Roadha Mihaaru
ޑިސްޕިއުޓްގެ ގިނަ މައްސަލަ ޝަރީއަތަށް ނުގޮސް ނިންމުނު

ޑިސްޕިއުޓްގެ ގިނަ މައްސަލަ ޝަރީއަތަށް ނުގޮސް ނިންމުނު

02 ޖެނުއަރީ 2018

ސިވިލް ކޯޓުގައި އޮންނަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މައްސަލަތައް ޝަރީއަތަށް ނުގޮސް އެ މަރުހަލާ އިން ހައްލުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ކޯޓުގައި އޮންނަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މައްސަލަތައް ޝަރީއަތަށް ނުގޮސް އެ މަރުހަލާ އިން ހައްލުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސިވިލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުުތައް ދައްކާ ގޮތުން ޑިސްޕިއުޓް ޑިވިޝަނަށް ހުށަހެޅި 2،294 މައްސަލައިގެ ތެރެއިން 1،277 މައްސަލަ ވަނީ ޝަރީއަތަށް ނުގޮސް، އެ ޑިވިޝަންގައި ހައްލުވެފަ އެވެ. އެއީ އެ ޑިވިޝަނަށް ހުށަހެޅި މައްސަލަތަކުގެ 53 ޕަސެންޓެވެ. މިއީ 2016 ވަނަ އަހަރާ އަޅައިބަލާއިރު އެއް ޕަސެންޓްގެ ކުރިއެރުމެކެވެ.

ޑިސްޕިއުޓް މަރުހަލާއަކީ ޝަރީއަތް ހިންގުމުގެ ކުރިން، ދެ ފަރާތުން ސުލްހަވެރި ހައްލަކަށް އާދެވޭތޯ ބެލުމަށް އޮންނަ މަރުހަލާއެކެވެ. ޝަރީއަތް ހިންގާނީ އެ މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެވެ.

މިދިޔަ އަހަރު ސިވިލް ކޯޓަށް ،3،600 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅި އިރު، އޭގެ ކުރީ އަހަރު ނުނިމި އޮތް 649 މައްސަލައާ އެކު، ޖުމްލަ 4،200 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓުން މިދިޔަ އަހަރު ބެލި އެވެ. އޭގެ ތެރެއިން 3،000 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ.

އަހަރު ނިމުނު އިރު ނުނިމި އޮތީ 1،212 މައްސަލަ އެވެ. އޭގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި އޮތީ އެންމެ ފަސް މައްސަލަ އެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން 264 މައްސަލަ މިދިޔަ އަހަރު ބެލިއިރު އޭގެ ތެރެއިން 219 މައްސަލައެއް ނިންމި އެވެ. ނުނިމި ބާކީ އޮތީ 45 މައްސަލަ އެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުން ބެލި މައްސަލަތަކުގައި 1.2 ބިލިއަން ރުފިޔާގެ ދަރަނި ވަނީ ސާބިތުވެފަ އެވެ. އެއީ ދިވެހި ރުފިޔާ އިން ސާބިތުވި 543 މިލިއަން ރުފިޔާ އާއި އެމެރިކާ ޑޮލަރުން ސާބިތުވި 678 މިލިއަން ރުފިޔާ (44 މިލިއަން ޑޮލަރު) އެވެ.

ކުރިން ސާބިތުވެފައިވާ ދަރަނީގެ ތެރެއިން 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ކޯޓުން ވަނީ ބަލައިގެންފަ އެވެ. އެއީ 30 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އެވެ.