގައި ވެއްޖެއްޔާ އޭއެފްސީ ކްލަބް ލައިސެންސިން ސިސްޓަމްގައި ޓޮޕް ލީގުގެ ކްލަބްތައް ރަޖިސްޓްރީ ކުރެވިފައި އޮންނަނީ. އެއިން ކްލަބެއް އޭއެފްސީ އަށް ލިޔެފިއްޔާ ރެސްޕޯންޑް ކުރާނެ. ކްލަބް ލައިސެންސިންގަ ރަޖިސްޓްރީ ކުރީމަ އޭއެފްސީ އާއި ކްލަބާ ދެމެދު ވެސް ވަރުގަދަ ގުޅުމެއް އެ އުފެދެނީ،" އޭނާ ވިދާޅުވި އެވެ.

"ކުރިން ވެސް މި ގޮތް އޮތް. އެކަމަކު އެ ހޭލުންތެރިންކަން ކްލަބްތަކުގައި ވެސް އަދި އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން މީގެ ކުރިން ނުކުތް މީހުންގެ ކިބައިގައި ނެތީ. މި ފަހަރު މި ފެނުނީ އެނގުމާއި ނޭނގުމުގެ ތަފާތު. މީހާގެ ތަފާތު. ޓޮމް [އަހްމަދު ތޯރިގް] އަށް މި ވާނުވާ އެނގޭތީ އޭނަ އަށް އެނގޭ އޭއެފްސީއާ ފީފާ އާ ހަމައަށް ކަންކަން ގެންދިއުމުގައި ކުރިއަށް ދާން ޖެހޭ ރުޓް."

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީސް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީސް

އޭނާ ފާހަގަ ކުރި ގޮތުގައި، އަނެއް ކަމަކީ ބައްސާމްގެ އަށް އަހަރުގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވެސް އެފްއޭއެމުން ބޭރުގައި ހުރުމެވެ. ޖަވާ އަކީ އޭއެފްސީ އާއި ފީފާ އަށް ރާއްޖޭގެ ފަރާތުން މިދިޔަ އަށް އަހަރު މުއާމަލާތް ކުރި މަންދޫބެވެ. މިހާރު ޖެނަރަލް ސެކްރެޓަރީ މަގާމުން އިސްތިއުފާ ދެއްވާފައި ވުމުން ރަސްމީ ގުޅުމެއް ފީފާ އާއި ޖަވާޒާ ދެމެދު ނޯންނާނެ އެވެ. ނަމަވެސް ފީފާ އާއި އޭއެފްސީގެ ވަކިވަކި މަންދޫބުންނާ އޭނާއާ ގުޅުން ބޮޑުކަމަށް ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ފީފާގެ ރުހުމާއި ތާއީދު ބައްސާމަށް ގެއްލުން

މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ، ފީފާ އާއި އޭއެފްސީން އެފްއޭއެމް އަށް ފޮނުވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުންދާކަން ފީފާ އާއި އޭއެފްސީ އަށް ކުރިން ވެސް އޮތީ އެނގިފަ އެވެ.

"އޭއެފްސީން އިން އެފްއޭއެމް އަށް އެއްފަހަރު ޖަމާކުރި އެއް މިލިއަން ޑޮލަރު. އެ ފައިސާ އެފްއޭއެމްގެ އެކައުންޓުން ބޭރުވެފައިވާކަން އޭއެފްސީގެ އޮޑިޓް ޓީމަކަށް ފާހަގަ ވެސް ވެފަ އޮތީ. ފައިސާ އެކައުންޓުން ބޭރަށް ދިޔަކަން އެނގެން އޮވޭ. ދެން އެއަށް ވީ ގޮތުގެ މައުލޫމާތެއް ފެންނާކަށް ނުހުރޭ،" އޭނާ ވިދާޅުވި އެވެ.

މުއުތަބަރު ފަރާތަކުން "މިހާރު" އަށް ކަށަވަރުކޮށް ދިން ގޮތުގައި އެ ފައިސާ ބައްސާމް ބޭނުން ކުރެއްވީ އަމިން އެވެނިއު އިން އޭނާ ބައްލަވާގެންފައިވާ އެޕާޓްމެންޓްތަކަށް ފައިސާ ދެއްކުމަށެވެ.

އެފްއޭއެމްގެ މައްސަލަތައް ފެންމަތިވި ފަހުން ފީފާގެ ތަހުގީގު ޓީމެއް ރާއްޖެ އައިސް ފުލުހުންގެ ތަހުގީގު ޓީމު އަތުން ވެސް މައުލޫމާތު އެއް ކުރި އެވެ.

