Roadha Mihaaru
މީރާގެ ބޯޑުގެ ޗެއާމަނަކަށް ޝަރުވަޝް ހަމަޖައްސައިފި

މީރާގެ ބޯޑުގެ ޗެއާމަނަކަށް ޝަރުވަޝް ހަމަޖައްސައިފި

03 އޮކްޓޯބަރ 2019

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް ހަމަޖައްސައިފި އެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފިނޭންސް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މޯލްޑިވްސް ސެންޓަ ފޮ އިސްލާމިކް ފައިނޭންސް ލިމިޓެޑާއި މީރާ ބޯޑުގައި އޭނާ ކުރިން އުޅުއްވި އެވެ.

ގާނޫނަށް ފަހުން ގެނައި އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތަކާއި ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެއްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ. އަދި ބިލް ތަސްދީގު ކުރާތާ ގިނަވެގެން 30 ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަލުން ބޭފުޅުން އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.

މީގެ އިތުރުން ޓެކުހާ ގުޅޭ ނިންމުންތައް އިސްތިއުނާފް ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އެގޮތުން މީރާއިން ކަނޑައަޅާ ޓެކްސްގެ އަދަދާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފް ކުރުމުގެ ކުރިން އެ ފައިސާ އެއްކޮށް ދައްކަން ޖެހޭ ގޮތަށް ގާނޫނުގައި ކުރިން އޮތަސް، އެ އިސްލާހު އޮތްގޮތުން މީރާއިން ދައްކަން އަންގާ އަދަދުގެ 30 ޕަސެންޓް ދެއްކުމަށް ފަހު އިސްތިއުނާފް ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.