Roadha Mihaaru
ތިންދުވަސް ތެރޭ ސްޓެލްކޯއާ ހިސާބަށް ތާރު އަޅަނީ

ތިން ދުވަސް ތެރޭގައި ސްޓެލްކޯގެ އިމާރާތާ ހިސާބަށް އެމްޓީސީސީން ތާރުއަޅައި ނިންމާލަނީ

12 ފެބުރުއަރީ 2023

އަމީނީ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯ އިމާރާތް ނިމޭ ހިސާބަށް، ތިން ދުވަސް ތެރޭގައި ތާރުއަޅައި ނިންމާލާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯ އިމާރާތް ނިމޭ ހިސާބަށް، ތިން ދުވަސް ތެރޭގައި ތާރުއަޅައި ނިންމާލާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ސީއީއޯ އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ އާރުޑީސީން އެ ކުންފުންޏާ ހަވާލުކުރީ ސްޓެލްކޯ އިމާރާތް ނިމޭ ހިސާބަށް ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތް އަންނަ ބުދަ ދުވަހަށް އެއްކޮށް ނިންމާލެވެނޭ ކަމަށެވެ.

"ތާރުއަޅައި ނިންމަން މި ކުންފުނީގެ މުވައްޒަފުން މިހާރު 24 ގަޑިއިރު އަންނަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ކުރާ މަސައްކަތަކީ ސްޓެލްކޯއާ ހިސާބަށް މަގު އެއްވަރު ކުރުމާއި އެބީސީ ފަށަލަ އެޅުމާއި ކޮމްޕެކްޓް ކުރުމާއި ތާރު އެޅުމެވެ.

އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް ލަސްވާތީ، މަސައްކަތް އަވަސްކުރުމަށް، އެ މަގުގައި ތާރުއެޅުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހުކުރު ދުވަހު އެމްޓީސީސީން އެ މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށައި، އާރުޑީސީން ޕޭވިންގެ މަސައްކަތް ނިންމާފައި އޮތް ފުރަތަމަ ސެގްމަންޓްގައި މިހާރު އޮތީ ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އެބީސީ ފަށަލަ ވެސް ލައިފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވިގޮތުގައި، އަމީނީމަގުގައި ތާރުއެޅުން ލަސްވެ، އާންމުންނަށް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާތީ، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް، އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް އާރުޑީސީން އެމްޓީސީސީއާ ހަވާލުކުރީ އެވެ. ތާރުއެޅުން އެމްޓީސީސީއާ ހަވާލުކުރީ އެ ކަމަށްޓަކައި އާރުޑީސީން ރާއްޖެ ގެނެސްފައިވާ މެޝިން ބަހައްޓާނެ ޖާގަ ހަމަނުޖެހި ދުވަސްތަކެއް ވާތީ އެވެ.

އެނގިފައިވާ ގޮތުގައި އެ ކަމަށް ހަރަދުވާ ވަރެއް އެމްޓީސީސީ އަށް އާރުޑީސީން ދޭނެ އެވެ.

އެމްޓީސީސީން ހަމައެކަނި ކުރާނެ މަސައްކަތަކީ އާރުޑީސީން ޕޭވިންގެ މަސައްކަތް މިހާރު ނިންމާފައި އޮތް ހިސާބުގައި ތާރުއެޅުމެވެ. ތާރު އެޅުމަށްޓަކައި ދަރުބާރުގެ ކައިރިން ފެށިގެން ސިނަމާލެ ފްލެޓާ ހަމައަށް މިހާރު ވަނީ އަމީނީމަގު ބަންދުކޮށްފަ އެވެ.

ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު، 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އަމީނީމަގުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިފަހުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ބުނީ އަންނަ ސެޕްޓެމްބަރު މަހު 27 އަށެވެ.