04 ޖުލައި 2022
ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލުމަށް ކެބިނެޓުން ނިންމާފައި ވަނީ ކައުންސިލްގެ ބާރުތަކަށް އަރައިގަނެ ގާނޫނާ ޚިލާފަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލުމަށް ކެބިނެޓުން ނިންމާފައި ވަނީ ކައުންސިލްގެ ބާރުތަކަށް އަރައިގަނެ ގާނޫނާ ޚިލާފަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ކައުންސިލާ ހަވާލުކުރީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް އިރު، މޭޔަރު ޝިފާ މުހައްމަދުގެ ބެއްލެވުމުގެ ދަށުންނެވެ. ފަހުން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލް އިންތިހާބުވުމުން ވެސް އެ މަޝްރޫއު އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމައި އާރުޑީސީއާ އެކު އޮތީ ސޮއިކޮށްފަ އެވެ.
އެކަމަކު ސިޓީ ކައުންސިލަށް އެކަން ކުރިއަށް ނުގެންދެވުނު ކަމަށް ބުނެ އަމީނީ މަގު ހެދުން ވަކި ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އާރުޑީސީއާ ހަވާލުކޮށްފަ އެވެ.
މި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުގެ އަތުން އަތުލީ ކެބިނެޓުން އެގޮތަށް ނިންމުމުން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. މިއީ، ސަރުކާރުން ހިންގި ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ސަރުކާރަށް ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެންބޮޑުވުމާއި އަޑިގުޑަންތަކާ ހެދި މާލޭގެ ރައްޔިތުންނަށް އުނދަގުލަކަށް ވެފައިވާ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް އެ ކައުންސިލުން ފެށީ ސަރުކާރާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
"މި މަޝްރޫއަކީ ކެބިނެޓުން ފާސްކޮށް އެ އޮންނަ އުސޫލުން މަޖިލީހުން ބަޖެޓް ފާސްކޮށް ޕީއެސްއައިޕީ ތެރޭގައި ހިމަނައި މާލޭ ސިޓީ ކައުންސިލުގެ މަޝްރޫއުއެއްގެ ގޮތުގައި ހަމަޖައްސައިގެން ކުރިއަށް ގެންދާ މަޝްރޫއުއެެއް،" ކުރިން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެއްބަސްވުމަށް ބައެއް ބަދަލުތައް ފަހުން ގެނައީ މަޝްރޫއު އަވަސްކުރުމުގެ ގޮތުން ކަމަށެވެ.
"ދެ ބަދަލެއް ގެނައީ. އެއީ މުޅި ސްކޯޕް ބަދަލުނުކޮށް ބަޖެޓް ބޮޑުނުކޮށް އެ ބަޖެޓްގެ ތެރެއިން އެއިން އެއްވެސް މަގެއް އުނިނުކޮށް އެހެންނަމަވެސް ޓްރެފިކް އެންމެ ބޮޑުވާނެ މަގުތަކުގައި ތާރު އަޅައިގެން ހެދުން. އެކަން ކުރީވެސް ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން،" މަގު ހެދުމުގެ މަސައްކަތުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
"ކުރިން އޮތީ ފަހަރަކު ސެގްމެންޓެއް ހަދާ ގޮތަށް. އޭރުން މި މަޝްރޫއު ނިމޭނީ ހައެއްކަ އަށެއްކަ އަހަރުން. އެހެންވެ މަޝްވަރާތަކަށް ފަހު ނިންމީ ދެ އަހަރުގެ ތެރޭގައި ނިންމޭ ގޮތަށް އެކި ސެގްމެންޓްތައް އެއް ފަހަރާ ކުރިއަށް ގެންދާނެ ގޮތެއް ހެދުން."
އޭނާ ވިދާޅުވި ގޮތުގައި އެ ގެނައި ބަދަލާ އެކު ރޯޝަނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ބަޖެޓްގެ ދަތިކަން ކުރިމަތިވި އެވެ. އެ މަޝްރޫއުއަކީ 400 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުން ބަޖެޓް އޮންނަނީ ޕްލޭނިން މިނިސްޓްރީގެ ދަށުގައި ކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"ރޯޝަނީ މަގުގެ ވަކި ހިސާބަކުން ފައިސާ ދޫކުރުން ހުއްޓާލައިފި. މަސައްކަތް ނިމުނީމަ ވެސް ފައިސާއެއް ނުދިން. އާރުޑީސީއަށް ވެސް ބޮޑު ގެއްލުމެއްވި. ދެން އެ ހިސާބުން އެކުންފުނިން މަސައްކަތް ހުއްޓާލީ،" މުއިއްޒު ވިދާޅުވި އެވެ.
މަގު ހެދުމުގެ މަސައްކަތަށް ބުރޫ އެރުމުން، މުއިއްޒު ވިދާޅުވި ގޮތުގައި، ހައްލެއް ހޯދަން ކަމާގުޅޭ ފަރާތްތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބޭއްވެވި އެވެ. އެކަމަކު އެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލުމާ ހަމައަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓް ތާށިކުރުމުން ހަ މަސް ދުވަހު ހުއްޓިފައި އޮތް މަޝްރޫއު އަތުލާފައިވާ ކަމަށް އިއްޔެ ސިޓީ ފޮނުވުމަށް ފަހު އާރުޑީސީއާ އެކު ޕްލޭނިން މިނިސްޓްރީން ސޮއިކުރުމަކީ ކައުންސިލްގެ އަތުން ލާމަރުކަޒީ ބާރުތައް ނިގުޅައިގަތުން ކަމުގައި ސިފަކުރެއްވި އެވެ.
