18 އޮކްޓޯބަރ 2018
ސިނަމާލެ ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުގެ ބަދަލު ހޯދަން، ސްޓްރާޑާ ކުންފުނިން އެދުނު 14.4 މިލިއަން ރުފިޔާ ދޫކުރުން ފިނޭންސް މިނިސްޓްރީން މަޑުޖައްސާލައިފި އެވެ.
ސިނަމާލެ ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުގެ ބަދަލު ހޯދަން، ސްޓްރާޑާ ކުންފުނިން އެދުނު 14.4 މިލިއަން ރުފިޔާ ދޫކުރުން ފިނޭންސް މިނިސްޓްރީން މަޑުޖައްސާލައިފި އެވެ.
ނިއު ޕޯޓު ވެސް ހިންގާ ސްޓްރާޑާ ކުންފުނިން، ބޭރުގެ ފްރެންޗައިޒެއް ކަމަށްވާ ޗާ ޓައިމް ހެދީ ބްރިޖުގެ މަސައްކަތް ކުރާ މަންޒަރު ބަލަން ލޮނުޒިޔާރަތްކޮޅުގައި ހެދި ޕްލެޓްފޯމާ ޖެހިގެންނެވެ. އެ ކުންފުންޏާ އެކު ސެޕްޓެމްބަރު 22، 2016 ގައި ހެދި އެ އެއްބަސްވުމުގައި، ޗާޓައިމް ހިންގަން ފުރަތަމަ ހުއްދަ ދިނީ އެއް އަހަރަށެވެ. ފަހުން، ޗާޓައިމް ހިންގުން ފަސް އަހަރަށް މުއްދަތަށް އިތުރުކޮށް، އެއްބަސްވުން އާކޮށްފައި އޮއްވައި ޗާ ޓައިމް ތަޅާލަން ޖެހުނީ ބްރިޖުގެ ދަތުރުތަކަށް ބޮޑުތަކުރުފާނު މަގު ފުޅާ ކުރަން ޖެހުމުންނެވެ.
އެއީ، ބޮޑު ގެއްލުމެއް ކަމަށް ބުނެ ސްޓްރާޑާ އިން އެދުނީ ބޮޑު ބަދަލެއް ދައުލަތުން ހޯދުމަށެވެ. ފުރަތަމަ ހުށަހެޅި އަގު ބޮޑުކަމުން އެ ކުންފުންޏާ އެކު ވާހަކަ ދައްކައި ދެ ވަނަ ފަހަރަށް 14 މިލިއަން ރުފިޔާ ހޯދަން ހުށަހަޅާފައިވާއިރު، ސްޓްރާޑާ އިން ބޭނުންވީ ޗާޓައިމް ބަންދުކުރި ތާރީޚުން ފެށިގެން، ބްރިޖު ޕްލެޓް ފޯމު ތަރައްގީ ކުރަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ފައިސާ ހޯދުމަށެވެ.
ޗާ ޓައިމްގެ ބަދަލުގައި 14 މިލިއަން ރުފިޔާ ސްޓްރާޑާ އަށް ދޭން އެދުމުން، އަވަސް އަރުވާލައިގެން އެ ފައިސާ ދޫކުރަން އުޅޭ ކަމަށް ޝަކުވާ ހުށަހެޅުމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މައްސަލަ ބަލަން ފަށައި ހައުސިން މިނިސްޓްރީއަށް އެންގީ އެ ފައިސާ ދޫނުކޮށް މަޑުޖައްސައި ލުމަށެވެ.
ފިނޭން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ވަކިވަކި މީހުންނާ ގުޅޭ މައްސަލަތަކުގައި މީޑީއާ އަށް ތަފްސީލުތައް ހާމަނުކުރި ނަމަވެސް އެ މައްސަލައިގައި އެ މިނިސްޓްރީން އަމަލުކުރާނީ އޭސީސީގެ އެންގުމާ އެއްގޮތަށް ކަމަށެވެ. އޭސީސީން އަންގާފައި އޮތީ އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ފައިސާ ދޫނުކުރުމަށެވެ.
