Roadha Mihaaru
ނިއު ޕޯޓުގެ ބަދަލު ހޯދުން ސެޓްލްމެންޓް ކޮމިޓީގައި

ނިއު ޕޯޓުގެ ބަދަލު ހޯދުމުގެ މައްސަލަ ސެޓްލްމެންޓް ކޮމިޓީގައި

06 ޖެނުއަރީ 2021

ލޮނުޒިޔާރަތްކޮޅުގައި ހިންގި ނިއު ޕޯޓް ވިއު ރެސްޓޯރަންޓް ބަންދުކޮށް އެއްބަސްވުން އުވާލުމުން ބަދަލު ހޯދުމުގެ މައްސަލަ ސެޓްލްމެންޓް ކޮމިޓީގައި ލަސްވެ، ސްޓްރާޑާ ކުންފުނީގެ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޮނުޒިޔާރަތްކޮޅުގައި ހިންގި ނިއު ޕޯޓް ވިއު ރެސްޓޯރަންޓް ބަންދުކޮށް އެއްބަސްވުން އުވާލުމުން ބަދަލު ހޯދުމުގެ މައްސަލަ ސެޓްލްމެންޓް ކޮމިޓީގައި ލަސްވެ، ސްޓްރާޑާ ކުންފުނީގެ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތްކުރާތަން ބަލަން އަރައި ތިބޭނެ ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓަކާ އެކު ތަރައްގީ ކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސެޕްޓެމްބަރު 22، 2016 ގަ އެވެ. ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ނަމަވެސް ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރުކޮށްފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ސްޓްރާޑާއާ އެކު ވި އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ މައްސަލައިގައި ބަދަލު ހޯދަން ރައީސް އޮފީހަށް ސްޓްރާޑާ އިން ހުށަހެޅުމުން، މައްސަލަ ބަލާ ކަމުގެ ޔަގީންކަން އޮތީ ދީފަ އެވެ.

ރައީސް އޮފީހުގެ ސެޓްލްމެންޓް ކޮމިޓީން ސްޓްރާޑާގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ރައީސް އޮފީހުގެ ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓް އަހްމަދު އަބްދުﷲ އަފީފް 2019 ގައި ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ ސެޓްލްމެންޓް ކޮމިޓީން ލަފައެއް ލިބުނުހާ އަވަހަކަށް އެކަން އަންގަވާނެ ކަމަށެވެ.

އެކަމަކު އޭގެ ފަހުން މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ޒާހިދު ވިދާޅުވި އެވެ.

ނިއު ޕޯޓް ވިއު ހިންގާ ބިމުން ދައުލަތަށް ކުލި ނުދައްކާ ކަަމަށް ބުނެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި ކުރިއަށް އެބަދެ އެވެ. މި ހަފުތާގައި ބޭއްވި ޝަރީއަތުގައި ވެސް ބަދަލު ދިނުމުގެ ކަންކަން ސެޓްލްމެންޓް ކޮމިޓީގައި އޮތް ހިސާބާ ގުޅޭ ގޮތުން ގާޒީ ސުވާލު ކުރެއްވި އެވެ. އަދި ދެން އޮންނަ އަޑު އެހުމަކަށް އެ މައުލޫމާތުތަކުގެ ތަފްސީލް ހުށަހެޅުއްވުމަށް އެންގެވި ކަމަަށް ވެސް ޒާހިދު ވިދާޅުވި އެވެ.

ޒާހިދު މިއަދު ވިދާޅުވި ގޮތުގައި "ހަނަފަސް ސަހަރާއެއްގެ ގޮތަށް އޮތް" ތަނެއްގައި އެކި ބޭންކްތަކުން ލޯނު ނަގައިގެން އޭނާ ތަރައްގީކުރި ތަންތަން އަތުލުމަކީ އިންސާފެއް ނޫނެވެ. އެ ތަނުގައި ރެސްޓޯރަންޓެއްގެ އިތުރުން ބްރިޖް ބަލަން މަޑުކޮށްލާނެ ސިޑިބަރިއަކާއި ފުޓްސަލް ދަނޑެއްގެ އިތުރުން ކުޑަކުދިން ކުޅޭނެ ތަނެއް ހެދި ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ތަނެއް އަޅުގަނޑުގެ އަތުން އަތުލައިފި. އެކި ބޭންކްތަކުން ލޯނު ނަގައިގެން އެކި ތަންތަނުން ކްރެޑިޓް ނަގައިގެން އިންވެސްޓްކުރީ. މިއަދު އެ ހުރިހާ އެންމެން އަޅުގަނޑު ގޮވައިގެން އެކި ކޯޓުތަކުގައި، ހުރިހާ ވިޔަފާރިއެއް ވަނީ ހުއްޓިފައި،" ޒާހިދު ވިދާޅުވި އެވެ.

"އެދެނީ އަޅުގަނޑު އަތުން އަތުލި ތަންތަނަށް ބަދަލު ލިބުން، އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް."

ހައުސިން މިނިސްޓްރީން ސްޓްރާޑާ އެކު ވީ އެއްބަސްވުން އުވާލީ ގޯސްކޮށް ކަމަށް އެ ކުންފުނިން ބުނެފައިވާ އިރު އޭސީސީން ނިންމާފައި ވަނީ އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ނަޖާއިޒު މަންފާތަކެއް ހޯދައިދިން ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި ބުނީ ސްޓްރާޑާ އިން ހުށަހެޅި ޕްރޮޕޯސަލްގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ ނަމަ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު އޮއްވައި އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސްޓްރާޑާ އިން ބުނަނީ އޭސީސީން ތަހުގީގެއް ނުކުރާ ކަމަށެވެ. އަދި ތަހުގީގަކުން ގޯހެއް ފެނުނު ނަމަ ޖިނާއީ ދައުވާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އޭސީސީން 2019 ގައި ނެރުނީ ސިޔާސީ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއްކަމަށް ވެސް ޒާހިދު ވިދާޅުވެ އެވެ.