Roadha Mihaaru
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ

މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީ އާއި ކަމާބެހޭ އެހެން އިދާރާތަކަށް ހުށަހަޅަނީ

06 ޖުލައި 2022

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލައި ދެގުނަ ބޮޑުކޮށް އާރުޑީސީއާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކަށް ހުށަހަޅަން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލައި ދެގުނަ ބޮޑުކޮށް އާރުޑީސީއާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކަށް ހުށަހަޅަން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ގާނޫނާއި ގަވައިދާ ހިލާފަށް ސަރުކާރުން "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" އަތުލާފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުން މެންދުރު ބޭއްވި އާންމު ޖަލްސާގައި ނިންމީ، މާލޭގެ މަގުތައް ހަދަން ޕްލޭނިން މިނިސްޓްރީން އާރުޑީސީ އަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެ މައްސަލަ ބަލައިދޭން އޭސީސީ އަށް ހުށަހެޅުމަށެވެ.

އިތުރު ނިންމުންތައް

- އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ސިޓީއެއް ރައީސް އޮފީހަށް ފޮނުވުން.

- އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ކޯޓަށް ދިއުން.

- އެ މައްސަލައިގައި އެލްޖީއޭއާ ބައްދަލުކުރުން.

- ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުން.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމީނީމަގާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރަން ސަރުކާރުން އެއް ފަހަރަކު ވެސް އެދިފައި ނުވާ ކަމަށެވެ. އަދި އެ މަގު އާދައިގެ ގޮތަށް ހަދަން ސިޓީ ކައުންސިލުން އުޅޭ ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން ދެއްކި ވާހަކަތައް ވެސް ދޮގުކުރެއްވި އެވެ.

"އަޅުގަނޑު ހިތާމަކުރާ ކަމެއް އެވަރުގެ ހަގީގަތާ ހިލާފު ވާހަކަތަކެއް ޒިންމާދާރު މަގާމުތަކުގައި ތިބޭ ބޭފުޅުން ރައްޔިތުންނާ ހިސާބަށް ދޫކޮށްލުމަކީ،" މޭޔަރު ވިދާޅުވި އެވެ.

"އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް."

ލާމަރުކަޒީ ގާނޫނުގައި މަގުތައް ހެދުމާއި މަރާމާތުކުރުމާއި ކައުންސިލްގެ ދަށުގައި އޮންނަ ކަމެއް ކަމަށް ބަޔާންކޮށްފައި ވާތީ، އެ މަސައްކަތް އަތުލެވޭނެ އެއްވެސް އުޒުރެއް ސަރުކާރަށް ދެއްކެން ނެތް ކަމަށް މޭޔަރު ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.

މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށް އާރުޑީސީއާ ކުރީގެ ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ޖުމްލަ 462 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ތިން މަގެއް ހެދުމަށް ފަހު، މަސައްކަތް އަދިވެސް އޮތީ ހުއްޓިފަ އެވެ. އޭގެ ފަހުން، އެ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް، އަލުން ސޮއި ވެސް ކުރި އެވެ.

އެންމެފަހުން މިދިޔަ އާދިއްތަ ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އެ މަސައްކަތް ސިޓީ ކައުންސިލަށް ނުކުރެވޭ ކަމަށް ބުނެ، އެ މަސައްކަތް އަތުލައި، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އަމީނީމަގު ހަދަން އާރްޑީސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށެވެ. އެކަމަކު، ސިޓީ ކައުންސިލުން ބުނީ އާރްޑީސީން އެ މަގު ހަދަން ކުރިން ހުށަހެޅި އަގަކީ 39 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ، އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތުކޮށްފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީ އާއި އާރުޑީސީން ބުނީ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި ޕްރޮޖެކްޓުގައި އަމީނީމަގު ހެދުން ނުވެސް އޮންނާނެ ކަމަށެވެ. އެކަމަކު، ސިޓީ ކައުންސިލުން އެ ވާހަކަ ދޮގުކޮށް ބުނީ އަމީނީމަގުގައި ތާރު އެޅުމަކީ ވެސް މިހާރުގެ ކައުންސިލުން އެ ޕްރޮޖެކްޓަށް ގެނައި ބަދަލެއް ކަމަށެވެ.