Roadha Mihaaru
އެގްޒެކިއުޓާސްއަށް ފައިސާ ދިނީ އެއްބަސްވުމެއް ނެތި؟

އެގްޒެކިއުޓާސް އަށް 25 މިލިއަން ރުފިޔާ ދޫކުރީ އެއްބަސްވުމުގައި ސޮއިނުކޮށް؟

24 އޯގަސްޓް 2020

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ޕަސެންޓް ފައިސާ ދޫކުރީ އެއްބަސްވުމެއް ނެތި ކަން އިތުބާރު ހުރި ފަރާތަކުން "މިހާރު"އަށް ކަށަވަރުކޮށްދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ޕަސެންޓް ފައިސާ ދޫކުރީ އެއްބަސްވުމެއް ނެތި ކަން އިތުބާރު ހުރި ފަރާތަކުން "މިހާރު"އަށް ކަށަވަރުކޮށްދީފި އެވެ.

ކޮވިޑް-19 މާލޭގައި ބާރަށް ފެތުރި ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވެދާނެތީ ކުއްލިއަކަށް ހޯދަން ޖެހުނު 149 ވެންޓިލޭޓަރު ބޭރުން ގެންނަން ހެލްތު މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުންނެވެ. މިގޮތަށް ހަވާލުކުރުމުގައި، ޚިޔާނާތަށް ތުހުމަތުކުރެވޭ ގިނަ މައްސަަލަތަކެއް ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓުގައި ވަނީ ފެންމަތިކޮށްފަ އެވެ.

މި އޮޑިޓާ ގުޅިގެން ރައީސް އޮފީހުގެ އެންގުމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް ސަސްޕެންޑްކޮށްފައި ވަނިކޮށް، މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަމިއްލަ އަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފަ އެވެ.

އޭސީސީ އާއި ފުލުހުން ތަހުގީގު ކުރާ މި މައްސަލައާ ގުޅިގެން "މިހާރު"އަށް އިތުބާރު ހުރި ފަރާތަކުން ކިޔައިދިން ގޮތުގައި، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެޕްރީލް، 2، 2020 ގައި އެގްޒެކިއުޓާސް އަށް ފުރަތަމަ ޕޭމަންޓް ދޫކުރީ އެއްބަސްވުމުގައި އެ ކުންފުނިން ސޮއި ވެސް ނުކުރަނީހެވެ. އެއްބަސްވުން ތައްޔާރުކޮށް، އީމެއިލް މެދުވެރިކޮށް އެ ކުންފުންޏަށް ފޮނުވައި ސޮއިކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި، އެޕްރީލް، 15ގަ އެވެ. ޖެހިގެން އައި ހަފުތާގައި ދެ ވަނަ ޕޭމަންޓުގެ ގޮތުގައި އެ ކުންފުންޏަށް ފަސް މިލިއަނާ އެކު ޖުމްލަ 30.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިއީ އަގުގެ 90 ޕަސެންޓެވެ.

މި ފައިސާ ދޫކުރީ، އެނގިފައިވާ ގޮތުގައި، ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ ލަފާ ހޯދައި އެ ލަފާ ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށް، އެމްއެމްއޭ މެދުވެރިކޮށެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ކުންފުނީގެ ނަން ހުށަހަޅައި، އެ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ދޭން ނިންމައި، އޭގެ ފަހުން އެކަމާ ބެހޭ ގޮތުން އޭޖީގެ ލަފާ ހޯދައި އަދި އެ ލަފާ ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން ފައިސާ ދޫކުރުމާ ހަމައަށް މުޅި ޕްރޮސެސް ނިންމަން ނެގީ 48 ގަޑިއިރު ކަމަށް ވެ އެވެ. ހެލްތުގެ ލިއުންތަކުން ފެންނަން އޮތް ގޮތުގައި އެ އެގްރިމެންޓްގައި ސޮއިކުރީ އެޕްރީލް 2 ގައި ކަމަށް ތާރީހު ޖަހާފައި އޮތަސް، އެ ތާރީޚް ލިއުނީ އެޕްރީލް 15 ގައި ސޮއިކުރުމަށް ފަހު އެވެ. މި ތުހުމަތަށް ބާރު ލިބޭ ލިއުމެއް ވެސް "މިހާރު"ގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ.

ގެރެންޓީއަކާ ނުލައި މިހާ ބޮޑު އަދަދެއް ދެއްކުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއް ކަން އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެކަން ތަހުގީގުކުރަން ވެސް އޮތީ އަންގައިފަ އެވެ.

ވެންޓިލޭޓަރުތައް ހޯދަން އެގްޒެކިއުޓާސް އަށް ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންތޯ އޮޑިޓް އޮފީހާ "މިހާރު"ން ސުވާލުކުރުމުން އެތަނުގެ އިސް ބޭފުޅަކު ވިދާޅުވީ ފެންނަން ހުރި ލިޔެކިއުންތަކުގައި ސޮއިކުރި ތާރީޚް ކަމަށް ލިއެފައި ވަނީ އެޕްރީލް، 2، ކަމަށެވެ. އީމެއިލް މެދުވެރިކޮށް އެއްބަސްވުން ފޮނުވައިގެން އެގްޒެކިއުޓާސް ލައްވައި ސޮއިކުރުވީ އެޕްރީލް 15 ގައި ކަން އެނގޭ ލިއުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މުއާމަލާތާ ގުޅޭ ބައެއް ކަންކަން ތަހުގީގީ އިދާރާތަކުން އިތުރަށް ބަލަން ޖެހޭނެ ކަމަށް އޮޑިޓުގައި ލަފާދީފައިވަނީ ވެސް އޮޑިޓެއް ހަދާއިރު ނުބެލޭނެ ކަންކަން ދެނެގަންނާށެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސްއަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށާއި ވެންޓިލޭޓަރުތައް ހުރީ ގުދަނުގައި ސްޓޮކްކޮށްފައި ކަމަށް ވެސް ހެލްތު މިނިސްޓްރީ އަށް އެ ކުންފުނިން މައުލޫމާތު ދިން ކަމަށް އޮޑިޓުގައިވެ އެވެ.

ވެންޓިލޭޓަރު ފަދަ މެޝިންތަކަކީ އެގޮތަށް ގުދަންތަކުގައި ދިގު މުއްދަތަކަށް ސްޓޮކްކޮށްފައި ބަހައްޓާ ތަކެތި ނޫން ކަމަށް ވާތީ އެގްޒެކިއުޓާސް އިން އެހެން ބުންޏަސް އެންމެ ކުޑަމިނުން ގުދަނުގައި އެތަކެތި ހުރިތޯ ކަށަވަރުނުކޮށް ހެލްތުން ފައިސާ ދީފައިވާތީ އޮޑިޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ. އާއްމު ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް ކުރިން ވިޔަފާރީގެ މުއާމަލާތެއް ކޮށްފައި ނުވާ އަދި މާލީ އަދި ފަންނީ ގާބިލްކަން ހުރިތޯ ވަޒަންކޮށްފައި ނުވާ ކުންފުންޏަކަށް ފައިސާ ދޫކުރުމަކީ ވިޔަފާރީގައި ކުރާ ކަމެއް ނޫން ކަމަށް އޮޑިޓުގައިވެ އެވެ.

އެގްޒެކިއުޓާސް އިން 75 ވެންޓިލޭޓަރު ހުރީ ޝިޕްކުރެވޭ ހާލަތުގައި ކަމަށް ހެލްތު މިނިސްޓްރީއަށް އެންގިޔަސް އެއްބަސްވި މުއްދަތަށް އެ މީހުންނަކަށް ވެންޓިލޭޓަރުތައް ރާއްޖެ ނުފޮނުވުނެވެ. މުއްދަތު ހަމަވި ފަހުން 11 ވެންޓިލޭޓަރު ރާއްޖެއަށް ލިބުނަސް އެ ތަކެތި ބޭނުމެއް ނުކުރެވެ އެވެ. އެއީ، ކޮވިޑް-19 ގެ ބަލިމީހުންނަށް ދޭން ޖެހޭ ފަރުވާ އަށް އެކަށީގެންވާ ވެންޓިލޭޓަރު ނޫން ކަމަށް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ބަޔޯމެޑިކަލް އިންޖިނިއަރިންގެ ޓީމަކުން ވެސް ވަނީ ލަފާދީފަ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި އެޑްވާންސަށް ފައިސާ ދޫކުރުމުގެ ކުރިން ގެރެންޓީއާ މެދު އަމަލުކުރެވިދާނެ ގޮތެއްގެ ލަފަޔަކަށް އެދުމުން އޭޖީ ދެއްވި ލަފައިން ދޭހަވަނީ، ފިނޭންސް މިނިސްޓަރު ދެއްވާ ހާއްސަ ހުއްދައިގެ ދަށުން ހެލްތަށް އެގޮތަށް އެކަން ނިންމިދާނެ ކަމެވެ. އެކަމަކު އެޑްވާންސް ޕޭމަންޓުގެ ގެރެންޓީއާ މެދު އަމަލުކުރާނެ ގޮތުގެ ހުއްދައަކަށް ހެލްތުން ފިނޭންސަށް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓުގައިވެ އެވެ.

"ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓް ދީފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދައިގެން ނޫން ކަން ފާހަގަކުރަމެވެ،" އޮޑިޓުގައިވެ އެވެ.