Roadha Mihaaru
ކައުންސިލާއެކު އެއްބަސްވުމެއް ނަހަދަން: އާރްޑީސީ

އަމީނީމަގު ހަދަން ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ނަހަދަން: އާރްޑީސީ

04 ޖުލައި 2022

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އަމީނީމަގު ހެދުމަށް މާލޭ ސިޓީ ކައުންސިލާ އެކު އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އަމީނީމަގު ހެދުމަށް މާލޭ ސިޓީ ކައުންސިލާ އެކު އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފި އެވެ.

ސިޓީ ކައުންސިލްގެ ތުހުމަތުތަކަށް ރައްދުދެއްވައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީނީމަގު ހެދުމަށް ޕްލޭނިން މިނިސްޓްރީއާ އެކު އިއްޔެ އާރުޑީސީން ސޮއިކޮށްފައި ވަނީ މުޅިން އާ ޕްރޮޖެކްޓެއްގައި ކަމަށާއި އެއީ މުޅިން ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަގެ މުޅިން އާ ނިޒާމެއް ހަދައި، އެ މަގަށް ޖުމްލަ ހައްލެއް ގެނައުމަށް ފަށާ މަސައްކަތެއް ކަމަށެވެ.

"މޭޔަރު މުއިއްޒު އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް. އަމީނީމަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއެކު އާރުޑީސީ އިން ސޮއިކޮށްފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

"އިރާދަފުޅާ އެކު މި އެއްބަސްވުމުގެ ދަށުން މުއިއްޒު އަށް ހަތް އަހަރުން އަމީނީމަގަށް ނުގެނެސް ދެވުނު ދާއިމީ ހައްލު ހަތް މަސް ތެރޭގައި ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް."

އަމީނީމަގު ހަދަން ސިޓީ ކައުންސިލާ އެކު އެއްވެސް އެއްބަސްވުމެއް ނަހަދާ ކަމަށް މޫކޭ ވިދާޅުވިޔަސް، އެ މަގުގައި ތާރުއެޅުމަށާއި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް، "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" އަށް މިހާރުގެ ކައުންސިލުން ގެނައި ބަދަލުތަކާ އެކު، މިދިޔަ އަހަރު އޮކްޓޯބަރު 11 ގައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންގެ ކުރިމަތީގައި އޭނާ ސޮއިކުރެއްވި އެވެ.

މޫކޭގެ ވާހަކަތަކަށް ރައްދުވެފައި މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ސިޓީ ކައުންސިލާ އެކު އާރްޑީސީން ހެދި އެއްބަސްވުމުގައި ވެސް އަމީނީމަގުގައި ސްކޯޕެއްގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަގެ ނިޒާމެއް ބަހައްޓަން ނިންމާފައި ކަމަށް ވިދާޅުވެ، އާރްޑީސީން ކައުންސިލަށް ފޮނުވި ބީއޯކިއުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައިފަ އެވެ. އޭގައިވާ ގޮތުން އެ މަސައްކަތަށް ހަތަރު މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

"އަޅުގަނޑަކަށް ނޭނގެ ފެންނަ އޮތް ހަގީގަތެއް ފޮރުވަން އަދި ރައްޔިތުންނަށް ދެރަދޭން ދޮގު ހަދަންވީ ސަބަބެއް،" މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ އަމީނީމަގު މަރާމާތުކުރަން އެ ކައުންސިލުން އާރްޑީސީއާ ހަވާލުކުރީ 39 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެކަމަކު، އިއްޔެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެކު އެ އެއްބަސްވުން ހެދީ 84 ރުފިޔާ އަށެވެ. އެހެންވެ، އެއީ ކޮރަޕްޝަންގެ އަމަަލެއް ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރެ އެވެ.

ސިޓީ ކައުންސިލަށް އެ މަޝްރޫއު ނުހިންގުނު ކަމަށް ބުނެ، ކެބިނެޓުން ވަނީ އެ ޕްރޮޖެކްޓް އަތުލަން ނިންމައި، ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް އެކަން އަންގަން އެތަނަށް ސިޓީއެއް ފޮނުވައިފަ އެވެ.