Roadha Mihaaru
އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލައިފި

އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލައިފި، ރާއްޖެ އަށް ބިރެއް ނެތް

03 އޮކްޓޯބަރ 2019

އިންޑިޔާ އިން ފިޔާ އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓާލާފައިވާ އިރު މިކަމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިޔާ އިން ފިޔާ އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓާލާފައިވާ އިރު މިކަމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިޔާ އިން މި ދުވަސްވަރު އުފައްދާވަރު މަދުވާތީ، އެ ގައުމުން ވަނީ އޭޝިޔާގެ ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓާލައިފަ އެވެ. އެހެންވެ ނޭޕާލާއި ސްރީލަންކާ އަދި ބަންގްލަދޭޝްގައި ފިޔާ އަގު ވަނީ އަތްނުފޯރާ ވަރަށް މައްޗަށް ޖެހިފަ އެވެ. އެގޮތުން ހަފްތާއެއްގެ ތެރޭ ލަންކާގެ ފިޔާގެ އަގު 50 ޕަސެންޓް އުފުލިފައިވެ އެވެ.

އިންޑިޔާއަކީ މި ސަރަހައްދުގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. ފިޔާ ލިބުން ދަތިވެ، އިންޑިޔާގެ ނިއުދިއްލީގައި ވެސް ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލި، 100 ކިލޯގެ ބަސްތާއެއްގެ އަގުވަނީ 4،500 ރުފީސް އަށް ބޮޑުވެފަ އެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ފިޔާގެ އަގު އިންޑިޔާގައި އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، އިންޑިޔާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް، ރާއްޖެ އަށް އެއްވެސް ހުއްޓުމެއް ނެތި ފިޔާ އެކްސްޕޯޓް ކުރާނެ ކަމަށެވެ. އަދި ފިޔާ ލިބުމުގެ އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި އިރު ބަންގްލަދޭޝް ފަދަ ގައުމުތަކުން ވަނީ މިޔަންމާ އާއި މިސްރާއި ތުރުކީ ފަދަ ގައުމުތަކުން ފިޔާ އިމްޕޯޓް ކުރަން ފަށައިފަ އެވެ.

މުމްބާއީގައި ހުންނަ އޮނިއަން އެކްސްޕޯޓާސް އެސޯސިއޭޝަންގެ ރައީސް އަޖިޓް ޝާހު ވިދާޅުވީ، އަންނަ ނޮވެމްބަރާ ހަމައަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލައިފައި އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ކުރިން ވެސް ފިޔާ ލިބޭ ވަރު މަދުވުމުން ފިޔާ އެކްސްޕޯޓް ކުރުން އިންޑިޔާއިން ހުއްޓާލާފައިވެ އެވެ.

މިދިޔަ އަހަރު އެކަނި ވެސް އިންޑިޔާ އިން 2.2 މިލިއަން ޓަނުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވެ އެވެ. މިއީ މުޅި އޭޝިޔާގެ ފިޔާގެ އެކްސްޕޯޓުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް ބޮޑު އަދަދެކެވެ.