ބްރިޖުގެ މަސައްކަތް ކުރާ ގޮތް ބަލަން އަޅާފައިވާ ޕްލެޓުފޯމު: ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު މިތަނަށް ދާ ކަމަށް ސްޓްރާޑާ ކުންފުނިން ބުނޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހުޅުމާލެ އިން 400 ގޯތި ވިއްކުމުގެ މައްސަލައިގައި އޭސީސީގެ އެންގުމަށް ހައުސިން މިނިސްޓްރީން އަމަލުނުކުރި ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސްޓްރާޑާ އަށް ފައިސާ ދޫކުރުން މަޑުޖައްސައިލަން އެންގި މައްސަލައިގައި ހައުސިން މިނިސްޓްރީން އޭސީސީ އަށް އެއްބާރުލުމެއް ނުދެ އެވެ. މައްސަލައިގެ ތަހުގީގަށް ފޮނުވަން އޭސީސީން އެދުނު ލިޔުންތައް ވެސް ހައުސިން މިނިސްޓްރީން ވަނީ ފޮނުވައިފަ އެވެ.
ސްޓްރާޑާ އަށް ފައިސާ ދޫކުރުން މަޑުޖައްސާލަން މިދިޔަ އާދީއްތަ ދުވަހު އޭސީސީން އެންގިއިރު، ފައިސާ ދޫކޮށްދޭން މި މަހު ދެވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ފިނޭންސްގައި ސިޓީއަކުން އެދިފަ އެވެ.
ސްޓްރާޑާ އަށް ދައުލަތުން ފައިސާ ދިނުމަކީ ކޮރަަޕްޝަން ކަމަށް ތުހުމަތުކޮށް އާއްމު ކޮށްފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ކުންފުންޏަށް ބަދަލުދޭން ނިންމީ އެ މައްސަލަ ބަލަން ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ވަޒީރުންގެ ކޮމެޓީއަކުންނެވެ. އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން، ރައީސް ޔާމީނަށް އިންތިޚާބު ނާކާމިޔާބުވެވަޑައިގަތް ފަހުން މިދިޔަ މަހުގެ 27 ގައި ބާއްވާފައިވާއިރު ދެ ވަނަ ބައްދަލުވުން އޮތީ މި މަހުގެ 1 ގަ އެވެ.
ވަޒީރުންގެ ކޮމެޓީގެ ބައްދަލުވުމަށް ފަހު، އެ ފައިސާ ސްޓްރާޑާ އަށް ދޫކުރަން އެދި ރައީސް އޮފީހުގެ ސްޓޭޓް ފޯ ސޯޝަލް އެފެއާޒް މުހައްމަދު ޣައްސާން މައުމޫން ސޮއި ކުރައްވައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ކުންފުންޏަށް 14.4 މިލިއަން ރުފިޔާ ދިނުމަކީ އަދުލުވެރި ބަދަލެއް ކަމަށް ވަޒީރުންގެ ކޮމެޓީން ރައީސަށް ލަފާ އަރުވާފައިވާ ކަމަށެވެ.
"ވީމާ، ވަޒީރުންގެ ކޮމެޓީގެ ލަފަޔާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ މެދުވެރި ކުރައްވައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސްޓްރާޑާ ކުންފުންޏަށް 14.493،427ރުފިޔާ އަދުލުވެރި ބަދަލުގެ ގޮތުގައި ހަމަޖެއްސެވުމުގެ މަސައްކަތް ތިޔަ މިނިސްޓްރީން ކުރިއަށް ގެންދެވުމަށް ދަންނަވަން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ،" އެ ސިޓީގައިވެ އެވެ.
މި ސަރުކާރުން، މިނިވަން 50ގެ ޖާފަތް، ނިއު ޕޯޓާ ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިވެގެން އޭސީސީން މައްސަލަ ބަލައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު ދައުވާ ނުކުރާ ގޮތަށް ފަހުން ވަނީ ނިންމައިފަ އެވެ.
ކޭބަލް އެޅުން ހަވާލުކުރުން މަޑުޖައްސާލަން އަންގައިފި
ނިއުޕޯޓް އަތުލީ އިންސާފުން ބޭރުން: ސްޓްރާޑާ
އިދިކޮޅުން ހުށަހެޅި އިސްލާހާ ނުލައި ބަޖެޓް ފާސްކޮށްފި
ޓެކްސް ބިލުގެ މައްސަލާގައި އިދިކޮޅުން މުޒާހަރާ އަށް
ތިން މައްސަލައަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ
އޭސީސީގެ ކުރީގެ މެމްބަރު އަޝްރަފް ޓެންޑާ ބޯޑަށް
އިންތިހާބަށް ފާރަވެރިވާން އޭސީސީ ނެތުމުން ކަންބޮޑުވެއްޖެ
ވިމަސް އަށް އިތުރަށް ދިން ފައިސާ ހޯދަން ލަފާދީފި
ގާނޫނާ ހިލާފުވި މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީގައި
ޔާމީން ބަންދުގައި ހުރި މުއްދަތުގެ އިނާޔަތަށް އެދިއްޖެ