Roadha Mihaaru
އަމީނީ މަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

އަމީނީ މަގުގެ މަސައްކަތް އަވަސްކުރުމަށް ތާރު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

10 ފެބުރުއަރީ 2023

އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އަވަސްކުރުމަށް އެ މަގުގައި ތާރުއެޅުން އެ ކުންފުނިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އަވަސްކުރުމަށް އެ މަގުގައި ތާރުއެޅުން އެ ކުންފުނިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެހެންވެ، އެމްޓީސީސީން މިހާރު ވަނީ ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ "މިހާރު" އަށް ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުން ލަސްވެ، އާންމުންނަށް ތަކުލީފުތަކެއް އުފުލަން ޖެހިފައި ވާތީ، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކަމަށް ހަރަދުވާ ވަރެއް އެމްޓީސީސީ އަށް އާރުޑީސީން ދޭނެ އެވެ.

އަކްރަމް ވިދާޅުވިގޮތުގައި، ތާރު އެޅުން އެމްޓީސީސީއާ ހަވާލުކުރީ އެ ކަމަށްޓަކައި އާރުޑީސީން ރާއްޖެ ގެނެސްފައިވާ މެޝިން ބަހައްޓާނެ ޖާގަ އަދި ހަމަނުޖެހި ދުވަސްތަކެއް ވާތީ އެވެ.

"އެހެންވެ، މަސައްކަތް އަވަސް ކުރުމަށްޓަކައި އާރުޑީސީއާ ތާރު އެޅުން ހަވާލުކުރީ. އެއީ އާންމުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެންނަން ސަރުކާރުން ބޭނުންވާތީ ނިންމި ނިންމުމެއް،" އަކްރަމް ވިދާޅުވި އެވެ.

"ބިން ހަމަޖެހުނުހާ އަވަހަކަށް އާރުޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީ މަގުގެ ދެން އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ."

އަކްރަމް ވިދާޅުވިގޮތުގައި އެމްޓީސީސީން ހަމައެކަނި ކުރާނެ މަސައްކަތަކީ އާރުޑީސީން ޕޭވިންގެ މަސައްކަތް މިހާރު ނިންމާފައި އޮތް ހިސާބުގައި ތާރު އެޅުމެވެ. ތާރު އެޅުމަށްޓަކައި ދަރުބާރުގެ ކައިރިން ފެށިގެން ސިނަމާލެ ފްލެޓާ ހަމައަށް މިހާރު ވަނީ އަމީނީ މަގު ބަންދުކޮށްފަ އެވެ.

ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު، 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އަމީނީ މަގުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ބުނީ އަންނަ ސެޕްޓެމްބަރު މަހު 27 އަށެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ހަދަމުން އަންނަ އަމީނީ މަގު ހަތަރު ސެގްމަންޓެއްގެ މަސައްކަތް އޮތީ ފެށިފަ އެވެ. ފުރަތަމަ ތިން ސެގްމަންޓްގައި ތާރު އެޅުން ފިޔަވަ ހުރިހާ މަސައްކަތެއް ވަނީ ނިންމާލައިފަ އެވެ.

އަމީނީ މަގުގައި ތާރު އެޅުން ލަސްވާތީ އާންމުން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ކުރިން ބުނީ، ތާރު އަޅަން ފަށާނީ ބިލަބޮންގް ސްކޫލާ ހަމައަށް ޕޭވިންގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށެވެ. އެ މަގުގައި ތާރު އަޅަން ރާވާފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ބުންޏެވެ.