"[މަޝްރޫއު އަތުލި] ސަބަބެއް ކަމަށް އޮތީ މި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރުމަށް އަޅުގަނޑުމެން އިހުމާލުވެފައިވާ ކަމަށް. އެހެންވެ އަޅުގަނޑުމެން އަތުން މަސައްކަތް ނަގައި ޕްލޭނިން މިނިސްޓްރީން ކުރަނީ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މަގު ހެދުމުގެ މަޝްރޫއު ކައުންސިލްގެ އަތުން އަތުލި މައްސަލައިގައި އޭނާ ވަނީ ސަރުކާރަށް ފާޑުކިއުން އަމާޒުކުރައްވައި އެއީ ލާމަރުކަޒީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެފައި. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގި މަޝްރޫއު ކުއްލިއަކަށް ބަދަލުކުރެއްވި ގޮތާ މެދު ވެސް މުއިއްޒު ނުރުހުންފާޅުކުރެއްވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަކީ ވަކި އުސޫލެއްގެ ދަށުން އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ބަދަލުކުރެވޭ މަޝްރޫއުތަކަކަށްވާއިރު އެ ބަދަލު ވެސް ގެނެސްފައި ވަނީ ގާނޫނާ ހިލާފަށެވެ.
"ރައީސް އޮފީހުން މިވަގުތާ ހަމައަށް ވެސް ސިޓީއެއް ނާދޭ މި މަޝްރޫއު ވަކިކުރި ކަމަކަށް. އަދި މަޖިލީހަކުން ވެސް ނާންގާ އެކަހަލަ އެންގުމެއް އެހެން އޮފީހަކަށް ޕްރޮޖެކްޓް ބަދަލުކުރި ކަމަށް. ދެން ކިހިނެއްތޯ އަޅުގަނޑުމެންނާއި އާރުޑީސީއާ އެކު ހެދި އެގްރީމެންޓަށް ވާނީ. އޭގައި އެބަ އޮވޭ ޓާމިނޭޓްކުރާނެ ގޮތް ވެސް،" މުއިއްޒު ސުވާލު އުފެއްދެވި އެވެ.
މުއިއްޒު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން އެގޮތަށް ކަންތައް ކުރަނީ ކައުންސިލްގެ އަތުލަބިއްޔަތު އިދިކޮޅަށް ލިބިފައިވާތީ އެވެ.
އޭނާ ވިދާޅުވީ އާރުޑީސީއާ އެކު ކައުންސިލުން 39 މިލިއަން ރުފިޔާއަށް ސޮއިކޮށްފައި ވަނިކޮށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެ މަޝްރުއު ހަވާލުކުރީ ދެގުނަ ބޮޑުކޮށް ކަަމަށެވެ. މިކަމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު ވެސް މުއިއްޒު ކުރެއްވި އެވެ.
"މަޝްރޫއު 39 މިލިއަނަށް ހަވާލުކޮށްފައި އޮއްވައި 84 މިލުއަނަށް ހަވާލުކުރީމަ ދެން މިއަށް ކިޔާނީ ކޮރަޕްޝަން ނޫނީ ވަކި ކޮން އެއްޗެއްތޯ. ހަމަ އިސްރާފެއް ނޫންތޯ ކުރެވެނީ. އެތަން އަތުލަންޏާ އަޅުގަނޑުމެން ބަދުނާމުކޮށްފައި ވެސް ގާނޫނީ ހަމައިގެ ތެރެއިން އެކަން ކުރަންވީ،" މުއިއްޒު ވިދާޅުވި އެވެ.
އަމީނީ މަގުގައި ތާރު އަޅަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިންމަން ދިނީ 10 މަސް ދުވަހެވެ. މި މަޝްރުއުގައި އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅާނެ އެވެ. އެ މަގުގައި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ވެސް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގ ދަށުން އެންމެ ފަހުން ހެދީ ރޯޝަނީ މަގެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ނިންމި އެ މަގުގެ މަސައްކަތަށް ފަހު، އިތުރު މަގެއްގެ މަސައްކަތް އަދި ނުފަށަ އެވެ.
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
ގަސްތައް ކޮށައިދިނުން ސިޓީ ކައުންސިލުން ހުއްޓާލައިފި
އަމީނީމަގުގެ މަޝްރޫއުއަށް އެއްބާރުލުން ދޭނަން: މުއިއްޒު
ތާރުއަޅައިގެން އަމީނީމަގު ހެދުމުގެ މަސައްކަތް ފަށައިފި
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
ކައުންސިލާއެކު އެއްބަސްވުމެއް ނަހަދަން: އާރްޑީސީ
މަޝްރޫއު އަތުލުމާ އެމްޑީޕީގެ ކައުންސިލަރުން ވެސް ދެކޮޅު
ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އަމީނީ މަގު އާރުޑީސީއަށް
މާލޭ މަގުތައް އަލުން ހަދަނީ، އަމީނީމަގުގައި ތާރުއަޅަނީ
އަމީނީމަގުގެ ތާރުގަނޑުގެ ހަލާކުވެ ނުރައްކާ ހާލަތަކަށް