03 ޖުލައި 2022
އަމީނީމަގުގައި ތާރުއަޅަން މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަގު ހަދަން ޕްލޭނިން މިނިސްޓްރީން ވެސް ހަމަ އެ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
އަމީނީމަގުގައި ތާރުއަޅަން މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަގު ހަދަން ޕްލޭނިން މިނިސްޓްރީން ވެސް ހަމަ އެ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެކު ސޮއިކުރީ ތާރު އަޅައިގެން އެ މަގު ހެދުމަށެވެ. އެއީ މާލޭގައި އެންމެ ފެންބޮޑުވާ އެއް މަގެވެ.
"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި، އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށާއި އެހެން ބައެއް މަގުތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން މިދިޔަ އަހަރު ނޮވެމްބަރު މަހު ވަނީ އާރުޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެކަމަކު، ޕްލޭނިން މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރި މަޝްރޫއުއަކީ ސިޓީ ކައުންސިލާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ "މިހާރު" އަށް ވިދާޅުވީ، ހަމަ އެއް ނަމެއްގައި ހިންގާ ޕްރޮޖެކްޓަކަށް ވިޔަސް، އެއީ ސިޓީ ކައުންސިލާ އެއްވެސް ގުޅެމެއް ނެތް، އެ މިނިސްޓްރީން އިސްނަގައިގެން ހިންގާ ވަކި ޕްރޮޖެކްޓެއް ކަމަށެވެ.
"ސިޓީ ކައުންސިލާ ހަވާލުކޮށްގެން އެ މަސައްކަތް ނުވެފައި އޮތީމަ އެންމެ ފަހުން މިނިސްޓްރީން އިސްނަގައިގެން އެ މަސައްކަތް އާރުޑީސީއާ މި ހަވާލުކުރީ،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މާދަމާ ބާއްވަވާ ޕްރެސް ކޮންފަރެންސެއްގައި އެ މަޝްރޫއުއާ ގުޅޭ ގޮތުން ވާހަކަދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ނިޝާން އަލީ | މިހާރު
އަމީނީމަގުގައި ތާރުއަޅަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާނެ ކަމަށާއި އެ މަގުގައި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ވެސް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ލީޑަޝިޕްގެ ދަށުން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އަދި މިހާރުގެ ކައުންސިލުން ބަދަލުތަކެއް ވެސް ގެނެސްފައިވާ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އެންމެ ފަހުން ހެދީ ރޯޝަނީ މަގެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ނިންމި އެ މަގުގެ މަސައްކަތަށް ފަހު، އިތުރު މަގެއްގެ މަސައްކަތް އަދި ނުފަށަ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަޝްރޫއު ހުއްޓިފައި އޮތީ ސަރުކާރުން އެކަމަށް ބޭނުންވާ ބަޖެޓް ދޫނުކޮށްގެން ކަމަށެވެ.
މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށް އާރުޑީސީއާ ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ 462 މިލިއަން ރުފިޔާ އަށެވެ.
އާރުޑީސީއާ އެކު ކައުންސިލުން ހެދި އާ އެއްބަސްވުމުގެ ދަށުން 16 މަގެއްގައި ތާރު އަޅަން ނިންމައިފައިވެ އެވެ. އޭގެ ތެރޭގައި އަމީނީމަގާއި ފަރީދީމަގާއި ބުރުޒުމަގު ފަދަ ބޮޑެތި މަގުތައް ވެސް ހިމެނެ އެވެ. ކުރީގެ އެއްބަސްވުމުގައި އޮތީ މަގުތައް އަލުން ހަދާއިރު، ހުރިހާ މަގެއްގައި ވެސް އަލުން ގާ އަތުރައިގެން ހެދުމަށެވެ.
• 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުން.
• ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރުއެޅުން.
• މުއްދަތު އަވަސްކޮށް ދެ އަހަރު ތެރޭގައި މަޝްރޫއު ނިންމުން.
• ނޯތު ހާބާރު ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާއި ބޭރު މަގު ފުޅާކުރުން.
އެ އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަސައްކަތް އެއްކޮށް ނިންމަން ހޭދަވާ މުއްދަތު ވީހާ ވެސް އަވަސް ކުރަން ބޭނުންވުމެވެ. ފަހުން ގެނައި ބަދަލުތަކާ އެކު، ދެ އަހަރުގެ ތެރޭގައި ހުރިހާ މަގެއްގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި
އަމީނީމަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ބަންދުކޮށްފި
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
ތާރުއެޅި ސަރަހައްދުގައި ފެންބޮޑުވީ މަސައްކަތް ނުނިމޭތީ
ކަނޑައެޅި ތާރީހަށް އަމީނީމަގުގެ މަސައްކަތް ނުނިމޭނެ
އަމީނީމަގު ހަދަން އިތުރު ސަރަހައްދެއް ބަންދުކޮށްފި
އަމީނީމަގުގައި ތާރު އަޅަނީ ދެ ބަޔަކަށް ބަހާލައިގެން
އަމީނީމަގު ތާރު އެޅުން: 3 މަސް ވީ، ކުރިއަކަށް ނުދޭ
ގަސްތައް ކޮށައިދިނުން ސިޓީ ކައުންސިލުން ހުއްޓާލައިފި