Roadha Mihaaru
ނިއުޕޯޓް ވިއު ހިންގާ ބިން ހަވާލުކުރަން އަމުރުކޮށްފި

ނިއު ޕޯޓް ވިއު ހިންގާ ބިން 15 ދުވަސް ތެރޭ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި

26 ސެޕްޓެމްބަރ 2019

ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން 15 ދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން 15 ދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ރާޅުގަނޑު ސަރަހައްދުގައި ހިންގާ ނިއު ޕޯޓް ވިއުގެ މައްސަލާގައި، އެތަން ހިންގާ ސްޓްރާޑާ ކުންފުންޏާ ދެކޮޅަށް ދައުލަތުން ދައުވާކުރީ އެތަން ހުސްކުރަން އަމުރުކޮށް ދިނުމަށާއި އެތަނުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެތަނުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ އެއްބަސްވުން ބާތިލް ކުރުމަށް ސަރުކާރަށް ލިބޭ އިހްތިޔާރުގެ ދަށުން ކަމަށެވެ. އެހެންވެ، އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ ބިން ބޭނުން ކުރުމުގެ ހައްގު ސްޓްރާޑާ ކުންފުންޏަށް ލިބިގެން ނުވާނެ ކަމަށާއި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި އެ ބިން ސަރުކާރާ ހަވާލު ކުރުމަށާއި އަދި އެ މައްސަލާގައި ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އާއި ބިން ހަވާލު ކުރުމާ ހަމަ އަށް އަރަމުންދާ ފައިސާ 30 ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.

ކުރީގެ ސަރުކާރުގައި 2016 ގައި އެ ބިން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ކުރެއްވި ޒާހިދު ރަމީޒުގެ ހިއްސާ އޮންނަ ސްޓްރާޑާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފައި ވަނިކޮށް، އެތަން ހުސްކުރަން ސަރުކާރުން އެންގީ މިއަހަރު ކުރީކޮޅު އެވެ. އަދި މިދިޔަ ރޯދަ މަހުގެ ފަހުން އެތަން ހުންނަނީ ބަންދުކޮށްފަ އެވެ.