Roadha Mihaaru
ތާރުއަޅައިގެން އަމީނީމަގު ހެދުމުގެ މަސައްކަތް ފަށައިފި

ތާރުއަޅައިގެން އަމީނީމަގު ހެދުމުގެ މަސައްކަތް ފަށައިފި

30 އޯގަސްޓް 2022

އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އާރްޑީސީން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އާރްޑީސީން މިއަދު ފަށައިފި އެވެ.

އެ މަޝްރޫއު ފެއްޓުމުގެ ގޮތުން މިއަދު ހަވީރު ދަރުބާރުގޭގެ އިރުމައްޗަށް އޮންނަ ހުސްބިމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި މާލޭގެ ކުރީގެ މޭޔަރު މައިޒާން އަލިމަނިކާއި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކް (މޫކޭ) އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ސަރުކާރު އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި އަކްރަމް ކަމާލުއްދީން ވިދާޅުވީ، މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް އާރުޑީސީއާ ހަވާލުކޮށްގެން މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން މާލޭގެ 13 ސެގްމަންޓެއްގައި މަގެއް ހެދުމުގެ މަޝްރޫއެއް ހިންގަމުން ދަނިކޮށް، އަމީނީ މަގުގެ މަސައްކަތް ވަކިން އާރުޑީސީއާ ހަވާލުކުރުމުން އޮޅުންތަކެއް އެރި ކަމަށެވެ.

އެ އޮޅުންތަކެއް އަރަން މެދުވެރި ސަބަބަކީ، މާލޭގެ 13 ސެގްމަންޓެއްގައި މަގު ހެދުމުގެ މަޝްރޫއެއް ހިންގަމުން ދަނިކޮށް، އަދި އެ މަޝްރޫއަށް އަމީނީމަގު އިތުރުކުރުމުގެ ވާހަކަތައް ވެސް ކޮންމެވެސް ވަރަކަށް ދެކެވިފައިވަނިކޮށް، އެ މަގުގެ މަސައްކަތް ވަކިން އާރުޑީސީއާ މިނިސްޓްރީ އިން ހަވާލުކުރުމުން ކަމަށް ވިދާޅުވި އެވެ.

އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ -- ފޮޓޯ: އާރްޑީސީ

އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ -- ފޮޓޯ: އާރްޑީސީ

"އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ މަސައްކަތްތަކާ ގުޅޭ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ހިންގާ ކުންފުނި ކަމަށް ވާތީ. އަދި އާރްޑީސީގައި މި ބާވަތުގެ މަސްކަތްތަކާ ގުޅޭ ފަންނީ ތަޖުރިބާކާރު މުވައްޒަފުން ވަރަށް ގިނަ،" އޭނާ ވިދާޅުވި އެވެ.

އަމީނީމަގު ހަދަން ޕްލޭނިން މިނިސްޓްރީން، އާރްޑީސީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އޭރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އެ ކައުންސިލުން ބުނީ އެއީ މާލޭގެ މަގުތައް ހެދުމަށް އެ ކައުންސިލުން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން އާރްޑީސީއާ ކުރިން ވެސް ހަވާލުކޮށްފައި އޮތް މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ހުއްޓުނީ ސަރުކާރުން ބަޖެޓު ނުދީގެން ކަމަށް ވެސް ބުންޏެވެ. އަދި ފަހުން އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ މައްސަލަ އޭސީސީ އަށް ވެސް ހުށަހެޅި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އާރްޑީސީގެ އެމްޑީ، މޫސާ އަލި މަނިކު ވިދާޅުވީ އަމީނީމަގު ހެދުމުގެ މަސައްކަތް ފަށަނީ އެ މަގުގެ ހާލަތު އޮތް ގޮތުން ރައްޔިތުންނަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހި، އެ ނުތަނަވަސް ޝަކުވާތަކަށް ނިންމުން ގެނެސްދިނުމުގެ ގޮތުން ކަމަށެވެ.

އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވާހަކަދައްކަވަނީ -- ފޮޓޯ: އާރްޑީސީ

އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވާހަކަދައްކަވަނީ -- ފޮޓޯ: އާރްޑީސީ

"ވިއްސާރަ ދުވަސްވަރުގައި ނަމަ މިއީ ޒުވާނުންގެ ބަހުން އަމީނީ މަގެއް ނޫން، މިއީ އަމީނީ ކަނޑު ނުވަތަ އަމީނީ ސުވިމިން ޕޫލު،" އޭނާ ވިދާޅުވި އެވެ.

"މިއަދު މި މަސައްކަތް އާރުޑީސީން މި ފަށަނީ، ފެންފޮދެއް ހަމަ ވެހޭއިރަށް ތިޔަ ބޭފުޅުން ކަނޑުވިޔަ ނުދީ ސަލާމަތްކޮށްދިނުމުގެ މަތިވެރި މަގުސަދާ ވެސް އެކުގައި."

އަމީނީމަގު މަޝްރޫއުގެ ތަފުސީލު

• ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިނގާވެބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުން.

• ވީލްޗެއާ އެކްސަސް ހެދުން.

• މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދުން.

• ސައިން ބޯޑުތަކާއި ބަމްޕަރުތައް ލުން.

• މަގު ބައްތިތައް ބެހެއްޓުން.

• މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުން.

• ސްޓޭކް ހޯލްޑަރުންނަށް ހާއްސަކޮށް ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުން.

• އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހެދުން.

އާރްޑީސީން ކުރިން ބުނި ގޮތުގައި، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރާނީ އެ މަގުގައި ހުރި ގަސްތަކުގައި އަތްނުލައި ނުވަތަ ނުކަނޑާވާނެ ގޮތަކަށް ކަމަށެވެ. އެކަމަކު ބައެއް ގަސްތަކުގެ މޫތައް ހުރި ގޮތުން އެ ގަސްތައް ނަގައިގެން މަސައްކަތް ކުރަން ޖެހިދާނެ ކަމަށް ބުންޏެވެ.

އަމީނީ މަގަކީ މާލޭގައި އެންމެ ގަސް ގިނަ އެއް މަގެވެ. މަގު ހަދަމުންދާއިރު، އިތުރު ގަސްތައް ވެސް އިންދާނެ ކަަމަށް އެ ކުންފުނިން ބުންޏެވެ.

އަމީނީމަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ މަހު ތިނެއްގަ އެވެ. އެ މަޝްރޫއު ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މިހާރު ބާކީ އޮތީ ހަތް މަސް ދުވަހެވެ.

އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާއި، ފެންހިންދާ ނިޒާމެއް ގާއިމްކުރާނެ އެވެ.