14 އޮކްޓޯބަރ 2020
ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީ މީހެއް ކަމަށްވާ ޑރ. އަލީ އަލް ތަޚުމަތީގެ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގެ ނިޔަތުގައި މަގާމުގެ ނުފޫޒުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތް ކުރެއްވި ކަމުގެ ވަރަށް ބޮޑެތި ތުހުމަތުތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ކޮށްފި އެވެ.
ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީ މީހެއް ކަމަށްވާ ޑރ. އަލީ އަލް ތަޚުމަތީގެ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގެ ނިޔަތުގައި މަގާމުގެ ނުފޫޒުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތް ކުރެއްވި ކަމުގެ ވަރަށް ބޮޑެތި ތުހުމަތުތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ކޮށްފި އެވެ.
ވެންޓިލޭޓަރު ހޯދުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި މައްސަލައިގައި މިނިސްޓަރު އަމީނާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އަމީން މައްޗަށް ހަތަރު ދައުވާއެއް އުފުލައިދޭން އެދިފައިވެ އެވެ. އެ ދައުވާ އުފުލައިދޭން އެދުނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ (2) އާއި 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ.
މާލިއްޔަތު ކޮމިޓީގައި މިނިސްޓަރާއި ބިޑް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
- މިނިސްޓަރު އަބްދުﷲ އަމީން
- ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް
- ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
- ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދު
- ޑިރެކްޓަރު ނައުޝާދު އަލީ
- ބިޑް ކޮމިޓީ މެމްބަރު، އާމިނަތު ޝައުފާ
- އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ
- ލީގަލް އޮފިސަރު، އަލީ ޝިހާމް
- އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒް
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
ތަހުގީގަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް އެގްޒެކިއުޓާސްއާ ހަވާލުކުރުމުގެ މަސައްކަތް ފެއްޓެވީ މިނިސްޓަރު އަމީން ކަމަށެވެ. އެ ކުންފުނީގެ އިސްވެރިޔާ ތަޚުމަތީ، ހެލްތު މިނިސްޓްރީ އަށް ތައާރަފްކޮށްދެއްވީ ވެސް އަމީން ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ތަހުމަތީގެ މައުލޫމާތު، ހެލްތު މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަހްމަދު އަސްލަމަށް ދެއްވައި އެއީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ކުންފުންޏެއް ކަމަށް ދޭހަވާ ގޮތަށް ބިޑް ކޮމިޓީ އަށް ތައާރަފްކޮށްދެއްވީ ވެސް އަމީން ކަމަށެވެ. އެގްޒެކިއުޓާސްގެ ޑިއުޑެލިޖެންސް (ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ) ނުބަލައި ހަވާލުކުރީ މިނިސްޓަރު އެގޮތަށް އަމަލުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ.
"ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއް ކަމަށް ދޭހަވާ ގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީ އަށް ތައާރަފްކޮށްދީފައި ވަނީ މިނިސްޓަރު އަބްދުﷲ އަމީން ކަމާއި، މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއް ކަމަށް ބަލައި، އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީ އާއި، އެއީ މިނިސްޓަ އޮފް ހެލްތު، އަބްދުﷲ އަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭތީ...،" އޭސީސީގެ ބަޔާނުގައިވެ އެވެ.
ކޮމިޝަނުން ބުނިގޮތުގައި، އެގްޒެކިއުޓާސްއާ ވެންޓިލޭޓަރު ހޯދަން ހަވާލުކުރަން އުޅުނުއިރު ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ ބައްދަލުވުންތަކުގައި ބިޑް ކޮމިޓީގެ ދެ މެމްބަރަކު ބައިވެރިވާން ވެސް އަމީން އެންގެވިކަން ބައެއް މީހުންގެ ބަހުން އެނގެ އެވެ.
އެއްބަސްވުމުގެ އަގަށްވާ 34 މިލިއަންގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސް އަށް ދޫކުރަން އަަވަސްކުރަން އަމީން މަސައްކަތް ކުރައްވާފައިވާ ކަން ވެސް ތަހުގީގަށް އެނގޭ ކަމަށް އޭސީސީން ބުންޏެވެ.
