Roadha Mihaaru
ނިއު ޕޯޓް ބިން ހުސްނުކުރުމުން ދައުލަތުން ކޯޓަށް

ނިއު ޕޯޓް ވިއު ހިންގި ބިން ހުސްނުކުރުމުން ދައުލަތުން ކޯޓަށް

14 އޮކްޓޯބަރ 2019

ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ސަރުކާރާ ހަވާލުކުރަން މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކޮށްފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދޭން ދައުލަތުން ކޯޓުގައި އެދެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ސަރުކާރާ ހަވާލުކުރަން މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކޮށްފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދޭން ދައުލަތުން ކޯޓުގައި އެދެފި އެވެ.

އެ ރެސްޓޯރަންޓް ހިންގަމުން އައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކޯޓުން އަމުރުކުރީ 15 ދުވަހުގެ ތެރޭގައި ބިން ހުސްކޮށް ސަރުކާރާ ހަވާލުކުރުމަށެވެ. ނަމަވެސް އެއަށް އަމަލުނުކޮށް، އެ ކުންފުނިން ނިންމީ ހުކުމް އިސްތިއުނާފު ކުރުމަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސްޓްރާޑާ ކުންފުނިން ނިއުޕޯޓު ހިންގި ބިން ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ހުސްކޮށްފައި ނުވާ ކަމަށާއި އެހެންވެ، ކޯޓުގެ ހުކުމުގައި އަންގާފައިވާ ގޮތަށް އެކަން ތަންފީޒު ކުރުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށެވެ.

ރާޅުގަނޑު ސަރަހައްދުގައި ނިއު ޕޯޓް ވިިއު ހިންގާ ސްޓްރާޑާ ކުންފުންޏާ ދެކޮޅަށް ދައުލަތުން ދައުވާކުރީ އެ ބިން ހުސްކޮށްދޭން އަމުރުކޮށް ދިނުމަށާއި އެތަނުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެތަނުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.

ކޯޓުގެ އެ ހުކުމާ ގުޅިގެން އެސްޓްރާޑާ ކުންފުނިން ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ ނިއުޕޯޓް ވިއު ހިންގި ބިން އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދިން އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ސީއެސްއާރު މަސައްކަތްތަަކަށް ބޮޑު ހޭދައެއް ކޮށްފައި ވާތީ އެވެ. އަދި އެތަނުގައި ފުރަތަމަ ހުޅުވި "ޗާޓައިމް" ބަންދުކުރި އިރު ވެސް ދައުލަތުން ބަދަލު ދީފައި ނުވާ ކަމަށާއި ކޯޓުން އެ ކަންކަމަށް ވެސް ރިއާޔަތްކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

"ރިންގް ރޯޑް ހެދުމަށްޓަކައި [ޗާޓައިމް] ތަޅާލައި އެތަން ހުސްކުރީ ޗާޓައިމް ބްރޭންޑް ރާއްޖެއަށް ގެނެސް އެތަން ހިންގުމަށްޓަކައި މި ކުންފުނިން ކުރި އިންވެސްޓްމެންޓަށް އަދުލުވެރި ބަދަލެއް ދިނުމަކާ ނުލަ އެވެ،" ސްޓްރާޑާގެ ބަޔާނުގައި ވެ އެވެ.

ކުރީގެ ސަރުކާރުގައި 2016 ގައި އެ ބިން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ކުރެއްވި ޒާހިދު ރަމީޒުގެ ހިއްސާ އޮންނަ ސްޓްރާޑާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފައި ވަނިކޮށް، އެތަން ހުސްކުރަން ސަރުކާރުން އެންގީ މި އަހަރުގެ ކުރީކޮޅު އެވެ.