Roadha Mihaaru
މަންދު ކޮލެޖުގެ ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް ދެނީ

އަންނަ މަހުގެ 15 ގެ ކުރިން ރަޖިސްޓަރީވާ ދަރިވަރުންނަށް މަންދު ކޮލެޖުން ހިލޭ ލެޕްޓޮޕް ދެނީ

18 ނޮވެމްބަރ 2019

ފައުންޑޭޝަން ޕްރޮގްރާމް ފިޔަވައި، އަންނަ މަހުގެ 15 ގެ ކުރިން މަންދު ކޮލެޖުގައި ރަޖިސްޓަރީވާ ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް ދޭން އެ ކޮލެޖުން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފައުންޑޭޝަން ޕްރޮގްރާމް ފިޔަވައި، އަންނަ މަހުގެ 15 ގެ ކުރިން މަންދު ކޮލެޖުގައި ރަޖިސްޓަރީވާ ދަރިވަރުންނަށް ހިލޭ ލެޕްޓޮޕް ދޭން އެ ކޮލެޖުން ނިންމައިފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ފައުންޑޭޝަން ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ލެޕްޓޮޕް ނުދޭން ނިންމީ، އަންނަ މަހުގެ 15 ކުރިން އެ ޕްރޮގްރާމުގައި ބައިވެރިވާން ރަޖިސްޓްރީވާ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވާތީ ކަމަށެވެ. އެކަމަކު އެ ދަރިވަރުންނަށް ވަރަށް އަގު ހެޔޮކޮށް ލެޕްޓޮޕް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލެޕްޓޮޕް ހިލޭ ދޭން ނިންމީ، ލެޕްޓޮޕް ނެތުމުން އެ ކޮލެޖުގެ ވާޗުއަލް ކެމްޕަހުގައި ބައިވެރިވެގެން ކިިޔެވުމުގެ ފުރުސަތު ބައެއް ދަރިވަރުންނަށް ނުލިބޭތީ އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކަމަށް އިބްރާ ވިދާޅުވި އެވެ. އަދި ފައުންޑޭޝަން ޕްރޮގްރާމްތައް ހިލޭ ކިޔެވޭނެ ފުރުސަތު ހުޅުވާލީ، އޯލެވެލް ނިންމާ ދަރިވަރުން، އޭ ލެވެލްއަށް ނުގޮސް ސީދާ މަތީ ތައުލީމަށް ދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ. ފައުންޑޭޝަން ހިލޭ ފުރިހަމަ ކުރުމުން ސަރުކާރުން ފޯރުކޮށްދޭ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެވޭނެކަން އިބްރާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އަންނަ އަހަރު އެ ކޮލެޖުގައި ކިޔަވަން ރަޖިސްޓްރީވާ ހުރިހާ ދަރިވަރުންނަށް ހިލޭ އިންޓަނެޓް ލިބޭނެ ކަމަށް ވިދާޅުވި އެވެ. މިއީ މަންދު ކޮލެޖާއި އޫރީދޫ ގުޅިގެން ދޭ ހިދުމަތެކެވެ.

އަލަށް ފަށާ ކޯސްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާ ވިދާޅުވީ އަންނަ އަހަރު މުޅިން އަލަށް 17 ކޯހެއް ތައާރަފް ކުރާނެ ކަމަށެވެ. އެ ކޯސްތަކާ އެކު ޖުމްލަ 52 ކޯހެއް މަންދު ކޮލެޖުގައި އަންނަ އަހަރު ކުރިއަށް ގެންދާނެ އެވެ.

އަންނަ އަހަރުގެ ކޯސްތަކުގައި ބައިވެރިވާން ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހެއް މަންދު ކޮލެޖުން އަދި ކަނޑައެއް ނާޅަ އެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުގެ މެދަކާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައި ވާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އަލަށް ތައާރަފް ކުރި ކޯސްތަކުގެ ތެރޭގައި ތައުލީމާ ގުޅޭ މާސްޓާސް ލެވެލްގެ ތިން ކޯހެއް ހިމެނެ އެވެ. އެއީ މާސްޓާސް އިން އެޑިއުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑާޝިޕް، މާސްޓާސް އިން ކަރިކިއުލަމް އެސެސްމެންޓް އަދި މާސްޓާސް އިން ސްޕެޝަލް އެޑިއުކޭޝަން ނީޑްސް އެވެ.

ހޮސްޕިޓާލިޓީ އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ތައުލީމީ ދާއިރާ އިން ޑިޕްލޮމާ އަދި ޑިގްރީ ލެވެލްގެ އާ ކޯސްތައް ވެސް މަންދު ކޮލެޖުން ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި އެޑިއުކޭޝަނަލް ކައުންސެލިން އާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދޭނެ ޓީޗަރުން ތަމްރީން ކުރުން ހިމެނެ އެވެ.

މަންދު ކޮލެޖުން ކިޔެވޭނެ ހުރިހާ ކޯސްތަކުގެ މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ.