Roadha Mihaaru
މިއީ ރިޔާސީ އިންތިހާބުގެ ބިންގާއަޅާ ވޯޓު:އާދަމް ޝަރީފް

ރިޔާސީ އިންތިހާބުގެ ބިންގާ އަޅާނީ ކޮމަންޑޫ ދާއިރާގެ ކާމިޔާބީން: އާދަމް ޝަރީފް

03 ފެބުރުއަރީ 2022

ދެން އޮންނަ ރިޔާސީ އިންތިހާބުގެ ބިންގާ އިދިކޮޅު ޕީޕީއެމުން އަޅާނީ ކޮމަންޑޫ ދާއިރާގެ ތިން ރަށުން ހޯދާ ކާމިޔާބީއާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އާދަމް މިއަދު ކޮމަންޑޫގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ށ. ކޮމަންޑޫން ފަޒީނާ އަހުމަދު

ދެން އޮންނަ ރިޔާސީ އިންތިހާބުގެ ބިންގާ އިދިކޮޅު ޕީޕީއެމުން އަޅާނީ ކޮމަންޑޫ ދާއިރާގެ ތިން ރަށުން ހޯދާ ކާމިޔާބީއާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އާދަމް މިއަދު ކޮމަންޑޫގައި ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ، ކޮމަންޑޫ ދާއިރާ އިން ހޮނިހިރުދުވަހުގެ ބައި އިލެކްޝަނުގައި އިއްވާނީ ދިވެހި ރައްޔިތުންގެ ބަސް ކަމަށެވެ. ވޯޓުން ދައްކައިދޭނީ މުޅި ރާއްޖޭގެ ރައްޔިތުން ތިބި ގޮތުގެ މިސްރާބު ކަމަށް ވިދާޅުވި އެވެ.

"މި މަހުގެ ފަސް ވަނަ ދުވަހު ލާ ވޯޓަކީ ހަމައެކަނި އުސްތާޒު މޫސާ ފަތުހީ ހޮވަން ލާ ވޯޓެއް ނޫން. އެއީ އަޅުގަނޑުމެން އިރާދަކުރެއްވިޔާ 2023 ގައި ގާނޫނީ ގޮތުން އެހެން ސަރުކާރެއް ގެނައުމަށްޓަކައި ކުރާ މަސައްކަތުގައި އަޅާ ބިންގާ. އެ ބިންގާ އަޅާނީ މި ދާއިރާ އިން އަޅުގަނޑުމެން،" އޭނާ ވިދާޅުވި އެވެ.

ކެމްޕޭން ޖަލްސާގައި އާދަމް ޝަރީފް، މޫސާ ފަތުހީއާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކެމްޕޭން ޖަލްސާގައި އާދަމް ޝަރީފް، މޫސާ ފަތުހީއާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ސާބިތުކަމާ އެކުގައި މި ތިބީ. މި އިންތިހާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާނެ."

އޭނާ ވިދާޅުވީ މި އިންތިހާބުގައި ޕީޕީއެމުން ކުރި މަސައްކަތް ބަލައިގަނެ ރައްޔިތުން ތިބީ ވޯޓު ފޮށި ފުރައިދޭން ތައްޔާރަށް ކަމަށެވެ. ފައިސާގެ ބާރެއް އެ ދާއިރާއަކު ނުހިނގާނެ ކަން ދައްކައި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވީ ދޮގު ބަޔާނެއް ކަމަށާއި އެކަމުން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ބަޔާނަކީ ވެސް މި އިންތިހާބަށް ނުފޫޒު ފޯރުވަން ކުރި ކަމެއް. އެކަމަކު ކޮމަންޑޫގެ ކާކުތޯ ދިޔައީ ދެ ރައީސުން މި ރަށަށް ވަޑައިގަތްއިރު މަރުހަބާ ކިޔަން، ނުދޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"އިންތިހާބަކަށް ކުރިމަތިލައިގެން އުޅޭއިރު ތަރުހީބު ނެތިއްޔާ ހުއްޓާލީމަ ނިމުނީ."

އޭނާ ވިދާޅުވި ގޮތުގައި ކޮމަންޑޫގައި ތާއީދު އޮތީ ޕީޕީއެމަށެވެ. ދާއިރާގެ ތިން ރަށުގެ ރައްޔިތުން ހޮވަން ބޭނުން ވަނީ ފަތުހީ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަގަހައިގައި ސަޕޯޓަރުން: ކޮމަންޑޫ ދާއިރާގެ ތާއީދު އޮތީ ޕީޕީއެމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޕީޕީއެމްގެ ޖަގަހައިގައި ސަޕޯޓަރުން: ކޮމަންޑޫ ދާއިރާގެ ތާއީދު އޮތީ ޕީޕީއެމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ފަތުހީގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު ވާދަކުރައްވަ އެވެ. އެ ދާއިރާގެ ތިން ރަށުގައި ވެސް ކެމްޕޭން ފޯރިގަދަ އެވެ.

އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށް، ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދޫން ވޯޓުލުމުގެ ހައްގު 3،000 އަށް ވުރެން ގިނަ މީހުންނަށް ލިބެ އެވެ.