Roadha Mihaaru
އަމީނީ މަގުގައި ތާރު އަޅަން ފަށަނީ މާޗުގައި

އަމީނީ މަގުގައި ތާރު އަޅަން ބޭނުންވާ ސަމާނު ގެނެސްފި، ތާރު އަޅަން ފަށަނީ މާޗު މަހު

17 ޖެނުއަރީ 2023

އަމީނީ މަގުގައި ތާރު އެޅުމަށް ބޭނުންވާ ސަމާނު މިހާރު ރާއްޖެ ގެނެސްފައި ވާތީ، އަންނަ މާޗު މަހު އެ މަސައްކަތް ފަށަން އާރުޑީސީން ތައްޔާރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީ މަގުގައި ތާރު އެޅުމަށް ބޭނުންވާ ސަމާނު މިހާރު ރާއްޖެ ގެނެސްފައި ވާތީ، އަންނަ މާޗު މަހު އެ މަސައްކަތް ފަށަން އާރުޑީސީން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. ބިލަބޮންގް ސްކޫލާ ހިސާބަށް ތާރު އެޅުމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިންމައި މާޗު އެ މަސައްކަތް ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ހަދަމުން އަންނަ އަމީނީ މަގު ދެ ސެގްމަންޓެއްގެ މަސައްކަތް އޮތީ ފެށިފަ އެވެ. ފުރަތަމަ ސެގްމަންޓްގައި ތާރު އެޅުން ފިޔަވަ ހުރިހާ މަސައްކަތެއް ވަނީ ނިންމާލައިފަ އެވެ. ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރަނީ ކަލާފާނު ސްކޫލުން ފެށިގެން ސްޓެލްކޯ އިމާރާތާ ހަމައަށް އެ މަގު ބަންދުކޮށްގެންނެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަނީ: އެ މަގުގައި ތާރު އަޅަން ފަށަނީ މާޗުގައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަނީ: އެ މަގުގައި ތާރު އަޅަން ފަށަނީ މާޗުގައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމީނީ މަގުގައި ތާރު އެޅުން ލަސްވާތީ އާންމުން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ކުރިން ބުނީ، ތާރު އަޅަން ފަށާނީ ބިލަބޮންގް ސްކޫލާ ހަމައަށް ޕޭވިންގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށެވެ. އެ މަގުގައި ތާރު އަޅަން ރާވާފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ބުންޏެވެ.

އެކަމަކު، ބައެއް މީހުން އޭރު ވެސް ތުހުމަތުކުރި ގޮތުގައި އެ މަސައްކަތް ނުފެށި އޮތީ ތާރު އެޅުމަށް ބޭނުންވާ ސާމާނު ރާއްޖޭގައި ނެތިގެންނެވެ.

ތާރު ނޭޅިޔަސް، އެ މަގު ހަދަން އެންމެ ފުރަތަމަ ބަންދުކުރި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް ވެހިކަލް ވައްދަން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހަދަން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިނެއްގަ އެވެ. މިދިޔަ އަހަރު އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފަށައި އެ މަގުގައި ތާރު އަޅައި ނިންމަން ދިނީ 10 މަސް ދުވަހުގެ މުއްދަތެކެވެ. އެހެންވެ، މަސައްކަތް އެއްކޮށް ނިންމަން ބާކީ ދެން އޮތީ ފަސް މަހެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.