Roadha Mihaaru
ނ. އަތޮޅުގެ ދެ ރަށެއް ޓޫރިޒަމަށް ދޫކުރުން ނުހުއްޓުވި

ނ. އަތޮޅުގެ ދެ ރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުން މަޑުޖައްސާލަން އަމުރެއް ނުދިން

31 ޖެނުއަރީ 2023

ނ. ކެނދިވަރު އާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުން މަޑުޖައްސާލައި އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން އެ ދެ ރަށް އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ނ. ކެނދިވަރު އާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުން މަޑުޖައްސާލައި އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން އެ ދެ ރަށް އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

އެ ދެ ރަށުގެ މައްސަލާގައި ނ. އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ކޮށްފައިވާ ދައުވާގައި، އަމުރު ނެރެދޭން އެދުނީ އެ ދެ ރަށް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ނިންމުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ކަމަށް ދެކޭތީ އަދި އެއީ އެ ގާނޫނުގެ މަގްސަދު ހާސިލް ނުވާ ފަދަ ނިންމެވުމަށް ކަމަށް ދެކޭތީ އެވެ.

ކައުންސިލްގެ ދައުވާގައި ވަގުތީ އަމުރަށް އެދުނު ސަބަބުތައް ބަޔާންކޮށް ބުނެފައި ވަނީ މިހާރު ވެސް ޓޫރިޒަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ސިންގަލް ޕާސަނަލް އުސޫލުން ވަކި ފަރާތްތަކަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެހެން ދޫކޮށްފައި ހުރި ތަންތަނުން އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް އަދި މަންފާއެއް ވެސް ނުވާ ކަމަށާއި އެ ތަންތަން ބޭނުންކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ނުދޭ ކަމަށެވެ.

ވަގުތީ އަމުރަށް ދައުލަތުން ޖަވާބު ދެމުން ބުނެފައިވަނީ ކެނދިވަރު އަކީ ޑިސެމްބަރު 22، 2022 ގައި ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. އެހެންވެ، އެއީ މިހާރު ތިން ވަނަ ފަރާތެއްގެ ހައްގު ހިމެނޭ ތަނަކަށް ވާތީ، އެ ފަރާތުގެ ހައްގަށް ރިއާޔަތް ނުކޮށް ނެރޭ އަމުރަކުން އެ ކުންފުންޏާއި ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.

މި ދެ ރަށް ދޫކުރީ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށް އަދި މަޝްވަރާ ނުކޮށް އެގޮތަށް ރަށްތައް ނުދެވޭނެ ކަމަށް ކައުންސިލް ދެކޭ ނަމަ މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދަން ކައުންސިލުން ކުރި މަސައްކަތެއް ވެސް ދައުވާގައި ސާބިތުކޮށްދޭން ޖެހޭނެ: ދައުލަތް

މައްސަލާގައި ހިމެނޭ އަނެއް ރަށް ކަމަށްވާ ދޮނަހިރިކަނޑޫދު އަކީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދައި ހިންގުމަށް ސަރުކާރާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު ޑިސެމްބަރު 12، 2017 ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ދޭން ނިންމާފައިވާ ރަށެކެވެ.

ދައުލަތުން ބުނީ އެ ހާލަތުގައި ނ. އަތޮޅު ރައްޔިތުންގެ ހައްގުތައް މިނެކިރަން ޖެހެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ބަލައިގެން ކަމަށާއި އެދިފައިވާ ވަގުތީ އަމުރު ނުނެރެފި ނަމަ ހިމާޔަތްކުރެވޭ ދައުލަތުގެ މަސްލަހަތު މާ ބޮޑު ކަމަށެވެ.

މި ދެ ރަށް ދޫކުރީ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށް އަދި މަޝްވަރާ ނުކޮށް އެގޮތަށް ރަށްތައް ނުދެވޭނެ ކަމަށް ކައުންސިލް ދެކޭ ނަމަ މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދަން ކައުންސިލުން ކުރި މަސައްކަތެއް ވެސް ދައުވާގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ރައީސްގެ ގަރާރަށް ގޮންޖަހައި ގަރާރެއް ނެރުމުގެ އިތުރަށް، ސުލްހަވެރި ހައްލެއް މައްސަލާގައި ހޯދުމަށް ކައުންސިލުން މަަސައްކަތްކޮށްފައިވާކަން އެނގޭނެ ލިޔުމެއް ވެސް ދައުވާއާ އެކު ހުށަހަޅާފައި ނެތް ކަމަށެވެ. އެއީ ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް، ދެ ފަރާތުގެ މެދުގައި ހިޔާލު ތަފާތުވެގެން މަޝްވަރާކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ގެއްލިފައި އޮތް މައްސަލައެއް ވެސް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ އިބްރާހިމް އިސްމާއިލް ނިންމެބީ، ހުށަހަޅާފައިވާ ކަންކަމާއި ކޯޓުތަކުގެ ކުރީގެ ނިންމުންތަކަށް ރިއާޔަތްކޮށް، ކައުންސިލް އެދިފައިވާ އަމުރު ނެރެދެވެން ނެތް ކަމަށެވެ.