Roadha Mihaaru
މާލޭ މަގުތައް އަލުން ހަދަނީ، އަމީނީމަގުގައި ތާރުއަޅަނީ

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށަނީ؛ ފުރަތަމަ އޮތީ އަމީނީމަގުގައި ތާރުއެޅުން!

18 މެއި 2022

މެދުކަނޑާލާފައި އޮތް މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަލުން ފަށައި، އެންމެ ފުރަތަމަ މަސައްކަތުގެ ގޮތުގައި، އަމީނީމަގުގައި ތާރު އަޅާ ގޮތަށް ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މެދުކަނޑާލާފައި އޮތް މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަލުން ފަށައި، އެންމެ ފުރަތަމަ މަސައްކަތުގެ ގޮތުގައި، އަމީނީމަގުގައި ތާރު އަޅާ ގޮތަށް ނިންމައިފި އެވެ.

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ.

އާރްޑީސީގެ މީޑިއާ އޮފިޝަލް އަހްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ މެދުކެނޑިފައި އޮތް އެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށާއި އެންމެ ފުރަތަމަ އޮތީ، މާލޭގައި މިހާރު އެންމެ ބޮޑަށް ހަލާކުވެ، އަޑިގުޑަންތައް ގިނަވެ އަދި ދުއްވާ އެއްޗެހި ދުވަން ވެސް އުނދަގޫވެފައިވާ އަމީނީމަގު، ތާރުއަޅައިގެން އަލުން މަރާމާތުކުރުން ކަމަށެވެ.

ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ލީޑަޝިޕްގެ ދަށުން ހިންގި ސިޓީ ކައުންސިލުން ފެށި އަދި މިހާރުގެ ކައުންސިލުން ބަދަލުތަކެއް ވެސް ގެނެސްފައިވާ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އެންމެ ފަހުން ހެދީ ރޯޝަނީ މަގެވެ. މިދިޔަ އަހަރު އޮކްޓޯބަރުގައި ނިންމި އެ މަގުގެ މަސައްކަތަށް ފަހު، އިތުރު މަގެއްގެ މަސައްކަތް އަދި ނުފަށަ އެވެ.

މަޝްރޫއު އަލުން ފަށާ ކަމެއް ކައުންސިލަށް ނޭނގޭ!

މި އަހަރު ފެށުނު ފަހުން ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ މަސައްކަތް ހުއްޓިފައި އޮތީ ސަރުކާރުން ބަޖެޓް ދޫނުކޮށްގެން ކަމަށެވެ. އެ ކައުންސިލަށް އެއް އަހަރު ފުރުން ފާހަގަކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން އަދިވެސް ބަޖެޓް ހަމަޖައްސައިނުދޭ ކަމަށެވެ.

އާރްޑީސީން މަގު ހެދުމުގެ ޕްރޮޖެކްޓް އަލުން ފަށާކަން އިއުލާންކުރުމުން، ބަޖެޓް ހަމަޖެހުނީތޯ ސުވާލުކުރުމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ މަގު ހެދުމުގެ ޕްރޮޖެކްޓަށް ސަރުކާރުން ބަޖެޓް ހަމަޖައްސައިދިން ކަން ކައުންސިލަށް އަންގާފައި ނެތް ކަމަށާއި އެ މަސައްކަތް އަލުން ފަށަން އުޅޭ ކަން ކައުންސިލަށް އެނގުނީ ވެސް ސޯޝަލް މީޑިއާ އިން ކަމަށެވެ.

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި މިދިޔަ ނޮވެމްބަރުގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)، ސޮއިކުރެއްވި އެއްބަސްވުން ދައްކާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި މިދިޔަ ނޮވެމްބަރުގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)، ސޮއިކުރެއްވި އެއްބަސްވުން ދައްކާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިކޮޅަށް އެކަން އަންގާފައި ނެތަސް، އެ މަސައްކަތް އަލުން ފަށާ ނަމަ، ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ސަރުކާރާއި އާރްޑީސީ އަށް ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"މާލޭގެ މަގުތައް ނުހެދި ލަސްވަމުން ދިއުމަކީ މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާތީ، މޭޔަރު ހުންނެވީ މަސައްކަތް ފަށައިފިއްޔާ އެކަމަށް އެއްބާރުލުން ދޭ ގޮތަށް."

ބަޖެޓް ހަމަޖެހުނުކަން ކަށަވަރެއް ނުވި

އާރްޑީސީން މަސައްކަތް ފަށަނީ ބަޖެޓް ހަމަޖެހުމުންތޯ އެ ކުންފުންޏާ ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެވެން މި ވަގުތު ނެތް ކަމަށެވެ. ބަޖެޓް ލިބުނުކަން ޔަގީންކުރުމަށް ފަހު، ފަހުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ވީހާ ވެސް އަވަހަކަށް މަސައްކަތް ފަށަން މަސައްކަތް ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށްޓަކައި އާރުޑީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ 462 މިލިއަން ރުފިޔާ އަށެވެ.

އާރްޑީސީއާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން 16 މަގެއްގައި ތާރު އަޅަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އަމީނީމަގާއި ފަރީދީމަގާއި ބުރުޒުމަގު ފަދަ ބޮޑެތި މަގުތައް ވެސް ހިމެނެ އެވެ. ކުރީގެ އެއްބަސްވުމުގައި އޮތީ މަގުތައް އަލުން ހަދާއިރު، ހުރިހާ މަގެއްގައި ވެސް އަލުން ގާ އަތުރައިގެން ހެދުމަށެވެ.

ތާރު އަޅަން ނިންމާފައި ވަނީ މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ މަގުތަކުގަ އެވެ.

އެއްބަސްވުމަށް ފަހުން ގެނައި ބަދަލުތައް

• 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުން.

• ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރުއެޅުން.

• މުއްދަތު އަވަސްކޮށް ދެ އަހަރު ތެރޭގައި މަޝްރޫއު ނިންމުން.

• ނޯތު ހާބާރު ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާއި ބޭރު މަގު ފުޅާކުރުން.

އެ އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަސައްކަތް އެއްކޮށް ނިންމަން ހޭދަވާ މުއްދަތު ވީހާ ވެސް އަވަސް ކުރަން ބޭނުންވުމެވެ. މިހާރު މި ގެނައި ބަދަލާ އެކު، ދެ އަހަރުގެ ތެރޭގައި ހުރިހާ މަގެއްގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކުރީގެ މޭޔަރު ޝިފާ ދައުރުގައި ސޮއިކުރި އެ އެއްބަސްވުމުގައިވާ ގޮތުން، މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އަށް ވެސް މި މަޝްރޫއުގެ ދަށުން ހައްލެއް ލިބޭނެ އެވެ.