Roadha Mihaaru
ތިން މައްސަލައަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ

އޭސީސީން އެއް މަސް ދުވަހުގެ ތެރޭގައި ނިންމި މައްސަލަތަކުން 1.5 މިލިއަން ރުފިޔާ ހޯދަން އަންގައިފި

27 އެޕްރީލް 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ތަހުގީގުކުރި މައްސަލަތަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދަން އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ތަހުގީގުކުރި މައްސަލަތަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދަން އަންގައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ތިން މައްސަލައަކުން 1،570،814ރ. އަނބުރާ ހޯދުމަށް ކަމާ ގުޅޭ އިދާރާތަކަށް މި ހަފުތާ ތެރޭގައި އަންގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައިި ރ. އަލިފުށީގެ އެކި ސަރަހައްދުތަކުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ސެޕްޓެމްބަރު، 2020 އާ ހަމައަށް ނުލިބި ހުރި ކުލީގެ ފައިސާ ހިމެނެ އެވެ. އޭސީސީން ބުނީ 10 ފަރާތަކަށް ދޫކޮށްފައިވާ 12 ބިމެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ.

އެ ފައިސާ ހޯދުމަށް އަލިފުށީ ކައުންސިލަށް އިއްޔެ އަންގައި، ކުރިއަށް އޮތް ތަނުގައި ކުލީގެ އެއްބަސްވުމުގެ ތެރެއިން އެ ކުލި ހޯދުމަށް އޭސީސީން ވަނީ އަންގައިފަ އެވެ.

ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގެ އަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކުރުމުގެ އުސޫލާ ހިލާފަށް 2007 ވަނަ އަހަރު ކޮށްފައިވާ ހަރަދުތަކެއް، އެ ފައިސާ ޒިންމާވާ ފަރާތުގެ އަތުން އަނބުރާ ހޯދަން މިިދިޔަ އާދިއްތަ ދުވަހު ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ. އެއީ 11،244 ޑޮލަރު (144،494.65ރ.) އެވެ.

ހދ. ބާރަށު ކައުންސިލުން އަމިއްލަ ފަރާތަކާ އެކު 2015 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަކާ ގުޅިގެން ދައުލަތަށް 11،759ރ. ހޯދަން ވަނީ އަންގައިފަ އެވެ. އެއީ އެއްބަސްވުން ބާތިލްކުރި މުއްދަތާ ހަމައަށް ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ އަނބުރާ ހޯދާށެވެ.

ތިން މައްސަލައަކުން ދައުލަތަށް އަނބުރާ 1.5 މިލިއަން ރުފިޔާ ހޯދަން އެންގިއިރު، ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 3.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އޭސީސީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބުނެފަ އެވެ.

ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 5،040 މައްސަލައެއް ބަލައިދިނުމަށް އެދި ހުށަހެޅި ކަމަށެވެ. ތަފާސްހިސާބުތަކާ ހަވާލަދެއްވައި ސަލީމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 3.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.