09 ފެބުރުއަރީ 2022
ނިއު ޕޯޓް އިމާރާތް ހުންނަ ބިމުން ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދަން މީރާއިން އަންގަނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި އެހެންކަމުން ހުސްކުރަން އަންގާފައިވާ އެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިރޭ ވިދާޅުވެއްޖެ އެވެ.
ނިއު ޕޯޓް އިމާރާތް ހުންނަ ބިމުން ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދަން މީރާއިން އަންގަނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި އެހެންކަމުން ހުސްކުރަން އަންގާފައިވާ އެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިރޭ ވިދާޅުވެއްޖެ އެވެ.
ބްރިޖް ވިއު ފްލެޓުފޯމާ އެކު ހިންގަމުން ދިޔަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކޮށް، އެ ބިން ދައުލަތަށް ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
އެ ބިން ދައުލަތާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ހުރަސްއަަޅާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ކައުންސިލްގެ ބިމަކަށް ނުވާ ނަމަ، އެ ބިމުން ކުލި ނަގަން އަންގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށިއިރު ވެސް އެ ބިމަކީ އެއްވެސް ބައެއްގެ ރަޖިސްޓްރީގައި އޮތް ބިމެއް ނޫނެވެ. އެ ބިމާއި އެތަނާ ގުޅިފައިވާ އެހެން ބިންތަކުގެ މައްސަލަތަކެއް ކައުންސިލާ ދެކޮޅަށް ކޯޓުތަކުގައި ހިނގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޮނުޒިޔާރަތްކޮޅުގައި ސްޓްރާޑާ އިން ހެދި ނިއުޕޯޓް ވިއު ރެސްޓޯރަންޓް.--- ފައިލް ފޮޓޯ: މިހާރު
ނަމަވެސް އެ ވިދާޅުވާ މައްސަލަތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
"ކައުންސިލާ ބެހޭ ބިމެއް ނޫން ނަމަ، ކައުންސިލްއާ ދެކޮޅަށް ކޯޓުތަކުގައި މައްސަލަ ނުހިނގާނެ،" އޭނާ ވިދާޅުވި އެވެ.
ސްޓްރާޑާ ކުންފުނިން ހިންގާ ނިއު ޕޯޓްގެ ބިން ދައުލަތަށް ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދަހަމަހައްޓަން ހައި ކޯޓުން އަމުރުކުރީ މިދިޔަ އަހަރު އޮކްޓޯބަރު 11 ގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ސިނަމާލޭގެ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ދާގޮތް އާއްމުންނަށް ދެއްކުމަށް ފްލެޓުފޯމަކާ އެކު، ކާ އެއްޗެހި ވިއްކާ ތަނެއް ހަދައި ނިއު ޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏާ އޭރުގެ ޕްލޭނިން މިނިސްޓްރީން ތިން އަހަރުގެ މުއްދަތަށް ސެޕްޓެމްބަރު 22، 2016 ގައި ސޮއިކުރި އެވެ. އެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ވެސް ކުއްޔަށް ދިން ފަރާތަށް ލިބެ އެވެ.
އެހެންވެ، ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު 1، 2018 އިން ފެށިގެން ފެބުރުއަރީ 27، 2019 އާ ހަމަ އަށް އެ ބިމުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1،149،271 ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި އެވެ.
އެ މައްސަލައިގައި ދަށު ކޯޓުން ސެޕްޓެމްބަރު 26، 2019 ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި 1،149،271ރ. އާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމަ އަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ސްޓްރާޑާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އެއްބަސްވުން ބާތިލު ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާއި އެ ނިންމުން ބިނާކުރި ސަބަބުތައް ސައްހަ ނޫން ކަމަށް ބަލަންޖެހޭ ސަބަބެއް ސްޓްރާޑާގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ބްރިޖު ފްލެޓުފޯމުގެ މައްސަލަ ހައި ކޯޓުން ދެމެހެއްޓިއިރު، އެ މަސައްކަތް ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ދިން ކަމަށް ތުހުމަތުކޮށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި ވެސް އެދުނެވެ. އެކަމަކު އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ނިއުޕޯޓް ހިންގި ބިން އަތުލީ ރަނގަޅަށް: ސުޕްރީމް ކޯޓް
ގުދަން ދިން ކަމުގެ ލިޔެކިޔުމެއް ނެތް: ސިޓީ ކައުންސިލް
ގެއްލުން ސާބިތުނުވާތީ ސްޓްރާޑާއަށް ބަދަލު ނަގައިނުދިން
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
މަޝްރޫއު އަތުލީ ސަރުކާރުން ބުނިގޮތަށް އެއްބަސްނުވެގެން
މަޝްރޫއު އަތުލުމާ އެމްޑީޕީގެ ކައުންސިލަރުން ވެސް ދެކޮޅު
ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އަމީނީ މަގު އާރުޑީސީއަށް
އިސްލާހުތަކާ އެކު ލޭންޑް ޔޫސް ޕްލޭން ފޮނުވި
މުއިއްޒު އުޅެނީ ބްރިޖަށް ހުރަސްއަޅަން: އަކްރަމް
އޯޑިއޯން އާއި ނާދި ހުރި ބިން ހުޅުވައިދޭން އެދިއްޖެ