Roadha Mihaaru
މުއިއްޒު އުޅެނީ ބްރިޖަށް ހުރަސްއަޅަން: އަކްރަމް

މުއިއްޒު އުޅެނީ ބްރިޖުގެ މަސައްކަތަށް ހުރަސްއަޅަން، ވިލިމާލެ އިން ބިން ކުއްޔަކަށް ނުދެވޭނެ: އަކްރަމް

14 މާޗް 2022

ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދޭން މާލޭ ސިޓީ ކައުންސިލުން އުޅެނީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވުމަށް ހަދާ "ތިލަމާލެ" ބްރިޖްގެ މަޝްރޫއަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދޭން މާލޭ ސިޓީ ކައުންސިލުން އުޅެނީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވުމަށް ހަދާ "ތިލަމާލެ" ބްރިޖްގެ މަޝްރޫއަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވިލިމާލޭގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދުގައި މި ވަގުތު ހުސްކޮށް ހުރި 13 ސްލޮޓް، ސިނާއީ އެކި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދޭން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، އެ ސަރަހައްދުން ބިން ކުއްޔަށް ދޭން ސިޓީ ކައުންސިލަށް ނުނިންމޭނެ ކަމަށާއި އެކަން ކުރެވޭނީ އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ.

ތިލަމާލެ ބްރިޖުގެ ސާވޭއަށް ވިލިމާލެ ކައިރީ ބަހައްޓާފައި ހުރި ޕްލެޓްފޯމެއް: އެ މަޝްރޫއު އަށް ވިލިމާލޭގެ ސައިޓެއްގެ ގޮތުގައި ބޭނުންކުރަނީ އެ އަވަށުގެ ސިނައީ ސަރަހައްދު.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް، އެކަމަށް މިނިސްޓްރީގެ ހުއްދަ ކައުންސިލުން މިހާތަނަށް ހޯދާފައިވާ ނުވާ ކަމަށް ވިދާޅުވި އެވެ.

"މުއިއްޒު އުޅުއްވަނީ ސަރުކާރަށް ޖެއްސުމަށް. އެ ތަނުން [ވިލިމާލެ ސިނައީ ސަރަހައްދުން] ބިން ކުއްޔަށް ދޭން ނިންމީ ގާނޫނާ ހިލާފަށް. އެގޮތަށް ނިންމޭނީ ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީ އަށް ހުށަހަޅައި، އެ ޕްލޭން ފާސްވުމުން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަން އެ ކައުންސިލަށް އިއްޔެ ސިޓީއަކުން ވެސް ވާނީ އަންގައިފަ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާނެ ސައިޓެއް

އަކްރަމް ވިދާޅުވީ ވިލިމާލޭގެ ސިނާއީ ސަރަހައްދަކީ "ތިލަމާލެ" ބްރިޖުގެ މަސައްކަތް ކުރާއިރު، ވިލިމާލެ އިން އެ މަސައްކަތަށް ސައިޓެއްގެ ގޮތުގައި ބޭނުންކުރަން ސަރުކާރުން ހަމަޖައްސާފައިވާ ތަނެއް ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި އިތުރު މަސައްކަތްތަށް ނުކުރަން މިނިސްޓްރީން ސިޓީ ކައުންސިލަށް އެންގީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން އަންގާފައި އޮއްވައި އެ ތަނުން ބިން ކުއްޔަށް ދޭން [ސިޓީ ކައުންސިލުން] ނިންމެވީ،" އަކްރަމް ވިދާޅުވި އެވެ.

"މުއިއްޒު އުޅުއްވަނީ ބްރިޖު މަސައްކަތަށް ހުރަސް އަޅުއްވަން. އެ ގޮތަށް އެ ނިންމުން ނުނިންމެވޭނެ."

ތިލަމާލެ ބްރިޖުގެ ސާވޭއަށް ވިލިމާލެ ކައިރީ ބަހައްޓާފައި ހުރި ޕްލެޓްފޯމެއް: އެ މަޝްރޫއު އަށް ވިލިމާލޭގެ ސައިޓެއްގެ ގޮތުގައި ބޭނުންކުރަނީ އެ އަވަށުގެ ސިނައީ ސަރަހައްދު.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިލަމާލެ ބްރިޖުގެ ސާވޭއަށް ވިލިމާލެ ކައިރީ ބަހައްޓާފައި ހުރި ޕްލެޓްފޯމެއް: އެ މަޝްރޫއު އަށް ވިލިމާލޭގެ ސައިޓެއްގެ ގޮތުގައި ބޭނުންކުރަނީ އެ އަވަށުގެ ސިނައީ ސަރަހައްދު.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދޭން ސިޓީ ކައުންސިލުން ނިންމީ މިދިޔަ މަހުގެ 17 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގަ އެވެ. ކައުންސިލުން އެ ނިންމުން ފާސްކުރީ އެ ސްލޮޓްތަކުގެ ދެބައިކުޅަ އެއްބައި ވިލިމާލޭގެ މީހުންނަށް ލިބޭ ގޮތަށް ދިނުމަށެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، އެ ސަރަހައްދުން މިހާރު ވެސް ކުއްޔަށް ހިފާފައިވާ ސްލޮޓްތަކަށް ދައްކަން ޖެހޭ ފައިސާ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ކުރިން ދައްކަން އަންގާފައިވާ އިރު، އެ މުއްދަތު ހަމަވި އިރު ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ އެއްބަސްވުން ބާތިލްކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އެ އެއްބަސްވުން ބާތިލުކޮށް، ބިން ވަކިކޮށް ނުލިބިވާ ފައިސާ ހޯދުމަށް ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރަން ވެސް ނިންމި އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަށް މޭޔަރު މުއިއްޒު ހުރަސްއަޅުއްވަން އުޅޭ ކަމަށް ސަރުކާރުން ބުނިއިރު، އޭނާ ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ މަޝްރޫއުތަކަށް ވެސް ސަރުކާރުން ހުރަސްއަޅާ ކަމަށެވެ. ކައުންސިލްގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓް ފިނޭންސް މިނިސްޓްރީން ދޫނުކޮށްގެން، އެކަމުގެ ކަންބޮޑުވުން މުއިއްޒު ތަކުރާރުކޮށް ފާޅުކުރައްވާފައި ވެ އެވެ.