"އޭގެ ކުރިން ވެސް ފީފާ އަށް އެހެން މައްސަލައެއް ފާހަގަވި. އެއީ ކޮވިޑް ތެރޭގައި ފީފާ އިން ދިން ލޯނު. އޭގެ ފައިސާ ބޭނުންކޮށްފައި ހުރި ރަނގަޅަށް ނޫންކަން ފީފާ އަށް އެނގފައި އޮތީ،" އިތުބާރު ހުރި އޮފިޝަލަކު "މިހާރު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އޭނާ ވިދާޅުވީ އޮކްޓޯބަރު މަހު، ފްރާންސަށް ވަޑައިގެން ފީފާގެ ރައީސް އިންފަންޓީނޯއާ ބައްސާމް ބައްދަލު ކުރެއްވި ނަމަވެސް އޭނާ އަށް ފީފާގެ އިތުބާރު ނެތް ކަމަށެވެ.

"ބައްސާމްއާ އެކު ނޫން ފީފާއިން އޮތީކީ. އެއީ މިހާރު ޔަގީންކަމެއް،" އޮފިޝަލް ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު ކޫޕްމަން އާއި ބައްސާމް އަދި ކުރިގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކް: މި ދެކޯޗުންގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފށް ބާތިލު ކުރި މައްސަލާގައި ބަދަލު ދޭޏް ފީފާއިން އެންގި --- ފައިލް ފޮޓޯ: މިހާރު

ގައުމީ ޓީމުގެ ކުރީގެ ކޯޗު ކޫޕްމަން އާއި ބައްސާމް އަދި ކުރިގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކް: މި ދެކޯޗުންގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފށް ބާތިލު ކުރި މައްސަލާގައި ބަދަލު ދޭޏް ފީފާއިން އެންގި --- ފައިލް ފޮޓޯ: މިހާރު

ބައްސާމްގެ ދެވަނަ ދައުރު ފަށަން، ޖުލައި 2020 ގައި އިންތިހާބު ބޭއްވި އިރު ވެސް އެކި މައްސަލަތައް ހުއްޓެވެ. އެ މައްސަލަތަކަށް ރިއާޔަތް ކުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން އެންގުމުން، އިންތިހާބުގެ މަސައްކަތް ހުއްޓާލަން މަހްލޫފް އެފްއޭއެމް އަށް ދެންނެވި އެވެ. އެކަމަކު ފީފާ އިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ބުނެ އިންތިހާބު ބޭއްވި އެވެ. ނަމަވެސް މައްސަލަތަކުން ފުނިޖެހިފައި އޮތް އެފްއޭއެމްގެ އިންތިހާބު ހުއްޓާލަން މިފަހަރު އެންގީ ފީފާއިންނެވެ.

އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން ފީފާއިން އެންގި މައްސަލާގައި، ފީފާގެ ކުރިމަތީގައި ވެސް އެފްއޭއެމް އޮތީ ބޭޒާރު ވެފަ އެވެ. އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައި ބުނާ ކޮމިޓީތައް ހަތަރު އަހަރު ވީ އިރު ވެސް ނުހަދައި އޮތުމުން، އެފްއޭމުން އަމިއްލަ ގަވާއިދަށް ވެސް އަމަލު ނުކުރާކަން ފީފާ އަށް އޮތީ އެނގިފަ އެވެ.

ފީފާގެ އިތުބާރު އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕާ މެދު ގެއްލުނު އަނެއް ސަބަބަކީ، ރާއްޖެ ގެނައި ކޯޗުންނަށް ދޭން ޖެހޭ ފައިސާތައް ނުދީ ހުރި މައްސަލަތަައް ފީފާގެ ފުޓްބޯލް ޓްރައިބިއުނަލްގައި ފުނިޖެހުމެވެ. ރާއްޖޭގެ ގައުމީ ޓީމުތަކަށް މަސައްކަތް ކުރަން އައި ބިދޭސީ ހަތަރު ކޯޗަކަށް ފައިސާ ދައްކާފައި ނުވާތީ، ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ފީފާގެ ޓްރައިބިއުނަލުން އެންގި އެވެ. އެ ފައިސާ ދައްކަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އޭރު ފައިސާ ނުދައްކައިގެން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅައި ދޭން ވެސް އެދުނެވެ.