Roadha Mihaaru
ނިއުޕޯޓް ހުސްކުރަން ވަގުތީ އަމުރެއް ނުލިބުނު!

ނިއުޕޯޓް ހުސްކުރަން ވަގުތީ އަމުރެއް ނުލިބުނު!

02 މެއި 2019

ލޮނުޒިޔާރަތްކޮޅުގައި ހިންގަމުން އަންނަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރަން ސަރުކާރުން އެންގިޔަސް އެކަން ކޮށްފައި ނުވާތީ ތަން ހުސްކުރުމުގެ ވަގުތީ އަމުރަކަށް ސަރުކާރުން އެދުމުން އެކަމާ ދެކޮޅަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޮނުޒިޔާރަތްކޮޅުގައި ހިންގަމުން އަންނަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރަން ސަރުކާރުން އެންގިޔަސް އެކަން ކޮށްފައި ނުވާތީ ތަން ހުސްކުރުމުގެ ވަގުތީ އަމުރަކަށް ސަރުކާރުން އެދުމުން އެކަމާ ދެކޮޅަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓް ވިއު ހުސްކުރުމަށާއި އެ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ވެއްދީ އޭޕްރިލް 15 ގަ އެވެ. އެއާ އެކު ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓުގައި އެދުނީ ނިއުޕޯޓް ވިއު ހުސްކުރުމުގެ ވަގުތީ އަމުރަކަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން 29 އޭޕްރިލްގައި ނިންމީ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ބުނެ އެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ސަރުކާރުން އެދިފައިވާ ގޮތަށް އަމުރު ނެރެފި ނަމަ ހުށަހަޅާފައިވާ އަސްލު މައްސަލަ އޭގެ މައުލޫއުގައި ނުބެލެނީސް ދައުވާއާ މެދު ގޮތެއް ކަނޑައެޅިދާނެތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޑިސެމްބަރު 1، 2018 އިން ފެށިގެން ފެބުރުއަރީ، 27، 2019 އާ ހަމައަށް އެ ބިމުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1،149،271 ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމަށް އެދި އެވެ. ނިއުޕޯޓް ވިއު ހިންގާ ބިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތިން އަހަރަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އަޅާ މަންޒަރު ބަލަން ޕްލެޓްފޯމެއް ވެސް ތަރައްގީކުރާ ގޮތަށެވެ. އެ ޕްލެޓްފޯމާ އެކު އެ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރަން ވެސް ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ހުއްދަ ދިނެވެ. އެ އެއްބަސްވުމަށް 2017 ގައި ބަދަލުގެނެސް މިހާރު ވަނީ އަށް އަހަރަށް މުއްދަތު އިތުރުކޮށްފަ އެވެ. އޭރު ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ފަހުން ޕީއެންސީގެ ވެސް ކައުންސިލްގައި ހިމެނުނު ޒާހިދު ރަމީޒެވެ. ނަަމަވެސް ސަރުކާރު ބަދަލުވުމާ އެކު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ދޫކުރައްވައި، އެ ކަން ހަވާލުކުރެއްވީ އަނބިކަނބަލުންނަށް ކަމަށް އެނގިފައިވެ އެވެ. މިހަރު ސްޓްރާޑާގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ ޒާހިދާއި އޭނާގެ އަނބިކަނބަލުންނެވެ.

ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގަން ބިން ހަވާލުކުރި އިރު ސްޓްރާޑާ އާ އެކު ވެފައިވާ އެއްބަސްވުން އާ ސަރުކާރުން ވަނީ އޭޕްރިލް 7 ގައި ބާތިލުކޮށްފަ އެވެ.