Roadha Mihaaru
އިންތިހާބަށް ފާރަވެރިވާން އޭސީސީ ނެތުމުން ކަންބޮޑުވެއްޖެ

އިންތިހާބު އަންނަ އިރު އޭސީސީ ނެތުމުން ކަންބޮޑުވޭ: އިދިކޮޅު

13 ޖެނުއަރީ 2022

އަންނަ މަހު ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކުރިޔަށް ދާއިރު އިންތިހާބުގެ ކަންކަމަށް ފާރަވެރިވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ނެތުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ މަހު ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކުރިޔަށް ދާއިރު އިންތިހާބުގެ ކަންކަމަށް ފާރަވެރިވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ނެތުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭސީސީގެ މެންބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވަނިކޮށް މިދިޔަ މަހު 27 ގައި އެ ކޮމިޝަންގެ މެންބަރުން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ކޮމަންޑޫ ބައ-އިލެކްޝަން އާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާ ހިއްސާ ކުރުމަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ މަހު ފަހެއްގައި އިންތިހާބު އޮންނަ އިރު އިންތިހާބު ތެރޭގައި ހިނގާ ކޮރަޕްޝަނާއި ނުފޫޒުގެ އަމަލުތައް ހުށަހަޅާނެ މުއައްސަސާއެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އޭސީސީގެ މެންބަރުން ވަކިކުރަން ނިންމާފައި ވަނިކޮށް އެ މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެން އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ނުބެލި ބޮޑު ހުސް ކަމެއްގެ ތެރޭގައި އޮތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ފުއާދު މިކަމަށް އެއްބަސްވެވަޑައިގެންނެވީ މިއީ ވެގެން ވާނެ ކަމެއް ނޫން ކަމަށް. އޭސީސީގެ މެންބަރުން ހަމަ ނުވެ އިންތިހާބަކަށް ދިޔުމަކި ކުރެވިގެން ވާނެ އަދި މިކަން ގަބޫލު ނުކުރެވޭ ކަމެއް ކަމަށް ކޮމިޝަންގެ މެންބަރުން ވިދާޅުވޭ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އިދިކޮޅު ކެންޑިޑޭޓުގެ ހައްގުތައް ގެއްލެމުންދާ ކަމަށާއި އޭސީސީން އަޅާނުލުމަކީ އެ ކޮމިޝަންގެ މެންބަރުން ވެސް މިކަމުގައި ބައިވެރިވުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވި އެވެ.

"ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމުގައިވާ އިރު އިސްވެ މި ޝަކުވާތައް ރައްޔިތުންގެ މަޖިލީހާއި ސަރުކާރަށް ހިއްސާ ނުކުރެވީ ކީއްވެތޯ،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އީސީއާ އެކު ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް މީގެ ދެ ދުވަސް ކުރިން އިއުލާން ކޮށްފައި ވަނިކޮށް، ކުއްލިއަކަށް މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓުތައް ފޮނުވަން ފެށި ކަމާއި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް އީސީ އަށް ދަންނަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ކެންޑިޑޭޓަކީ ޑްރަގް ވިޔަފާރިކޮށް ވައްކަން ކުރާ މީހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރެއްވި ކަމުގެ ޝަކުވާ ވެސް އިދިކޮޅު ފަރާތްތަކުން ކުރި އެވެ.

އެ ހުރިހާ މައްސަލައެއް ލިޔުމުން ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.