23 ޑިސެމްބަރ 2018
ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ހަވާލު ކުރި ސިންގަޕޫރުގެ ޓަފް ކުންފުނީގެ އަތުން މިލިއަނަކަށްވުރެ ގިނަ ޑޮލަރު (15 މިލިއަނަށްވުރެ ގިނަ ރުފިޔާ) ހޯދުމަށް އެއާޕޯޓުގެ ރަންވޭ ހަދާ ސަބް ކޮންޓްރެކްޓަރު ޖީކޭޑީ ކުންފުނިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ހަވާލު ކުރި ސިންގަޕޫރުގެ ޓަފް ކުންފުނީގެ އަތުން މިލިއަނަކަށްވުރެ ގިނަ ޑޮލަރު (15 މިލިއަނަށްވުރެ ގިނަ ރުފިޔާ) ހޯދުމަށް އެއާޕޯޓުގެ ރަންވޭ ހަދާ ސަބް ކޮންޓްރެކްޓަރު ޖީކޭޑީ ކުންފުނިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ޓަފް ކުންފުންޏާ ހަވާލު ކުރުމުން، ޓަފުން ވަނީ އެއާޕޯޓުގެ މަސައްކަތްތައް ސަބް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފަ އެވެ. އަދި ސަބް ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ޓަފުން ނުދޭ މައްސަލަ އޮތީ ބޮޑުވެފަ އެވެ.
މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ ހިލޭ އެހީގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި، މާފަރުގައި އެއާޕޯޓު އެޅުމަށް ޓަފް ކުންފުނިން ވަނީ މިހާތަނަށް 40 މިލިއަނަށްވުރެ ގިނަ ޑޮލަރު (616 މިލިއަން ރުފިޔާ) ނަގައިފަ އެވެ.
ޖީކޭޑީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މާފަރު އެއާޕޯޓުގެ ބައެއް މަސައްކަތްތައް ސަބް ކޮންޓްރެކްޓްގެ އުސޫލުން ކުރުމަށް ޖީކޭޑީއާ ހަވާލު ކުރީ ޓަފް ކުންފުނިން ކަމަށެވެ. އަދި ޖީކޭޑީން މަސައްކަތް ކުރީ ޓަފްއާ އެކު ވި އެއްބަސްވުންތަކާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެއްބަސްވުންތަކާ އެއްގޮތަށް މަސައްކަތް ކުރި ނަމަވެސް، ޖީކޭޑީން ކުރި މަސައްކަތަށް ލިބެން ޖެހޭ މިލިއަނަކަށްވުރެ ގިނަ ޑޮލަރު ޓަފް އިން ދައްކާފައި ނުވާ ކަމަށް ޖީކޭޑީން ބުންޏެވެ. އެހެންވެ، އެ ފައިސާ ޓަފް އަތުން ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް ޖީކޭޑީން ބުންޏެވެ.
ޖީކޭޑީން ބުނި ގޮތުގައި، ޓަފް އިން އެ ކުންފުންޏަށް ފައިސާ ދެއްކުން ހުއްޓާލީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. އެކަމަކު، ބައެއް މަސައްކަތްތައް ޓަފް އިން ފައިސާ ދީފައިވާ ކަމަށްވެ އެވެ.
މާފަރުގައި 2.2 ކިލޯމީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ޓަފް ކުންފުނިން ހަވާލު ކުރީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮންނަ ޖީކޭޑީއާ އެވެ. އެނގިފައިވާ ގޮތުގައި، ޖީކޭޑީން ވަނީ ރަންވޭ އެޅުމަށް ކުރަން ޖެހޭ މަސައްކަތުގެ 80 ޕަސަންޓު މަސައްކަތް ނިންމައިފަ އެވެ.
ޓަފް ކުންފުންޏާއި ޖީކޭޑީއާ ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދިފައި ވާއިރު، މާފަރުގައި ހުރި ޖީކޭޑީގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި ޖީކޭޑީގެ މުވައްޒަފުންތަކަކަށް ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައެއް ވެސް އެ ކުންފުނިން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
މީގެއިތުރުން، މާފަރު އެއާޕޯޓުގައި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ދިވެހި ކުންފުންޏެއް ކަމަށްވާ މާރިސްގެ ގުދަނުގައި ހުރި ތަޅު ހަލާކުކޮށްލައި، އެތަނުގައި ހުރި ތަކެތި ގެންދިޔަ މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. މާރިސް ކުންފުންޏަކީ މާފަރު އެއާޕޯޓުގެ ޓަވަރާއި ފަޔަ ސްޓޭޝަނާއި އެހެނިހެން އިމާރާތްތައް ހަދަމުން އަންނަ ކުންފުންޏެވެ.
މާރިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ޓަފް ކުންފުނިން، މާރިސްގެ މުދަލަށް "އަރައިގެންފައިވާ" ކަމަށެވެ. އަދި ޓަފް އިން ބޭނުންވަނީ ގަދަ ބާރުން ހުރިހާ ކަމެއް ކުރުމަށް ކަމަށާއި ޓަފުން އޮޅުވާލައިގެން އެތައް ކަމެއް ކުރަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުޅުނީ ސާމާނުތައް މާފަރުން ބާލަން. ބައެއް ސާމާނުތައް މާފަރުން ވަނީ ބާލާފައި. ސާމާނުތައް ބާލަމުން ދިޔަ ދަނޑިވަޅެއްގައި ޓަފް މީހުން ތަޅު ހަލާކުކޮށްލައިގެން ވަދެ ބައެއް އެއްޗެހި ވަނީ ގެންގޮސްފައި. ގެންދިޔަ އެއްޗެހީގެ ލިސްޓެއް ހަދަމުން މިދަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، އެއާޕޯޓުގައި މާރިސް އިން ކުރި ބައެއް މަސައްކަތްތަކަށް އަދިވެސް ޓަފް އިން ފައިސާއެއް ނުދެ އެވެ. އިމާރާތް ކުރުމުގެ ދާއިރާގައި 18 އަހަރުވެފައިވާ މާރިސް އިން ބުނީ ޓަފުން އެ ކުންފުންޏަށް އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު (އެއް މިލިއަނަކަށްވުރެ ގިނަ ރުފިޔާ) ލިބެން ޖެހެ އެވެ.
މާފަރުގައި ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައި އޮތީ، ސިޓީ ހޮޓަލަކާއި ވީއައިޕީ ޓާމިނަލަކާ އެކު އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށެވެ. ޓަފްއާ މަޝްރޫއު ހަވާލު ކުރި ފަހުން، އިތުރަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދިނުމަށް އޭޑީއެފްޑީގައި ޓަފުން އެދުމުން، އެ އަދަދު ދޭން އޭޑީއެފްޑީން ދެކޮޅު ހެދި އެވެ. އެއާއެކު، މަޝްރޫއުން ސިޓީ ހޮޓަލާއި ވީއައިޕީ ޓާމިނަލް އުނިކުރަން އޭޑީއެފްޑީން އެންގި އެވެ.
އޭޑީއެފްޑީން އެންމެ ފުރަތަމަ ނިންމީ އެ މަޝްރޫއަށް 52 މިލިއަން ޑޮލަރު (801 މިލިއަން ރުފިޔާ) ދިނުމަށެވެ. އެކަމަކު، ސިޓީ ހޮޓަލާއި ވީއައިޕީ ޓާމިނަލް އުނިކޮށް، މަޝްރޫއުގެ ޖުމްލަ އަގުގެ ގޮތުގައި 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ) ހަމަޖެއްސި އެވެ. ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނި ގޮތުން ނަމަ، ޓަފް ކުންފުނިން އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ކުރަނީ މާ ބޮޑު ހޭދަ އެކެވެ.
މާފަރު އެއާޕޯޓް ހަވާލުކުރި ކުންފުނީގެ މައްސަލަ ޕޮލިހަށް
މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ
މާފަރު އެއާޕޯޓު މަޝްރޫއުގެ އޮޑިޓެއް ހަދަން ފަށައިފި
ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި
މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ރިސޯޓްސްއަށް ދީފި
މާފަރު އެއާޕޯޓު ތަރައްގީކުރަން ރިޝްވަތު ނެގި: ނަޝީދު
މާފަރު އެއާޕޯޓު ނުނިމިގެން މުއްދަތު އިތުރުކުރަން އެދެފި
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް
މާފަރު އެއާޕޯޓް: ރައްޔިތުންގެ އުންމީދުތައް ފެނަށް!
މާފަރު އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަނީ