Roadha Mihaaru
އެސްޓީއޯއަށް 1.7 މިލިއަން ދޭން ސްޓްރާޑާއަށް ޖެހިއްޖެ

އެސްޓީއޯއަށް 1.7 މިލިއަން ދޭން ސްޓްރާޑާގެ މައްޗަށް ހުކުމްކޮށްފި

12 ސެޕްޓެމްބަރ 2022

ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏަށް އެސްޓީއޯ އައިފާނު ބިލްޑިންގުން ދޫކުރި ބްލޮކްގެ ކުލީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ސްޓްރާޑާގެ މައްޗަށް އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏަށް އެސްޓީއޯ އައިފާނު ބިލްޑިންގުން ދޫކުރި ބްލޮކްގެ ކުލީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ސްޓްރާޑާގެ މައްޗަށް އިއްޔެ ހުކުމްކޮށްފި އެވެ.

ސްޓްރާޑާ ކުންފުންޏަށް އެސްޓީއޯ އައިފާނު ބިލްޑިންގުން ދިން ބްލޮކްގެ ކުލި ނުދައްކާތީ އެތަނުގެ އެއްބަސްވުން ބާތިލް ކުރުމަށާއި ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދަން އެސްޓީއޯ އިން ކޯޓަށް ހުށަހެޅުމުން ކުރި ހުކުމުގައި ވަނީ ކުއްޔާއި އެ ތަނުގެ ފެނާއި ކަރަންޓަށް 1.75 މިލިއަން ރުފިޔާ ސްޓްރާޑާ އިން ދޭން ޖެހޭނެ ކަމަށެވެ.

އެއީ ފެބްރުއަރީ 2020 އިން ފެށިގެން މި މަހުގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހިމެނޭ ގޮތުންނެވެ. އެކަމަކު ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 96،000ރ. ހޯދަން އެސްޓީއޯ އިން އެދުނަސް، ކޯޓުން ނިންމީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

އެސްޓީއޯ އިން ދެން ކޯޓުގައި އެދުނީ އެ އެއްބަސްވުން ބާތިލްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެއީ 2019 ވަނަ އަހަރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި ހިލާފަށް ސްޓްރާޑާ އިން އަމަލުކުރާ ކަމަށް ބުނެ އެވެ.

އެސްޓީއޯ އިން 2019 ވަނަ އަހަރު ބިން އަތުލަން އުޅުނު މައްސަލައިގައި އޭރު ސިވިލް ކޯޓުން ނިންމާފައި އޮތީ އެއްބަސްވުމުގައި ބުނާގޮތަށް ކޮންމެ މަހެއްގެ ކުލި ދެއްކުމަށާއި ކުލި ނުދައްކާ 30 ދުވަސް ހޭދަވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ދެ ފަރާތުން އެއްބަސްވެފައި ވާތީ އެ ގޮތަށެވެ.

އޭގެ ފަހުން ކުލި ނުދައްކާތީ އެސްޓީއޯ އިން އެ ބިން ހުސްކުރަން އެންގުމަށް ފަހު، އެއްބަސްވުން އުވައިނުލަން އެސްޓީއޯ އިން އަނެއްކާވެސް ނިންމި އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ކުލިތަކަށް ލުއި ދިންއިރު ސްޓްރާޑާ އަށް ވެސް އެސްޓީއޯ އިން ލުއި ދިނެވެ.

އެހެންވެ، އެ މައްސަލައިގައި ކޯޓުން ނިންމީ ކުރިން ކުރި ހުކުމް އެ ގޮތަށް އޮތަސް، އެސްޓީއޯ އިން ފަހުން އަމަލުކުރި ގޮތަށް ބަލާއިރު މިހާރު އެއްބަސްވުން ބާތިލްކުރެވޭނެ ތަނެއް ނެތް ކަމަށެވެ.

ނަމަވެސް އެއްބަސްވުން ބާތިލްކުރުމުގެ އިޖުރައާތުތަކުގެ ދަށުން އެކަން ކުރުމުގެ ހައްގު އެސްޓީއޯ އަށް އޮންނާނެ ކަމަށް ހުކުމުގައި ވެ އެވެ.