ބަޔާނުގައި ބުނީ ވެންޓިލޭޓަރު ހޯދަން މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިވަޑައިގެން، އެކަންކަމުގައި ލަފަ އާއި މަޝްވަރާ ދެއްވާފައިވާ ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"މި ކަމާގުޅޭ ހުރިހާ ކަމެއް ޕޮލިސީ ޓޭބަލް އަށް ހުށަހެޅުމަށްޓަކައި މިނިސްޓަ އޮފް ހެލްތު، އަބްދުﷲ އަމީން ބްރީފިން ހޯދަމުން ދިޔަކަން ތަހުގީގަށް އެނގޭތީ، އެއީ ޑރ. އަލީ ތަހުމަތީ އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި މިނިސްޓަ އޮފް ހެލްތު އަބްދުﷲ އަމީން ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާތީ،..." ދައުވާކޮށްދޭން އެދުނު ސަބަބާ ގުޅޭ ގޮތުން އޭސީސީގެ ބަޔާނުގައިވެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ވެސް ތުހުމަތުކޮށްފައިވާ ގޮތުގައި ވެންޓިލޭޓަރު ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް، ހެލްތު މިނިސްޓަރު އަމީނާއި ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކްޓިވްގެ އިތުރުން އެކި ކަންކަމުގައި އިސްކޮށް ޒިންމާ ނަގަން ޖެހޭ ފަރާތަތަކުން އަމަލުކުރައްވާފައިވާ ކަމަށް އޭސީސީން ވެސް ބުނެފައިވެ އެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މި ތުހުމަތުތައް ކުރުމުން، މިނިސްޓަރު އަމީނާއި ހެލްތު މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ. ރައްޔިތުންގެ ފުރާނަ އަށް ނުރައްކާވި ހާލަތެއްގައި، އެންމެ ކުރު މަގަކުން ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.
- ދުބާއީ ކުންފުންޏާ ހަވާލުކުރީ ޑިއުޑެލިޖެންސެއް ނުހަދާ، މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީ އަށް ނުބަލާ.
- ދުބާއީގެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިންނެއް ނޫން.
- ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްގެ ނަމުގައި އޮތް ކޯޓޭޝަނެއް މިނިސްޓްރީ އޮފް ހެލްތަށް ލިބިފައި ނުވާކަން އީމެއިލްތަކުގެ ފޮރެންސިކް ރިޕޯޓުން އެނގޭ.
- ސީދާ ތަޚުމަތީ އަށް މަސައްކަތް ހަވާލުކުރަން، ބިޑް ކޮމިޓީން މަސައްކަތްކުރި.
- އެއްބަސްވުމުގެ 90 ޕަސެންޓްވާ އެޑްވާންސް ފައިސާ ދޫކުރީ، އެގްޒެކިއުޓާސް އަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް.
- އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސެންޓަށްވާ ފައިސާ އާއި 15 ޕަސެންޓަށްވާ ފައިސާ ދީފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް އާއި ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ނެތި.
- އެޑްވާންސް ފައިސާ ދެއްކީ އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެން ކަމަށް. އޭރު އެއްބަސްވުމުގައި ވެސް ނުކުރޭ.
- ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓު ލިބުމުގެ ކުރިން އަދި ބިޑް ކޮމިޓީއަށް ހުށަހެޅުމުގެ ކުރިން، އޯޑަރު ކޮންފާމް ކޮށްފައިވާ ކަމަށް ތަޚުމަތީއަށް މިނިސްޓްރީން އެންގި.
- އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ އެޑްވާންސް ޕޭމަންޓް ގެރެންޓީ އާއި ޕާފޯމެންސް ގެރެންޓީއެއް ހޯދުމަށް ލާޒިމު ނުވާ ގޮތަށް.
- އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތުގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020ގައި ކަމަށް.
- ޕާފޯމެންސް ގެރެންޓީ އާއި އެޑްވާންސް ޕޭމެންޓް ގެރެންޓީގެ އިޖުރާއަތުތައް ކުރިއަށް ނުގެންދިއުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިފައެއް ނުވޭ.
- ޑްރާފްޓް އެއްބަސްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައިވީ ނަމަވެސް އެ އޮފީހުގެ ލަޔަފާ އެއްގޮތަށް އަމަލުކޮށްފައެއް ނުވޭ.
އޭސީސީން ބުނިގޮތުގައި މި މައްސަލައަކީ ޚާއްސަ އިސްކަމެއްދީގެން އަވަސް މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ބެލި މައްސަލައެކެވެ. ހަތަރު އިންވެސްޓިގޭޓަރުން ހިމެނޭ ޓީމަށް ފުލުހުން އެހީވިކަން ފާހަގަކުރެ އެވެ. މިއީ އެ ކޮމިޝަނުން ތަހުގީގުކުރާ ބޮޑު މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަަމަށް ވެސް އޭސީސީން ބުންޏެވެ.
ކޮމިޝަނުން ބުނީ މި ތަހުގީގަށް އަށް އިދާރާއަކުން މައުލޫމާތު ހޯދައި 1600 ޑޮކިއުމެންޓާއި 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން ދިރާސާކޮށް އެނަލައިޒްކޮށްފައިވާ ކަމަށެވެ. ތަހުގީގަށް 36 މީހެއްގެ ބަޔާން ނަގާފައިވެ އެވެ.
އަމީންއާ އެކު އަށް މީހަކަށް ދައުވާނުކުރަން ނިންމައިފި
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރާނެ ހެއްކެއް ނެތް
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ލަހެއް ނުވާނެ: އޭސީސީ
ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާގެ މައުލޫމާތަށް
ކޮރަޕްޝަންގެ އަޑީގައި ހުރީ މިނިސްޓަރު އަމީރު: ޝިޔާމް
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